ކޮކްޕިޓްގައި މި ތިބީ ދެމައިން

ފްލައިޓެއްގެ ކޮކްޕިޓްގެ ތެރޭގެ ޒިންމާތައް މަޔަކާއި ދަރިއަކަށް ނަގަން ނެގުމަކީ އެހާ އާންމު ކަމަކަށް ނުވާނެ އެވެ. އެކަމަކު އަދި މިފަދަ ފުރުސަތެއް ލިބުމަކީ ހަޔާތުގައި ލިބޭނެ ވަރަށް ހާއްސަ ކަމަކަށް ވެސް ވާނެ އެވެ. އަދި އެފަދަ ދަތުރެއް ތަޖުރިބާކޮށްލަން ލިބޭ ދަތުރުވެރިންނަށް ވެސް އެއީ ތަފާތު ކަމަކަށް ވާނެ އެވެ.


މިއީ އެމެރިކާގެ އަންހެން ދެ ޕައިލެޓުންގެ ވާހަކަ އެވެ. ސުޒީ ޖެރެޓަކީ، ޑޮނާ ޖެރެޓްގެ މަންމަ އެވެ. ދެމައިން އެކީގައި ސްކައިވެސްޓް އެއާލައިން ފްލައިޓެއްގައި ޕެސެންޖަރުން ގޮވައިގެން އެންމެ ފުރަތަމަ ދަތުރުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ސުޒީ އަކީ ސްކައިވެސްޓް އެއާލައިންގެ ފުރަތަމަ އަންހެން ޕައިލެޓް ވެސް މެ އެވެ.

ލޮސް އެންޖެލިސްގައި ބޮޑުވަމުން އައި އިރު ޑޮނާ އަށް ފެނުނީ މަންމަ ވަރަށް ފޫހި ވަޒީފާއެއް އަދާކުރާ ތަނެވެ. މަންމަ އަކީ ޕައިލެޓެކޭ ބުންޏަސް އޭނާއަކަށް އެއީ އެހާ ހާއްސަ ކަމަކަށް ނުވެ އެވެ. އެކަމަކަށް އެއްވެސް ޝައުގުވެރި ކަމެއް ވެސް ނުދެވެ އެވެ. އެކަމަކު ފުރާވަރު ފަހަނަޅައި ޒުވާން އުމުރަށް އެޅި އިރު ޑޮނާގެ ހިޔާލު އޮތީ ބަދަލުވާން ފަށައިފަ އެވެ. މަންމަގެ ކެރިއަރު އޭނާ އަށް ފަހުން ފެނުނީ ވަރަށް ވެސް "ހެޕެނިން" އަދި ޒިންމާ ބޮޑު މަގާމެއްގެ ގޮތުގަ އެވެ. އެހެންވެ ޑޮނާ ނިންމީ ކުރިން ފޫހިވި އޭވިއޭޝަން ދާއިރާ އިން ކުރިއަށް ދާށެވެ.

މަންމައާ އެކު ކޮކްޕިޓްގައި އިނުމުގެ ޝަރަފު ލިބުނީ ޕައިލެޓަކަށްވާން ކުރި ހިތްވަރާއި އެކަމަށް ޖެހުނު ލޯތްބެއްގެ ބޮޑުކަމުންނެވެ.

"މިހާރު އިހުސާސްކުރެވޭ މިއީ ކިހާ ޒިންމާދާރު ވަޒީފާއެއްކަން." ޑޮނާ، 26، ބުންޏެވެ. "މަންމަ ކިހާ ލޯބިން އުޅޭ ވަޒީފާއެއްކަން މިއީ."

އޭނާ ބުނި ގޮތުގައި މަންމައާ އެކީގައި ކޮކްޕިޓް ބެލެހެއްޓި ދުވަހަކީ ހަޔާތުގައި އައި އެންމެ އުފާވެރި އެއް ދުވަހަށް ވާނެ އެވެ. އަދި އެއީ ދުވަހަކު ވެސް ހަނދާން ނައްތައިނުލެވޭނެ ކަމެއް ކަމަށް ބުންޏެވެ.

"އެ ފުރުސަތު ލިބުމާ އެކު ވެސް އެނގުނު މިއީ އަހަރެމެންނަށް ވަރަށް ވެސް ހާއްސަ ކަމަކަށް ވާނެކަން،" ސްކައިވެސްޓްގައި ވަޒީފާ އަދާކުރާތާ 30 އަހަރުވީ ސުޒީ ބުންޏެވެ. "އެ ފުރުސަތު ލިބުންވެގެން ދިޔައީ ފުރަތަމަ ކަމަކަށް ވަރަށް ބޮޑު ސަޕްރައިޒަކަށް. ފާޑަށް ޝޮކްޖެހިފައިި ތިބެވުނީ."

