އިނގިރޭސިވިލާތުގެ ކުރީގެ ރޮކް ބޭންޑް ދަ ބީޓްލްސްގެ ސިޓީއެއް ނީލަމެއްގައި ވިއްކައިލަން ނިންމައިފި އެވެ.
މި ސިޓީގެ ހާއްސަ ކަމަކީ މިއީ ބޭންޑްގެ ވަރަށް ކުރީކޮޅު އޭގެ މެމްބަރަކު ވަކިކުރަން ނިންމިކަން އަންގައި އޭގެ މެނޭޖަރު ބްރަޔަން އެޕްސީން ލިޔުނު ސިޓީއަކަށްވުމެވެ. ސެޕްޓެމްބަރު 8، 1962 ގައި އެ ސިޓީ ލިޔުނީ "ބީޓްލްސް" ގެ މެމްބަރުންގެ ތެރޭގައި ހިމެނުނު މައި ޑްރަމަރު ޕީޓް ބެސްޓް ވަކިކޮށް، އޭނާގެ ބަދަލުގައި ރިންގޯ ސްޓާ ހަމަޖެއްސި ވާހަކަ އެންގުމުގެ ގޮތުންނެވެ.
ސިޓީގައިވާ ގޮތުން ބޭންޑުން ބެސްޓް ވަކިކުރަން ނިންމީ "ދި އޯލް ސްޓާސް" ކިޔާ ބަޔަކާ ގުޅުނުކަން އެނގިގެންނެވެ. އެހެންވެ އޭނާ ބޭންޑުން ވަކިކުރަން ނިންމިކަން އަންގައި ސިޓީގައި މެނޭޖަރުގެ ފަރާތުން ބޭންޑްގެ ބުކިން މެނޭޖަރު ޖޯ ފްލެނެރީ އަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ބެސްޓަށް ކާމިޔާބީ އަށް ވެސް އެދިފައިވެ އެވެ.
"ބީޓްލްސް" އިން ބެސްޓް ވަކިކުރުންވެގެން ދިޔައީ އޭނާގެ މިއުޒިކް ކެރިއަރުގައި ސިއްކަ ޖެހުނު ކަމަކަށެވެ. ފަހުން އޭނާ މަސައްކަތްކުރީ ބޭކަރީއެއްގަ އެވެ. އޭގެ ފަހުން ސަރުކާރުގެ ވަޒީފާތަކެއް ވެސް އަދާކުރި އެވެ.
ބެސްޓް ބޭންޑުން ވަކިކުރިކަން އެންގި ސިޓީ ނީލަމުގައި ވިއްކައިލަން ހުޅުވާލާނީ މާދަމާ އެވެ. އޮމެގާ އޮކްޝަންސް އިން އިންތިޒާމުކުރާ ނީލަމުގައި ސިޓީ ވިއްކައިލަން ހުޅުވައިލާ އަގަކީ 1،291 ޑޮލަރެވެ.
"އެކަމަކު އެއަށް ވުރެ ބޮޑު އަގަކަށް ސިޓީ ވިކޭނެކަމުގެ އުންމީދު ވަރަށް ބޮޑު،" އޮމެގާ އޮކްޝަންސްގެ އޮކްޝަންސް މެނޭޖަރު ޑޭމް ހެމްޕްސަން ވިދާޅުވި އެވެ.
ނީލަމުގައި ވިއްކައިލާ މި ސިޓީ އަކީ "ބީޓްލްސް" ގެ 200 އެއްހާ ތަކެތީގެ ތެރެއިން ވިއްކައިލާ އެއްޗެކެވެ. އެ އެއްޗެހި ވިއްކައިގެން 77،500-103،000 ޑޮލަރު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. އޭގެ ތެރޭގައި ބޭންޑްގެ އެންމެ މަޝްހޫރު މެމްބަރު އަދި މިހާރު އުމުރުން 78 އަހަރުގެ ޕޯލް މެކާޓްނީގެ ނޯޓެއް ވެސް ހިމެނެ އެވެ. އެ 19،365 ޑޮލަރަށް ވިއްކައިލެވޭނެ ކަމަށްވެ އެވެ.