19 ޖުލައި 2020 - 07:30
ޔުކްރޭނުގެ ޓީވީ ޗެނެލެއްގައި އަންހެން ޕްރެޒެންޓަރަކު ޚަބަރު ކިޔަން އިންދައި ދަތެއް ވެއްޓިއްޖެ އެވެ.
މިކަން ކުރިމަތިވީ ޗެނެލް ޓީސީއެޗްގެ ޚަބަރު ކިޔަން އެރި މަރިޝްކާ ޕަޑޯލްކޯއަށެވެ. އޭނާ އަކީ ޚަބަރު ކިޔުމުގައި 20 އަހަރު ހޭދަކޮށްފައިވާ މީހެކެވެ.
މަރިޝްކާ ޚަބަރު ކިޔަން އިންދައި އޭނާގެ މަތީ ދަތްފިލައިގެ މެދުން ދަތެއް މަޑުމަޑުން ލުހެން ފެށުމުން އަނގަމަތީގައި އަތް ޖެއްސުމަށް ފަހު އެ ދަތް އޭނާ ވަނީ ނަގައިފަ އެވެ. އަދި ބެލުންތެރިންނަށް އެކަން ފާހަގަ ނުވާނެހެން ޚަބަރު ކިޔުމައިގެން ކުރިއަށް ދިޔަ އެވެ. މި ވާހަކަ މަރިޝްކާ ވަނީ ވީޑިއޯއާ އެކު އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ.
އޭނާ ބުނި ގޮތުގައި ލައިވް ޓީވީގައި ޚަބަރު ކިޔަން އިންދައި ދަތެއް ވެއްޓުމަކީ މީޑިއާގައި މިހާތަނަށް ކުރިމަތިލާން ޖެހުނު އެންމެ އާދަޔާހިލާފު ހާދިސާ އެވެ. އަދި މިކަމުގެ ތެރޭގައި ދެއްކީ ޓްރެއިނިން ތެރޭގައި ދަސްކުރި އެއްޗިއްސާއި މަސައްކަތުގެ ތަޖުރިބާ ކަމަށް ބުންޏެވެ.
"އެހެންވެ އަހަރެން މަސައްކަތްކުރީ ބެލުންތެރިންނަށް އައިބުނުވާނެ ގޮތަކަށް ޚަބަރު ކިޔުމައއިގެން ކުރިއަށް ދާން." މަރިޝްކާ ބުންޏެވެ. "އެކަމަކު މިއީ ވަރަށް އެހެން ކަހަލަ ހާދިސާއެއް."
އޭނާ ބުނި ގޮތުގައި ލައިވް ޓީވީގައި ވެއްޓުނު ދަތަކީ މީގެ 10 އަހަރު ކުރިން ދަރިފުޅާ އެކު ކުޅެން އުޅެނިކޮށް، ދަރިފުޅު އެއްލި ސޯނާ ގަޑިއަކުން ޖެހި އަނިޔާއެއް ލިބި ބަލިވެފައި އިން ދަތެކެވެ.
މަރިޝްކާގެ ދަތް ވެއްޓުނު ހާދިސާގެ ވާހަކަ ވަރަށް ގިނަ މީހުން ސޯޝަލް މީޑިއާގައި ވެސް ދައްކާފައިވެ އެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކު އޭނާ ދެއްކި ހިތްވަރަށް ސާބަސް ދީފައިވެ އެވެ. މަރިޝްކާގެ އިންސްޓަގްރާމް ޕޯސްޓަށް ގިނަ ބަޔަކު އޭނާ އަށް ހިތްވަރުދީ ކޮމެންޓްކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަސް
19 July 2020
ހީވެސް ނުވޭ. ބެލުންތެރިންނަށް ހީނުވާކަހަލަ ގޮތަކަށް އޭނަ އެކަންކުރީ. ވަރަށް ކުޅަދާނަ ޕްރެޒެންޓަރެއް.