ޑެޕިއުޓީ ކޮމިޝަނަރު އޮފް ސްޕޯޓްސްގެ މަގާމަށް ކުރީގެ އެތުލީޓް، އަދި ތަޖުރިބާކާރު ކުޅިވަރު އެޑްމިނިސްޓްރޭޓަރު މުހައްމަދު ހާނިމް ހަމަޖައްސައިފި އެވެ.
ކޮމިޝަނާ އޮފް ސްޕޯޓްސްއަކީ ކުޅިވަރު ގާނޫނުގެ ދަށުން އުފައްދާފައިވާ މަގާމެކެވެ. އެކަމަކު އެ ގާނޫނުގައި ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރެއްގެ ވާހަކައެއް ނޯވެ އެވެ. އެހެންވެ، މިއީ މި މަގާމު އުފައްދައި މީހަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ.
ކުޅިވަރު މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ކްލަބް ޖަމްއިއްޔާތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމް އަދާކުރައްވަނީ މުހައްމަދު ތޮލާލެވެ.
އޭނާގެ ނާއިބަކަށް ހަމަޖެއްސި ހާނިމް ވަނީ ސްޕޯޓްސް މިނިސްޓްރީގައި ކުރިން މަސައްކަތް ކުރައްވައިފަ އެވެ. މިވަގުތު އޭނާ އަކީ ސްކޭޓިން އެސޯސިއޭޝަނުގެ ރައީސެވެ.
ހާނިމަކީ އޭނާގެ ޒުވާން ދުވަސްވަރު ބާރު ދުވުންތެރިއެކެވެ. އަދި ގައުމީ ފެންވަރުގައި ފުޓްބޯޅަ ވެސް ކުޅުނެވެ. އޭނާ ވަނީ ރާއްޖޭން ވާދަކުރި ފުރަތަމަ އޮލިމްޕިކްސް ކަމަށްވާ 1988 ގެ ސޯލް އޮލިމްޕިކްސްގައި ގައުމީ ޓީމަށް ދުވެފަ އެވެ. ފަހުން ގައުމީ އެތުލެޓިކްސް ޓީމުގެ ކޯޗުކަންކޮށް، ކަސްރަތަށް މީހުން ހޭލުންތެރިކުރުވުމުގައި މުހިއްމު މަސައްކަތްތަކެއް ކުރި އެވެ.
ހާނިމް ވަނީ 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ފުޓްބޯޅަ ޓީމާއި، 2005 ގެ އޭއެފްސީ ކަޕުގެ ތިން ވަނަ ހޯދި ނިއު ރޭޑިއަންޓުގެ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަންކޮށްފަ އެވެ.