ތުލުސްދޫގައި މިހާރު ކުރިއަށްދާ އޭއެސްއެފް އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ 18 އަހަރުން ދަށުގެ ފިރިހެން ބައިގެ ރެޕޭޗާޖް 1 ގައި ޔަސީން އަހުމަދު ނާޝިދު އެންމެ މަތިން ސްކޯ ކުރިއިރު، ޝާނިފް ޝަފީގް އާއި ސައްޔިދު ސަލާހުއްދީން ވެސް އަނެއް ބުރަށް ދަތުރު ކޮށްފި އެވެ.
މެއިން އިވެންޓުގެ ފުރަތަމަ ބުރުގައި ހީޓުތަކުގެ ގަދަ 2 ގައި ނުހިމެނުނު ރާއްޖޭގެ ހަ އެތުލީޓުން މިއަދު ކުރިއަށް ދިޔަ ޖޫނިއާ ބައިގެ ހީޓުތަކުގައި ވާދަ ކުރި އެވެ. ކޮންމެ ހީޓެއްގައި ރާއްޖޭގެ ތިން އެތުލީޓުން ހިމެނުނެވެ.
ފުރަތަމަ ހީޓުގައި ޔަސީން އާއި ޝާނިފްގެ އިތުރުން ދެން ހިމެނުނީ އިސްމާއިލް މަދުހު އަހުމަދެވެ. ހީޓުގައި ދެން ވާދަކުރީ ދެކުނު ކޮރެއާގެ ދުހޫން ޔުން އެވެ.
ހީޓު ނިމެނިކޮށް ވެސް ދުހޫން ޔުން އޮތީ އެންމެ ފުލުގަ އެވެ. އޭރު 11.27 ޕޮއިންޓު ހޯދައިގެން ޝާނިފް އެއްވަނައިގައި އޮތްއިރު ޔަސީން އޮތީ ދެވަނައިގަ އެވެ. ނިމެން ދެމިނިޓަށް ވެފައި ވަނިކޮށް ދުހޫން ޔުން ފަސް ޕޮއިންޓުގެ ރާޅެއް އަޅައި ޖުމްލަ 8.13 ޕޮއިންޓް ހަމަކޮށްގެން ދެވަނައަށް ޖެހިލި ނަމަވެސް، ޔަސީން ވަނީ ހީޓް ނިމިނިމި އޮއްވައި އެޅި ރާޅަކަށް 6.50 ޕޮއިންޓް ހޯދައި ޖުމްލަ 11.50 ޕޮއިންޓް ހަމަކޮށްފަ އެވެ. މަދުހު އަށް ލިބުނީ 7.77 ޕޮއިންޓެވެ.
ފަހު ހީޓުގައި ސައްޔިދާ އެކު ވާދަކުރީ މުހައްމަދު ޒަޔާން އާއި ކަޔާން އަބްދުﷲ އަރީފް އެވެ. ދެން ވާދަކުރީ ތައިލެންޑްގެ މާސްޓާ ޓިން ޖޯންސަން އެވެ. ސައްޔިދު ވަނީ 10.26 ޕޮއިންޓް ހޯދައިގެން ހީޓްގެ އެއްވަނަ ހޯދައިފަ އެވެ. ޓިން ޖޯންސަން ދެވަނައަށް ދިޔައީ 9.90 ޕޮއިންޓް ހޯދައިގެންނެވެ. މުހައްމަދު ޒަޔާން އަށް 7.50 ޕޮއިންޓް ލިބުނުއިރު ކަޔާން އަބްދުﷲ އަރީފް އަށް ލިބުނީ 6.94 ޕޮއިންޓެވެ.
މިއަދު އޮތް ޖޫނިއާ ރެޕޭޗާޖް 1 ގެ ހީޓުތަކަށް ފަހު، ރާއްޖޭގެ އަށް އެތުލީޓުންގެ ތެރެއިން ތިން އެތުލީޓުން މިވަނީ މުބާރާތުން ކަޓައިފަ އެވެ. އެއީ މަދުހު އާއި ޒަޔާން އަދި ކަޔާން އަރީފް އެވެ.
މިި ހީޓުތަކުގައި ކާމިޔާބު ހޯދި ތިން އެތުލީޓުން މިވަނީ ރެޕޭޗާޖް 2 އިން ޖާގަ ހޯދައިފަ އެވެ. ރެޕޭޗާޖް 2 ގައި ރާއްޖޭގެ ފަސް އެތުލީޓުން ވާދަ ކުރާނެ އެވެ. އެއީ ޔަސީން އާއި ޝާނިފް އަދި ސައްޔިދުގެ އިތުރުން މުހައްމަދު އިނާން އަބްދުލް ހަންނާން އާއި ޔޫސުފް ކަޔާން ހަމްދާން ޒަކީ އެވެ.
އެންމެ ހަގު ޔަސީން އާއި ކަޔާން ޒަކީ އެއް ހީޓެއްގައި
ރާއްޖޭގެ އެންމެ ހަގު ދެ އެތުލީޓުން ކަމަށްވާ، 12 އަހަރުގެ ޔަސީން އާއި ކަޔާން ޒަކީ، ރެޕޭޗާޖް 2 ގައި ވާދަކުރަން ޖެހޭނީ އެއް ހީޓެއްގަ އެވެ. މީގެ އިތުރުން އިނާން އާއި ޝާނިފް ވެސް ވާދަކުރާނީ އެއް ކީޓަކު އެވެ.
ހީޓް 1: އިނާން، ޝާނިފް، ކަނޯއާ ހީޖޭ ޕަލްމިއާނޯ (ދެކުނު ކޮރެއާ)، ކިޝޯރު ކުމާރު (އިންޑިއާ)
ހީޓް 2: ޔަސީން، ކަޔާން، ކައިލާޝް ލިންޑަން މޭސަން (ސްރީލަންކާ)، މާސްޓާ ޓިން ޖޯންސަން (ތައިލެންޑް)
ހީޓް 3: ސައްޔިދު، ކައިސޭ އަޑާޗީ (ޖަޕާން)، މާސްޓާ ނަޓްރީ ޖަރިޔަވަޓަނަވިޖިތު (ތައިލެންޑް)، ޖޫލިއެން މާކް ސްޕަކަރޮޓެއްލާ (ސިންގަޕޫރު)