ސްރީ ލަންކާގައި ސާފިން ފެޑެރޭޝަނުން ބޭއްވި "ސާފިން ޗެމްޕިއަންޝިޕް އަރުގަމް ބޭ ސީރީޒް" ގެ އަންހެން އޯޕަންސް ކެޓަގަރީން ރާއްޖޭގެ ނުވަ އަހަރުގެ އާލިޔާ ލަތީފް އެއްވަނަ ހޯދައިފި އެވެ.
އެ ގައުމުގެ އަރުގަމް ބޭގައި ބޭއްވި މުބާރާތުން އާލިޔާ ވަނީ ތަޖުރިބާކާރު އެތުލީޓުންނާ ވާދަކޮށް، މުޅި ކެޓަގަރީގެ އެއްވަނަ ހޯދައިފަ އެވެ.
އޭނާ އެ ޝަރަފުވެރި މަގާމު ހޯދީ އެ ކެޓަގަރީގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވުނު، ލަންކާގެ މިހާރުގެ ޖޫނިއާ ޗެމްޕިއަން އެމްޑީ ސަޔޫނީ އަންޖަނާ ބަލިކުރުމަށް ފަހު އެވެ.
އަންޖަނާއަކީ އާލިޔާ އަށް ވުރެ އުމުރުން ދޮށީ އަދި ތަޖުރިބާގެ ގޮތުން ވެސް ކުރީގައި އުޅޭ އެތުލީޓެކެވެ. މި މުބާރާތުގައި އޭނާ އަށް ލިބުނީ ދެވަނަ އެވެ. ތިންވަނަ ހޯދީ ސްވިޒަލޭންޑްގެ ކެމީލް އެޓާ އެވެ.
މި ކާމިޔާބީއަކީ ދިވެހި އެތުލީޓް އާލިޔާގެ ރާޅާއެޅުމުގެ ހަޔާތުގައި ބައިނަލްއަގުވާމީ ބޮޑު މުބާރާތަކުން ހޯދި ފުރަތަމަ ރަން މެޑަލް އެވެ.
ސާފިންގ އެސޯސިއޭޝަން (އެމްއެސްއޭ) އިން ބޭއްވި ފުރަތަމަ "ނޭޝަނަލް ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް" ގައި މިދިޔަ އަހަރު ވާދަކޮށް އުމުރުން 18 އަހަރުން ދަށުގެ އެ ކެޓަގަރީން އުމުރުން އެންމެ އަށް އަހަރުގައި އާލިޔާ އެއްވަނަ ހޯދި އެވެ.
"ލިޓްލް ސޯލްޓް ވޯޓާ ޕްރިންސެސް" ގެ ނަމުން މަޝްހޫރު އާލިޔާ، ރާޅާ އަޅަން ފަށާފައިވަނީ އުމުރުން އެންމެ ތިން އަހަރުގަ އެވެ. އާލިޔާގެ މަންމައަކީ ވެސް ރާޅާއެޅުންތެރިއެކެވެ.