ލައިފްސްޓައިލް / ވައިގެ ދަތުރުފަތުރު

އުމުރުން 19 އަހަރުގެ ޕައިލެޓެއް އެކަނި ދުނިޔެ ވަށައި ބުރަކަށް

މަތިންދާބޯޓް ދުއްވުމަކީ އުމުރުން 19 އަހަރުގެ ޒާރާ ރަދަޕޯޑަށް އާ ކަމެއް ނޫނެވެ. މިކަން އޭނާ ކުރަނީ އުމުރުން އެންމެ 14 އަހަރުން ފެށިގެންނެވެ. އާންމުކޮށް ކުއްޖަކަށް ނުލިބޭނެ މި ފުރުސަތު ޒާރާ އަށް ލިބުމުގެ ސިއްރަކީ އޭނާގެ މަންމަ އާއި ބައްޕަ އަކީ ވެސް ޕައިލެޓުންނަށްވުމެވެ. އެހެންވެ އެ މީހުންގެ އަމިއްލަ ކުދި ޖެޓްތަކަށް އަރައިގެން އުދުހެން ދަސްކުރަން ފެށި މަސައްކަތަކީ ޒާރާ އަބަދު ވެސް އެންމެ ގަޔާވި ކަންތަކެވެ. އޭނާ އަށް ރަސްމީކޮށް ޕައިލެޓް ލައިސަންސް ލިބުނީ މިދިޔަ އަހަރު އެވެ.

އިނގިރޭސިވިލާތާއި ބެލްޖިއަމްގެ ރަށްވެހިކަން އޮންނަ ޒާރާ މިހާރު ތައްޔާރުވެފައި މި އޮތީ އެކަނިމާއެކަނި މަތިންދާބޯޓުގައި ދުނިޔެ ވަށައި ބުރެއް ޖަހާށެވެ. މިކަން އޭނާ ކާމިޔާބުކުރުމުން ވާނީ މިހާތަނަށް ފުރާވަރުގެ ކުއްޖަކު ސޯލޯ ވައިގެ ދަތުރަކުން ދުނިޔެ ވަށައި ޖެހި ފުރަތަމަ ބުރަށެވެ.

ދެ މަސް ދުވަހުގެ ތެރޭގައި ޓާގެޓް ހާސިލުކުރަން އަމާޒު ހިފާފައިވާ އިރު، ދަތުރު މިއަދު ރަސްމީކޮށް ބެލްޖިއަމުން ފަށާނެ އެވެ. މިކަމާ ޒާރާ ހުރީ ވަރަށް އުފަލުންނެވެ. އޭނާގެ މުޅި ދަތުރު ނިންމާލައި އިރު 52 ގައުމެއްގައި މަޑުކުރާނެ އެވެ. އެއީ އީކުއޭޓާ ވެސް ހުރަސްކުރުމާ އެކީގަ އެވެ.

"މިއީ ވަރަށް ދުވަސްވީ ހުވަފެނެއް،" ޔުނިވަސިޓީ ތައުލީމުގެ ފެށުމުގެ ކުރިން އެއް އަހަރު އަމިއްލަ އޭވިއޭޝަން ތަޖުރިބާ އަށް ހުސްކޮށްގެން ހުރި ޒާރާ ބުންޏެވެ.

އޭނާ ސޯލޯ ދަތުރަށް ބޭނުން ކުރަނީ "ޝާކް އަލްޓްރަލައިޓް" ކުޑަ މަތިންދާބޯޓެކެވެ. އެކަމަކު މިއީ ދުވެލި ވަރަށް ބާރު އެއްޗެކެވެ. މި ހާއްސަ ދަތުރަށް ނުކުންނަ އިރު އުދުހުމުގެ ދާއިރާ އިން ޒާރާ މިހާތަނަށް ގިނަ ތަޖުރިބާތަކެއްކޮށްފި އެވެ. އޭނާ ރަސްމީކޮށް ފުރިހަމަކުރި ފްލައިޓްގެ އަދަދު 80 އަށް ވުރެ ގިނަ އެވެ. އަދި ރަސްމީކޮށް ގުނުމުގައި ނުހިމަނާ ފްލައިޓްގެ އަދަދު 100 އަށް ވުރެ ގިނަ އެވެ.

