އެމެރިކާގެ ހަމަނުޖެހުންތަކާ ހެދި އެންޑްރޮއިޑް 11ގެ އިވެންޓް ފަސްކޮށްފި

ގޫގުލްގެ އޮޕަރޭޓިން ސިސްޓަމް (އޯއެސް) ގެ އެންމެ ފަހުގެ ވާޝަން ކަމަށްވާ އެންޑްރޮއިޑް 11 ބީޓާގެ އާ ފީޗާތައް ދައްކައިލަން އަންނަ މަހުގެ ތިން ވަނަ ދުވަހު ބާއްވަން ނިންމި އިވެންޓް އެމެރިކާގައި މިހާރު އުފެދިފައިވާ ހަމަނުޖެހުންތަކާ ހެދި ފަސްކޮށްފި އެވެ.


ފުލުހުންތަކެއް ކަޅުނަސްލުގެ މީހަކު މަރައިލުމާ ގުޅިގެން އެމެރިކާގެ މިނިއާޕޮލިސްގައި ވަނީ ބޮޑެތި ހަމަ ނުޖެހުންތަކެއް އުފެދިފަ އެވެ. ޖޯޖް ފްލޮއިޑް ކިޔާ މީހަކު މިދިޔަ ހޯމަ ދުވަހު ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ފުލުހުންގެ އޮފިސަރަކު އަނިޔާވެރި ގޮތަކަށް އަމަލުކުރުމުން އެ ހާދިސާގައި 46 އަހަރުގެ މީހާ ވަނީ މަރުވެފަ އެވެ. އެއާ އެކު ބޮޑެތި ހަމަނުޖެހުންތަކެއް ތަން ރޯ ވެސް ކޮށްލާފައިވެ އެވެ.

ގޫގުލް އިން ބުނިގޮތުގައި މިކަމާ ހެދި އަންނަ މަހުގެ 3 ވަނަ ދުވަހު ބާއްވަން ރޭވި އިވެންޓް ހާލަތު ތަން ނުދޭތީ ފަސްކޮށްފައިވާ ކަމަށާއި ފަހުން ތާރީހެއް އިއުލާންކުރާނެ ކަމަށެވެ.

އެންޑްރޮއިޑް 11 އަކީ ގޫގުލްގެ މޮބައިލް އޯއެސްގެ 18 ވަނަ ވާޝަނެވެ.