ސްޕޯޓްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި މުހައްމަދު ތޮލާލް ރައީސް އޮފީހުގެ އިސް މަގާމަކަށް މިއަދު އައްޔަން ކުރެއްވުމާ އެކު، އެ މަގާމުގެ މަސްއޫލިއްޔަތާ ވަގުތީ ގޮތުން މިހާރުގެ ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ހާނިމްއާ ހަވާލުކޮށްފި އެވެ.
ނޮވެމްބަރު 2023 ގައި ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް ތޮލާލް އައްޔަން ކުރެއްވީ މިނިސްޓަރުކަމުގެ ފެންވަރުގަ އެވެ.
ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓާޝަރީ ހެލްތު ސާވިސަސްގެ މަގާމަށް ވެސް އޭނާ މިއަދު އައްޔަން ކުރެއްވީ މިނިސްޓަރުކަމުގެ ފެންވަރުގަ އެވެ.
ސްޕޯޓްސް މިނިސްޓްރީގެ އޮފިޝަލަކު މިރޭ ވިދާޅުވީ ސްޕޯޓްސް ކޮމިޝަނަރުގެ މަގާމު ހުސަވެފައިވުމުން، އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ދެން އަދާކުރައްވާނީ ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު ހާނިމް ކަމަށެވެ.
ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް ހާނިމް އައްޔަންކުރީ މި އަހަރުގެ ކުރީކޮޅު އެވެ.
އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލު ކުރި ފުރަތަމަ ޓީމުގައި ހިމެނުނު ކުރިގެ އެތުލީޓް ހާނިމް ވަނީ ކުޅިވަރުގެ އިދާރީ މަގާމުތައް މީގެ ކުރިން ވެސް އަދާކުރައްވައިފަ އެވެ.
އެތުލެޓިކްސް އެސޯސިއޭޝަނާއި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީކަން ވެސް އޭނާ ކުރެއްވި އެވެ. އަދި އެފްއޭއެމްގެ އެކްސްކޯ މެންބަރުންކަން ވެސް ކުރިން އަދާކުރެއްވި ހާނިމް ވަނީ 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.