"މިކަމުގައި މުހިއްމީ އަދަދެއް ނޫން. މުހިއްމީ ކޮލިޓީ. އަހަރެންގެ ކޮންމެ ފްލައިޓަކީ ވެސް ވަރަށް ރަނގަޅު ހިތްގައިމު ތަޖުރިބާއެއް،" ޒާރާ ބުންޏެވެ.

އެހެންވެ އެކަނިމާއެކަނި ދުނިޔެ ވަށައި ބުރެއް ޖަހަން ފަށާ ދަތުރަކީ އޭވިއޭޝަންގެ ދާއިރާގެ އާ އުސްމިނަކަށް ވާސިލުވާން ލިބޭނެ ރަނުގެ ފުރުސަތެއްގެ ގޮތުގައި ދެކެ ޒާރާ އެވެ. މި ދަތުރުގައި އޭނާ މުޅިން ވެސް އުދުހޭނީ ދުވާލުގެ ވަގުތުތަކުގަ އެވެ. އަދި ދެ މަސް ދުވަހުގެ ދަތުރުގައި، މޫސުން ގޯސް ދުވަސް ދުވަހު ދަތުރެއް ނުކުރާނެ އެވެ.

"ކުރަން މި އުޅެނީ ކީއްކަން އެނގޭ. އެހެންވީމަ އަހަރެންގެ އުންމީދަށް ވާސިލުވެވޭނެ،" ޒާރާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިފަދަ ކަމަކަށް ނުކުންނަން ބޭނުންވި މައިގަނޑު އެއް ސަބަބަކީ އޭވިއޭޝަން ދާއިރާ އަށް ޒުވާން އަންހެނުން ލޯބި ޖެއްސުމެވެ. ޕައިލެޓް ކަމަކީ އޭވިއޭޝަން އިންޑަސްޓްރީ އަށް ބަލާ އިރު އަންހެނުންގެ ދައުރު އަދި ވަރަށް ކުޑަ ދާއިރާއެކެވެ. އެހެންވެ މިހާ ޒުވާން އުމުރުގައި ޒާރާ ދުނިޔެ ވަށައި ސޯލޯ ދަތުރެއް ކުރުމަކީ އޭނާ ދެކޭ ގޮތުގައު އެތައް އަންހެނަކަށް އިންސްޕިރޭޝަނަކަށް ވާނެ އެވެ.

އޭނާގެ މި ދަތުރަކީ އަމިއްލަ އަށް ފަންޑު ވެސް ހޯދައިގެން ކުރާ ކަމެކެވެ. އެއީ އަތުގައި އޮތް ކާރެއް ވިއްކާލައިގެން ލިބުނު ފައިސާއިންނެވެ. އަދި މި ދަތުރަކީ ތިމާއްޓާ ރައްޓެހި ދަތުރަކަށް ވެސް ވާނެ ކަމަށް ބުންޏެވެ.

ޒާރާ ބުނި ގޮތުގައި އޭނާގެ މުޅި ދަތުރަށް ބޭނުންކުރާ ހަކަތައިގެ ނިސްބަތަކީ ބޮއިން 747 މަރުކާގެ މަތިންދާބޯޓެއްގެ އިންޖީނެއްގެ އެންމެ 10 މިނެޓްގެ ހަކަތަ އެވެ. އަދި ދަތުރުގެ "ކާބަން ފުޓްޕްރިންޓް" އަށް އޭނާ ގަސް އިންދުމުގެ ޕްރޮޖެކްޓެއް ވެސް ކުރިއަށް ގެންދެ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454