29 އޯގަސްޓް 2021 - 06:49
އެންމެ ދުވަސްވީ ފިރިހެނާގެ ރެކޯޑް މިދިޔަ ޖޫން މަހު ލިބުނު ޕޯޓެ ރިކޯގެ އެމިލިއޯ ފްލޯރެސް މާކްއެޒް 113 އަހަރުގައި މަރުވެއްޖެ އެވެ.
އާންމުކޮށް "ޑޮން މިލޯ" ގެ ނަމުން މުހާތަބުކޮށް އުޅުނު މިހާ މަރުވީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އޭނާގެ 113 ވަނަ އުފަން ދުވަސް ފާހަގަކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.
އެމިލިއޯ އުފަންވީ އޮގަސްޓް 8، 1908 ގަ އެވެ. އޭނާ އަކީ އާއިލާގެ 11 މެމްބަރުންގެ ތެރެއިން އެންމެ ދޮށީ މީހާ އެވެ. އެމިލިއޯ ކިޔައިދީފައިވާ ގޮތުގައި މަންމަ އާއި ބައްޕަގެ އެންމެ ދޮށީ ކުއްޖާ އަށް ވުމުން އަބަދު ވެސް އުޅުނީ ވަރަށް ހަރަކާތެރި ދިރިއުޅުމެކެވެ. އެމިލިއޯ ބުނެފައިވާ ގޮތުގައި އޭނާގެ ދިގު އުމުރުގެ ސިއްރަކީ ކުޑައިރުން ފެށިގެން ހަރަކާތްތެރިކޮށް އުޅުމާއި އުފާވެރިކަމާއި އަދި ރުޅިމަޑު ދިރިއުޅުމެވެ.
Puerto Rico's Emilio Flores Márquez had just turned 113.
— Guinness World Records (@GWR) August 28, 2021
އެންމެ ޒުވާން ދުވަސްވަރު އެމިލޮއޯ އެންމެ ބޮޑަށް އުޅުނީ އާއިލާގެ މީހުން ކޮށް އުޅުނު އުއްދަނޑި ހެއްދުމުގެ މަސައްކަތުގަ އެވެ. އެ ހައްދައިގެން އެމިލިއޯގެ އާއިލާ ހަކުރު އުފައްދައި އޭގެ ވިޔަފާރި ވަރަށް ފުޅާކޮށް ކުރިން ހިންގި އެވެ. އެމިލިއޯގެ ކައިވެންޏެއް 75 އަހަރު ފަހުން އަންހެނުން އެންޑްރިއާ ޕެރޭޒް މަރުވީ 2010 ގަ އެވެ. އެ ދެ މީހުންނަށް ހަތަރު ދަރިން ލިބުނެވެ. އޭގެ ތެރެއިން ދުނިޔޭގައި މިހާރު ތިބީ ދެ ކުދިންނެވެ. އެމިލިއޯ މަރުވި އިރު ދިރިއުޅުނީ އެ ދެ ކުދިންނާ އެކީގަ އެވެ. އޭނާ މަރުވި އިރު ފަސް ކާފަދަރިންނާއި ފަސް މުނިކާފަ ދަރިން އެބަ ތިއްބެވެ.
މި ވަގުތު ދުނިޔޭގައި އިން އެންމެ ދުވަސްވީ އަންހެނަކީ ޖަޕާންގެ ކޭން ޓަނާކާ އެވެ. ޖޫން 30، 1903 ގައި އުފަންވި މީހާގެ މިހާރުގެ އުމުރަކީ 118 އަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy