ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ އޯޑިއޯ ޗެޓް އެޕް، ކްލަބްހައުސް "އިންވައިޓް-އޮންލީ" އުސޫލު އުވާލައިފި އެވެ.

މި އަހަރުގެ ކުރީކޮޅު އެ އެޕް އެންޑްރޮއިޑްގައި ބޭނުންކުރެވޭ ގޮތަށް ހެދުމާ އެކު އެ ބޭނުންކުރާ މީހުން ވަރަށް ބޮޑަށް އިތުރުވި އެވެ. ކްލަބްހައުސް އިން ބުނި ގޮތުގައި މިހާރު އެ އެޕް ބޭނުންކުރާކަށް އެހެން މީހެއްގެ ފަރާތުން ދައުވަތެއް ލިބެންދެން މަޑުކުރާކަށް ނުޖެހޭނެ އެވެ. އޭގެ ބަދަލުގައި މިހާރު ބޭނުން ކޮންމެ މީހަކަށް އެ މީހަކު ބޭނުން އިރަކު ކްލަބްހައުސް ބޭނުންކުރަން ފަށައި، އޭގައި ހިންގާ އެކިއެކި މުއާމަލާތްތަކުގައި ބައިވެރިވެވޭނެ އެވެެ.

"އިންވައިޓް-އޮންލީ" އުވައިލުމުން ދެން ކުރިންހެން ވެއިޓްލިސްޓްގައި މަޑުކުރާކަށް ނުޖެހޭނެ އެވެ.

"އެހެންވެ މިހާރު ކްލަބްހައުސްއާ ގުޅެން ވަރަށް ފަސޭހަވާނެ،" މީގެ 16 މަސް ކުރިން އާންމުކުރި ކްލަބްހައުސް އިން ބުންޏެވެ.

މިދިޔަ ހަފުތާގައި ވެސް އެ އެޕަށް ވަނީ ބޭނުންކުރާ މީހުންގެ ޑިމާންޑާ އެކު ވަރަށް މުހިއްމު ފީޗާއެއް ދީފަ އެވެ. އެއީ "ބެކްޗެނެލް" ގެ ނަމުގައި ޑައިރެކްޓް މެސެޖް (ޑީއެމް) ތައާރަފުކުރުމެވެ.

ކުދަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދި ކްލަބްސްހައުސްގެ ލޯގޯ އާއި އެޕް އައިކަން އަށް ވެސް މިހާރު ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

މިހާރު އެޕް އައިކަންއެއްގެ ގޮތުގައި ހިމަނާފައި އިނީ ރެޕާ 21 ސެވޭޖްގެ މެނޭޖަރު ޖަސްޓިން "މީޒީ" ވިލިއަމްސް އެވެ. އަދި އެޕްގެ ލޯގޯގައި ރީނދޫ ކުލައިގައި އިންނަ އަތްތިލާގައި މިހާރު ފުޅާކޮށް ކަޅު ކުލައިން ބޯޑަރު އަޅައި، ވާތް ފަރާތުގައި ސިގްނަލްގެ ނިޝާން ހިމަނާފައިވެ އެވެ. ކުރީ ލޯގޯގައި ސިގްނަލް އަތްތިލައިގެ ދެ ފަރާތުގައި ހިމަނާފައިވެ އެވެ. އަދި އަތްތިލައިގައި ބޯޑަރެއް ނެތެވެ.