ކުޅިވަރު

ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރާ ރާއްޖޭގެ ފުރަތަމަ އަންހެން ރާޅާއެޅުންތެރިޔާ އާޔާ ދައްކާ ހިތްވަރު

އާޔާ، އޭނާ އަކީ ބައިނަލްއަގުވާމީ ރާޅާއެޅުމުގެ މުބާރާތެއްގައި ރާއްޖެ ތަމްސީލު ކުރި ފުރަތަމަ އަންހެން ރާޅާއެޅުންތެރިޔާ.-- ފޮޓޯ: ރައީސް އޮފީސް

ކ. ތުލުސްދޫގައި މިހާރު ކުރިއަށްދާ އޭއެސްއެފް އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި، މަރިޔަމް ރާހިލް ނަސީމް (އާޔާ) މިވަނީ ބައިނަލްއަގުވާމީ މުބާރާތެއްގައި ރާއްޖޭގެ ފުރަތަމަ ރާޅާއެޅުންތެރިޔާގެ ގޮތުގައި ފުރަތަމަ ހީޓް ފުރިހަމަ ކޮށްފަ އެވެ.

މުބާރާތް ފެށުމުގެ ގޮތުން ހޮނިހިރު ދުވަހު ބޭއްވި "ސޭންޑް ސެރެމަނީ" ގައި ރާއްޖޭގެ ފްލެގް ބެއަރާ އަހުމަދު އާގިލް (އަންމަޑޭ) އާއެކު ސޭންޑް ޕޮއުރާ އަކަށް ހުރީ ވެސް އާޔާ އެވެ.

އިއްޔެ ފެށި އަންހެން ޑިވިޝަނުގައި ޖުމްލަ 16 ރާޅާއެޅުންތެރިން ވާދަކުރި އެވެ. އާޔާ ވަނީ މެއިން އިވެންޓުގެ ފުރަތަމަ ބުރުގެ ފުރަތަމަ ހީޓުގައި ވާދަ ކޮށްފަ އެވެ. އޭނާއާ އެއް ހީޓެއްގައި ހިމެނުނީ ޖަޕާނުގެ ސުމޯމޯ ސަޓޯ އާއި ޗައިނާގެ ޖިންޔީ ވެން އެވެ. މި ހީޓުގައި ދެން ވާދަކުރަން އޮތް އަފްގާނިސްތާނުގެ އުރުޒަލާ ވެއިސް، ހީޓުގައި ބައިވެރި ވެވޭގޮތެއް ނުވި އެވެ.

އާޔާ އަށް މި ހީޓުން 2.80 ޕޮއިންޓް ލިބުނުއިރު، ދެވަނައަށް އަރަން އޭނާ އަށް މަދުވީ 1.71ގެ ރާޅެކެވެ. ހީޓުގެ ދެވަނައިގައި ނިންމި ޖިންޔީ އަށް 3.50 ޕޮއިންޓް ލިބުނުއިރު، ހީޓު ކާމިޔާބު ކުރި ސުމޯމޯ ވަނީ 12.67 ޕޮއިންޓް ހޯދައިފަ އެވެ.

އާޔާ އަކީ ރާއްޖޭގެ ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން އަންހެން ރާޅާއެޅުންތެރިންނަށް މިހާތަނަށް ބޭއްވި ހުރިހާ މުބާރާތަކުން އެއްވަނަ ހޯދި އެތުލީޓެވެ. އޭނާ ވަނީ 2021 ވަނަ އަހަރުގެ ރަންނަމާރި ޗެލެންޖާއި، މިދިޔަ އަހަރު ގދ. ގައްދޫގައި ބޭއްވި ކަޅެގަލެކޮޑާ، ކ. ހިންމަފުށީގައި ބޭއްވި ގާމާދޫކޮޅު މުބާރާތް އަދި މިދިޔަ އަހަރުގެ ރަންނަމާރި ޗެލެންޖުގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.

އާޔާ ހުރީ އިއްޔެގެ ހީޓުގައި ހެދުނު ގޯސްތަކުން ފިލާވަޅު ލިބިގެން ރެޕޭޗާޖް ބުރުގައި ޕާފޯމަންސް ރަނގަޅު ކުރުމުގެ އުންމީދުގަ އެވެ.

"ފުރަތަމަ ރާޅު ލިބުނީ ވަރަށް ގިނައިރު ފަހުން، އެހެންވެ ކުޑަކޮށް ހާސްވި. އެއީ 25 މިނިޓު ތެރޭ އެންމެ މަދުވެގެން ރަނގަޅު ދެ ރާޅު ބޭނުންވޭ. އިދިކޮޅުން ވާދަކުރި ޖަޕާނާއި ޗައިނާގެ އެތުލީޓުންގެ ފެންވަރު ވަރަށް ރަނގަޅަށް އެނގޭ، އެހެންވެ ހީޓް ވަރަށް ޗެލެންޖިން،" މިއަހަރުގެ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ގައި ހޮވި ރާއްޖޭގެ އެއްވަނަ އަންހެން ރާޅާއެޅުންތެރިޔާ އާޔާ، "މިހާރު" އާ ވާހަކަ ދައްކަމުން ބުންޏެވެ.

"ހީޓު ނިމުނުއިރު ދެވަނައަށް އަރަން ކުޑަ ސްކޯއެއް ބޭނުންވީ. ފަހު ވަގުތު ލިބުނު ރާޅުގެ ބޭނުން ކުރެވުނު ނަމަ ދެވަނައިގައި ނިންމަން ރަނގަޅު ފުރުސަތެއް ލިބުނީސް. އެކަމަކު ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މުބާރާތެއްގައި އަންހެން ރާޅާއެޅުންތެރިއެއްގެ ގޮތުގައި ރާއްޖެ ތަމްސީލު ކުރެވޭތީ މިއީ ވަރަށް ބޮޑު އުފަލެއް. މިއީ އެހެން އަންހެން ރާޅާއެޅުންތެރިންނަށް ވެސް ލިބޭ ހިތްވަރެއް ކަމަށް ދެކެން."

ފުރަތަމަ ބުރުގެ ހީޓްގެ ތިންވަނައާ އެކު އާޔާ އަށް ވަނީ ރެޕޭޗާޖް ބުރުގައި ވާދަކުރަން ޖެހިފަ އެވެ. ރެޕޭޗާޖް ފުރަތަމަ ބުރުގެ ހީޓު 1 ގައި އާޔާ އާ އެކު ވާދަކުރާނީ ޖަޕާނުގެ ރިކާ ޝޯޖީ އާއި ލެބަނަންގެ ލީނާ ކަމާލް އަބްދުލް ނޫރު އާއި ލީނާ ކާމިލް އައްލާމް އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454