އެމެރިކާގެ ފިރިހެނަކު ލޯބިވެރިޔާ އަށް ފަސް އަނގޮޓިން ޕްރޮޕޯޒްކުރުމުން އެކަމަށް އާންމުންގެ ސަމާލުކަން ހުއްޓި އެއީ ޕްރޮޕޯޒްކުރުމުގައި ދެން ބެންޗްކާމަކަށް ބަލަން ޖެހޭނެ ކަމަށް ބުނެ ޝުއޫރު ފާޅުކުރަން ފަށައިފި އެވެ.

މި މަހުގެ 4 ވަނަ ދުވަހު އެޓްލާންޓާގެ އުސް އިމާރާތެއްގެ މަތީގައި ބޭއްވި ޕްރޮޕޯސަލްގެ ވީޑިއޯ ވެސް އިންސްޓަގްރާމްގައި އާންމުކޮށްފައިވާ އިރު އޭގައި ފެންނަނީ ވިލިއަމް ހަމް ކިޔާ ފިރިހެން މީހާ ހެލިކޮޕްޓަރެއްގައި އައިސް ބްރިޓްނީ މިލާ އަށް ޕްރޮޕޯޒްކުރާ ތަނެވެ. ކައިރީގައި އެހީތެރިންގެ ގޮތުގައި އިތުރު ބަޔަކު ވެސް ތިބެ އެވެ.

ބްރިޓްނީ ދެކެ ވަރަށް ލޯބިވާ ކަމަށާއި އޭނާއާ ނުލައި ނޫޅެވޭނެ ކަމަށް ވިލިއަމް އެއް ކަކޫ މައްޗަށް ތިރިވެ، ބްރިޓްނީގެ ގާތުން އިންނަން އެހީ ފަސް އަނގޮޓީގެ ޕްލޭޓް ދައްކައިލުމާ އެކީގަ އެވެ.

"އަހަންނާ އިންނާނަންތަ؟ މި ފަސް އަނގޮޓި ވެސް ޓްރައިކޮށްލެވިދާނެ. ނޫނީ އެކަތި ވެސް ނެގިދާނެ،" އަނގޮޓި ޕްލެޓާ އެކު ވިލިއަމް ބުންޏެވެ.

އެ ހިސާބުން ބްރިޓްނި އަށް އުފަލުން ގޮސް ރޮވެ އެވެ. އަދި ހިނދުކޮޅު ގަބޫލުކުރަން ވެސް ދަތި ކަމަށް ބުނެ އެވެ.

މި މަންޒަރުގެ ފޮޓޯތަކާއި ވީޑިއޯ ބްރިޓްނީގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ. އެ އެއްޗިއްސަށް ކޮމެންޓްކުރި ގިނަ ބަޔަކު ބުނެފައި ވަނީ ވިލިއަމްސް އާއި ބްރިޓްނީ "ކަޕްލް ގޯލްސް" ދައްކައިފި ކަމަށާއި ފަސް އަނގޮޓިން ޕްރޮޕޯޒްކުރުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ހަގީގީ ލޯބީގެ މިސާލެއް ކަމަށް ވެސް ބައެއް މީހުން ޓްވިޓާގައި ބުނެފައިވެ އެވެ.

ބްރިޓްނީ އަށް ވިލިއަމް ހަދިޔާކުރި އަނގޮޓިތަކަކީ ދެ މީހުންގެ އެންގޭޖްމަންޓަށް ބަލާފައިވާ އަނގޮޓިތަކުގެ ތެރެއިން ބްރިޓްނީ އަށް އެންމެ ކަމުދިޔަ ކަމަށް ބުނެފައިވާ އަނގޮޓިތަކެކެވެ. އަދި އޭނާ ބޭނުންވި ގޮތަށް ޖަވާހިރުން ކަސްޓަމައިޒްކޮށްގެން ފަސް އަނގޮޓި ވިލިއަމް ގެނެސްފާނެއެކޭ ބްރިޓްނީ އުންމީދެއް ވެސް ނުކުރެ އެވެ.

"އަސްލު މިއީ ވަރަށް ބޮޑު ސަޕްރައިޒެއް،" ބްރިޓްނީ ބުންޏެވެ.

އެންބީސީ ނިއުސް ދިން އިންޓަވިއުއެއްގައި ބްރިޓްނީ ބުނީ އެންމެ އަނގޮޓިއަކާ އެކު އާއިލާގެ ބަޔަކަށް އެ މީހުންގެ އެންގޭޖްމަންޓްގައި ބައިވެރިވެވުނު ނަމަ އަދި މާ އުފާވީސް ކަމަށެވެ.

"އެކަމަކު ވިލިއަމްގެ ސަޕްރައިޒް އައީ ހީނުކުރާހާ ތަފާތު ގޮތަކަށް." ރައްޓެހިވެގެން އުޅޭތާ އަދި އަހަތރެއްހާ ވެސް ނުވާ ގުޅުމާ ބެހޭ ގޮތުން ބްރިޓްނީ ބުންޏެވެ.