އޮސްޓްރޭލިއާގެ ކުޑަކުޑަ އަވަށަކަށް ވާލުގެ ބޮޑު "ތޫފާނެއް" ކުރިމަތިވެއްޖެ އެވެެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވާލުގެ އަދަދު ކުއްލިއަކަށް އިންތިހާ އަށް ގިނަވެ، އާންމުންގެ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓައިލީ ކްއީންސްލޭންޑްގެ އިންގާމް އަވަށުގަ އެވެ. އެތަނަކީ އެންމެ 4،300 މީހުންގެ އަބާދީއެއް އޮންނަ ތަނެކެވެ.
އެ އަވަށުގެ މީހުން ބުނިގޮތުގައި ވާ ކުއްލިއަކަށް މިހާ ގިނަވާން ފެށި ސަބަބެއް ނޭނގެ އެވެ. އެކަމަކު އުޑުމަތި ކަޅުކޮށްލާ ވަރަށް، ވާލުގެ ބައިގަނޑުގެ ބިރުވެރިކަން ބޮޑު ކަމަށް ބުންޏެވެ.
"މިކަމުގެ ސަބަބުން ބަލިމަޑުކަމެއް ވެސް ފެތުރިދާނެތީ ބިރުން މިހާރު މި ތިބެނީ. އަނެއްކާ މުޅި އަވަށުގައި ވަނީ ވާލުގެ ސަބަބުން ނުބައި ވަހެއް ފެތުރިފައި. އެހާ ވެސް އެ އެއްޗެހީގެ އަޑުފަށްގަނޑު ގަދަ،" އިންގާމްގެ ރައްޔިތެއް ކަމަށްވާ އެޑަމް ކޯރިލާ މީޑިއާއަކަށް ބުންޏެވެ.
އިންގާމްގެ ރައްޔިތުން ކިޔައިދިން ގޮތުގައި ވާލުގެ ބައިގަނޑު ވަނީ އެތަނުގެ ބޮޓޭނިކަލް ގާޑަން އާއި ކައިރީގައި ހުރި ސްކޫލްތަކުގެ ގަސްތަކަށް ވެރިވެގެންފަ އެވެ. ވާލުގަނޑުގެ ބައިގަނޑު ގިނަކަމުން ބައެއް މީހުން އެކަން ސިފަކުރަނީ މުޅި އޮސްޓްރޭލިއާގައި އުޅޭހާ ވާލުތައް އިގާމަށް ޖަމާވެފައިވުން ކަމުގަ އެވެ.
އޮސްޓްރޭލިއާގައި އުޅޭ ވާލަކީ އޮސްޓްރޭލިއަން ބެޓް ލިސަވައިރަސް (އޭބީއެލް) ކިޔާ ބައްޔެއް ވެސް ފަތުރާ އެއްޗެކެވެ. އެގޮތުން ވާލަކާ ކޮންޓެކްޓްވެއްޖެ ނަމަ އެ ބަލި އިންސާނުންނަށް ފެތުރެ އެވެ. އޭބީއެލް އެންމެ ފުރަތަމަ އޮސްޓްރޭލިއާ އިން ފެނުނީ 1996 ގަ އެވެ. އަދި އޭގެ ސަބަބުން ބަޔަކު މަރުވެސް ވެފައިވެ އެވެ.