ފަޔަށް ބާރުކޮށް ފަހާފައި ހުންނަ ސްކިނީ ޖީންސަކީ އަހަރުތަކެއް ކުރިން މަގުބޫލުވި އެއްޗެކެވެ. ނަމަވެސް، ނިމިގެން ދިޔަ ފެޝަން ވީކްތަކުން ފާހަގަވި މައިގަނޑު ޓްރެންޑަކީ ދޫކޮށް އަދި ފުޅާ ކޮށް ހުންނަ ޖިންސާއި ފަޓުލޫނު އަނެއްކާވެސް އެނބުރި އައި ތަނެވެ.

ޕެރިސް، މިލާން އަދި ނިޔު ޔޯކްގައި ބޭއްވި ފުރިހަމަ ފެޝަން ޝޯތައް ބަލަންދިޔަ ފެޝަން ދާއިރާގެ މީހުންގެ ހެދުންތަކަކީ ފަހަކަށްއައިސް ވަރަށް ނުފޫޒު ގަދަ އެއްޗަކަށް ވަނީ ވެފަ އެވެ. ފެޝަން އެޑިޓަރުން، ބަޔާޒް، ޖާނަލިސްޓުން އަދި ސްޓައިލިސްޓުން ހެދުން އަޅާފައި ތިބޭ ގޮތް ވޯގް ފަދަ ބޮޑެތި ފެޝަން މަޖައްލާތަކުން ފާހަގަ ކުރެ އެވެ. އެއީ މި މީހުން ލައިގެން ތިބޭ ހެދުންތަކަކީ މުސްތަގުބަލުގައި މަގުބޫލުވާނެ ޓްރެންޑުތަކަށް ވާތީ އެވެ.

ކުލޮޓްސް، ވައިޑް ޕޭންޓްސް، ޕަލައްޒޯ ޕޭންޓްސް، ކްރޮޕްޑް ފްލެއާ ޖީންސު ފަދަ ސްޓައިލްތައް ރީތި މަތިތަކާ ގުޅުވާލައިގެން ތިބިތަން ސްޓްރީޓް ސްޓައިލް ފޮޓޯތަކުން ފާހަގަވި އެވެ. ގިރުވާން ލާފައި ހުންނަ އަތް ދިގު ގަމީހަކާ އެކު މިވައްތަރުގެ ދޫ ތިރިއެއް ވަރަށް ޗާލެވެ.

ފެޝަން ވީކް ސްޓައިލްތައް
ފެޝަން ވީކް ސްޓައިލްތައް

ފުޅާކޮށް ހުންނަ ތިރި އަކީ ލައިގެން އުޅެން ފަސޭހަ އަދި ގިނަ ވައްތަރުގެ މައްޗާ ގުޅުވާލެވޭނެ ޒަމާނީ ސްޓައިލެކެވެ. މިވައްތަރުގެ ތިރިއަކާ އެކު ރީތި ޑިޒައިނެއްގެ ބޫޓެެއް ރަނގަޅުވާނެ އެވެ.

ފެޝާން ވީކް ސްޓައިލްތައް
ފެޝާން ވީކް ސްޓައިލްތައް

ދޫކޮށް އަދި ފުޅާކޮށް ހުންނަ ޖިންސާއި ފަޓުލޫނުގެ އިތުރުން ފަހަކަށްއައިސް، ހެދުމާއި ޓޮޕު ވެސް ދޫކޮށް ހުންނަ ސްޓައިލަކަށް ފަރުމާކޮށްފައިވާކަން ފާހަގަވެ އެވެ. މައްޗާއި ތިރި ދޫކޮށް ހުންނަ ސްޓައިލަކަށް ބަހައްޓަން ބޭނުން ނަމަ، ކުލަ އާއި ޕްރޮޕޯޝަނަށް ބަލަން ވާނެ އެވެ.

ފެޝަން ވީކްގެ ސްޓައިލްތައް
ފެޝަން ވީކްގެ ސްޓައިލްތައް

ފަހުގެ ފެޝަން ޓްރެންޑްތަކަކީ ލައިގެން ހުންނަން ފަސޭހަ ސްޓައިލްތަކަށް ބަދަލުވަމުން ދާކަން ފާހަގަވެ އެވެ. ހެދުމުގެ އިތުރުން، ބޫޓު ވެސް، ފަހަކަށް އައިސް ތިރިކޮށް، ކުޑަ ހީލެއް ލާފައި، ސްނީކާޒް ފަދަ ސްޓައިލްތައް އާއްމު ވެއްޖެ އެވެ. މިކަހަލަ ހެދުން ސްޓައިލްތަކުން، އެމީހެއްގެ ހަށިގަނޑު ބައްޓަމަށް އިސްކަންދިނުމާއި އެމީހެއްގެ ހުނަރާއި ވިސްނުން ތޫނު ކަން ފެންނަ ކަމަށް ގިނަ ސްޓައިލިސްޓުން ބުނެފައިވެ އެވެ.