ސުޒީ ކިޔައިދިން ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހު ދަރިފުޅާ ހިއްސާވެގެން ފްލައިޓް ދުއްވާލަން ލިބުނު ދުވަހަކީ ވަރަށް ހަނދާނީ ތާރީހީ ދުވަހެކެވެ.

"އެ ދުވަހު އެއާޕޯޓްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އަހަރެމެން ދެމައިންނާ އެކީގައި ފޮޓޯ ނުނަގާ ބަޔަކު ނެތް،" އޭނާ ބުންޏެވެ. "ވަރަށް ވެސް އުފާވެރި ދުވަހެއް އެއީ. އަހަރެމެންނާ އެކީ ދަތުރުކުރި މީހުން އެކީގައި ފޮޓޯ ނަގައި ފާޅުކުރި ޝުއޫރުތަކުން އުފަލުން ގޮސް ފެންކަޅިވި."

ސުޒީ ބުނީ އެ ތަޖުރިބާ އަށް ފަހު މި އަހަރު ވެސް ދަރިފުޅާ އެކީގައި އުދުހުންތަކަށް ނުކުމެވޭނެ ކަމަށް އުންމީދުކުރެވުނު ކަމަށެވެ. އެކަމަކު ކޮވިޑް-19 އާ ހެދި މި އަހަރު ވެގެން ދިޔައީ ހީ ވެސް ނުކުރާ ކަހަލަ އަހަރަށެވެ. ސްކައިވެސްޓްގެ ދަތުރުތައް ވެސް ވަގުތީ ގޮތުން ހުއްޓައިލަން ޖެހުމުން މި އަހަރު ދިޔައީ އުދުހިލާނެ ފުރުސަތު ނުލިބި އެވެ.

ސުޒީ މި ވަގުތު ލޮސް އެންޖެލިސްގައި އުޅުނަސް ޑޮނާ މިހާރު ދިރިއުޅެނީ ޝިކާގޯގަ އެވެ. ވަރަށް މަދުން ނޫނީ މިހާރު ދެމެއިން ބައްދަލެއް ވެސް ނުވެ އެވެ.

ކުރިން ފޫހިވި ޕައިލެޓްގެ ކެރިއަރާ ބެހޭ ގޮތުން ޑޮނާ ބުނީ މިއީ ކުރިން ހީ ވެސް ނުކުރާ ކަހަލަ ޝައުގުވެރި ދާއިރާއެއް ކަމަށެވެ. އަދި މިހާރު އެންމެ އުފާވާ ކަމަކީ ފިރިހެނުން ނަގާކިޔާ އޭވިއަން އިންސްޓްރީގައި ދެ ޖިންސްގެ ހަމަހަމަކަން ވަރަށް ބޮޑަށް އޮތުން ކަމަށް ބުންޏެވެ. އަދި އަންހެން ޕައިލެޓުން އިތުރުވަމުން ދިއުމަކީ އެންމެ އުފާވާ ކަންތައް ކަމަށް ބުންޏެވެ.

"މަންމަ އަށް މި ދާއިރާ އަށް ނުކުމެވި، ކުރިއަށް ދެވުނީ ވަރަށް ގިނަ ޗެލެންޖްތަކާ އެކު. އަންހެނަކަށްވީތީވެ ކުރިމަތިވި ހުރަސްތައް ވަރަށް ގިނަ. އެކަމަކު އަހަރެން އުފާވާ ކަމަކީ އަހަންނާ ހިސާބަށް އައި އިރު، އެ ތަފާތުކުރުންތަކާއި އެ ޗެލެންސްތައް މިހާރު ނެތޭ ބުނާ ވަރަށް ފިލައިގެން ގޮސްފައިވާތީ،" ޑޮނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި އަންހެނަކު ހިތްވަރާއި އަޒުމަކާ އެކު ކަމަކަށް ނުކުމެއްޖެ ނަމަ އެކަމެއް ހާސިލުނުކުރެވޭނެ އެއްގޮތެއް ވެސް ނޯންނާނެ އެވެ.

"މަންމަގެ ލައިފުން އަހަންނަށް ދަސްވި އެއްޗަކީ. އަހަރެން ޒުވާން އަންހެނުންނަށް ބުނެލަން އޮތީ ފަސްޖެހޭނެ ކަމެއް ނެތޭ. ހުވަފެނެއް އޮތިއްޔާ އޭގައި ކުލަ ޖައްސާށޭ،" ޑޮނާ ބުންޏެވެ. "ކުރަން އުޅެފިއްޔާ ކޮންމެ ކަމެއް ވެސް ވާނެ."