ކުޅިވަރު

ވާދަވެރި ހީޓްތަކަކަށް ފަހު އިނާން އާއި ކަޔާން ޒަކީ ވެސް ރެޕޭޗާޖް ބުރަށް

އިނާން (ކ) އާއި ކަޔާން ޒަކީ (ވ)، ދެ އެތުލީޓުން ވެސް ވަނީ ވަރުގަދަ ހީޓުތަކެއްގައި ރަނގަޅު ވާދައެއް ކޮށްފައި.-- ފޮޓޯ: ރައީސް އޮފީސް

އޭއެސްއެފް އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ 18 އަހަރުން ދަށުގެ ފިރިހެން ޖޫނިއާ ކެޓެގަރީގެ މެއިން އިވެންޓުގެ ދެވަނަ ބުރުގައި ވާދަވެރި ހީޓްތަކަކަށް ފަހު، ރާއްޖޭގެ މުހައްމަދު އިނާން އަބްދުލް ހަންނާން އާއި ޔޫސުފް ކަޔާން ހަމްދާން ޒަކީ ވެސް ރެޕޭޗާޖް ބުރުގައި ވާދަކުރަން ޖެހިއްޖެ އެވެ.

މިއީ ރާއްޖޭގެ ޖޫނިއާ ރާޅާއެޅުންތެރިން ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ޖޫނިއާ އަށް ރާޅާއެޅުންތެރިން މުބާރާތުގައި ވާދަކުރާއިރު، މެއިން އިވެންޓުގެ ދެވަނަ ބުރުން ފުރުސަތު ލިބުނީ އިނާން އާއި ކަޔާން ޒަކީ އަށެވެ. އެ ދެ ބައިވެރިން ވެސް ވަނީ ފުރަތަމަ ބުރުގައި ވާދަކުރި ހީޓުތަކުން އެއްވަނަ ހޯދައިފަ އެވެ.

ފުރަތަމަ ބުރުގައި ވާދަކުރި ބާކީ ހަ ބައިވެރިން ރެޕޭޗާޖް ފުރަތަމަ ބުރުގައި ވާދަކުރަން ޖެހިފައި ވާއިރު، މެއިން އިވެންޓުގެ ދެވަނަ ބުރުގައި ހީޓްގެ ގަދަ ދެ އެތުލީޓުންގެ ތެރޭގައި ނުހިމެނުމުން އިނާން އާއި ކަޔާން ޒަކީ އަށް ވަނީ ރެޕޭޗާޖް ދެވަނަ ބުރުގައި ވާދަކުރަން ޖެހިފަ އެވެ.

އިނާން އާއި ކަޔާން ޒަކީ ވެސް ދެވަނަ ބުރުގައި ވާދަކުރަން ޖެހުނީ ވަރުގަދަ އެތުލީޓުންތަކަކާ ދެކޮޅަށެވެ. ދެ އެތުލީޓުން ވެސް ވަނީ ހީޓުތަކުގައި ރަނގަޅު ވާދައެއްކޮށް، ރަނގަޅު ސްކޯއެއް ހޯދައިފަ އެވެ.

އިއްޔެ ކުރިއަށް ގެންދިޔަ ދެވަނަ ބުރުގެ ދެވަނަ ހީޓުގައި އިނާން ވާދަކުރީ ސްރީ ލަންކާގެ ކަނަޕަތީ ރަމޭޝް ޖޭ ހޭލާ އާއި ކައިލާޝް ލިންޑަން މޭސަން އަދި ޗައިނީޒް ޓައިޕޭގެ ޖޯން ޖޯން ޗާން އެވެ. ތިން އެތުލީޓުންނަކީ ވެސް ފިރިހެން އޯޕަން ޑިވިޝަނުގައި ވާދަކުރަމުން އަންނަ ރާޅާއެޅުންތެރިންނެވެ.

މި ހީޓުގައި އިނާން އަށް ހަމަކުރެވުނީ 7.47 ޕޮއިންޓެވެ. ތިންވަނައިގައި ނިންމި ކައިލާޝް އަށް 8.34 ޕޮއިންޓް ލިބުނުއިރު ދެވަނައިގައި ނިންމި ރަމޭޝް ވަނީ 8.40 ޕޮއިންޓް ހޯދައިފަ އެވެ. ހީޓް ކާމިޔާބު ކުރީ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ހީޓްގެ އެންމެ ފަހަތުގައި އޮތް ޖޯން ޖޯން ޗާން އެވެ. އޭނާ ވަނީ ހީޓް ނިމެން މިނިޓަކަށް ވެފައި ވަނިކޮށް އެޅި ރާޅަށް ހަތް ޕޮއިންޓް ހޯދައި ޖުމްލަ 9.50 ޕޮއިންޓް ހަމަކޮށްފަ އެވެ.

ތިންވަނަ ހީޓުގައި ކަޔާން ޒަކީ ވާދަކުރީ ޖަޕާނުގެ ޓާރޯ ޓަކާއި އާއި އިންޑިއާގެ ސްރީކާންތު ޑީ އާއި ޖަޕާނުގެ ކައިސޭ އަޑާޗީއާ ދެކޮޅަށެވެ. ޓަކާއި އާއި އަޑާޗީ އަކީ އޯޕަން ޑިވިޝަނުގައި ވެސް ވާދަކުރަމުން އަންނަ ދެ ރާޅާއެޅުންތެރިންނެވެ.

މި ހީޓުގައި ވާދަކޮށް ކަޔާން ޒަކީއަށް ލިބުނީ 7.07 ޕޮއިންޓެވެ. ތިންވަނައިގައި ނިންމި ކައިސޭ، 10.20 ޕޮއިންޓް ހޯދިއިރު ސްރީކާންތު ދެވަނަ ހޯދީ 10.37 ޕޮއިންޓް ހޯދައިގެންނެވެ. މި ހީޓް ކާމިޔާބު ކުރީ 1.66 ޕޮއިންޓް ހޯދި ޓާރޯ އެވެ.

ރެޕޭޗާޖް ދެވަނަ ބުރުގެ ފުރަތަމަ ހީޓުގައި އިނާން ވާދަކުރާނެ އެވެ. ކަޔާން ވާދަކުރާނީ ދެވަނަ ހީޓުގަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454