ލެގޫންސް ސްޕޯޓްސް ކްލަބްގެ އިންތިހާބާ ގުޅިގެން ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް، ކޯޓުގެ ހުކުމަށް އަމަލުކޮށްފައި ނުވާކަމަށް ތުހުމަތުކޮށް، އެ ކްލަބްގެ ދެ މެންބަރަކު ސްޕޯޓްސް ކައުންސިލަށް މައްސަލަ ހުށަހަޅައިފި އެވެ.

ލެގޫންސްގެ ދެ މެންބަރުން ކަމަށްވާ އަބްދުލް ވާހިދާއި އަހުމަދު އަލީ ވަނީ، އެ ކްލަބްގެ އިންތިހާބާ ގުޅިގެން، ސިވިލް ކޯޓާއި ހައިކޯޓުން މައްސަލައެއް ހުށަހަޅައިފަ އެވެ. އެ ހުކުމްތަކަށް ރިއާޔަތްކޮށް އެ ދެ މެންބަރުން، ސްޕޯޓްސް ކައުންސިލަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވަނީ މަތީ ކޯޓާއި ދަށު ކޯޓުން ނެރެފައިވާ ހުކުމްތަކާ ހިލާފަށް ސްޕޯޓްސް ކޮމިޝަނަރު ތޮލާލް އަމަލުކޮށްފައިވާ ކަމަށެވެ. 

އެ މައްސަލައިގައި ވާހިދާއި އަހުމަދު އަލީ ވަނީ ކޯޓުގެ ހުރުމަތް ތޮލާލް ކަނޑާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

އެ ދެ މީހުން ސްޕޯޓްސް ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، ހިންގާ ކޮމިޓީގެ ދައުރު މާޗް 11 ހަމަވެފައިވާ ކަމަށާއި ވައިބާ ގުރޫޕް މެދުވެރިކޮށް ބޭއްވި އިންތިހާބާއި މެންބަރުން ވަކިކުރި ނިންމުންތަކަކީ ބާތިލު ނިންމުންތަކެއް ކަމަށް ޖޫން މަހު ސިވިލް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި ސްޕޯޓްސް ކޮމިޝަނާގެ ބެލުމުގެ ދަށުން އާ އިންތިހާބެއް ބޭއްވުމަށް އަމުރުކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. އެ އިންތިހާބު ބާއްވަން ކޯޓުން އެންގީ 227 މެންބަރުންގެ ސައްހަ ދަފްތަރެއްގެ މައްޗަށް ކަމަށް ވެސް ކޯޓުން ހުކުމްގައި ބުނެފައިވާކަން ފާހަގަކޮށް އެ މެންބަރުން ސްޕޯޓްސް ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ. 

ހުކުމް ބާތިލުކުރުމަށް ކުލަބުގެ ކުރީގެ ހިންގާ ކޮމިޓީން ހައިކޯޓަށް ދިއުމުން، 12 އޮގަސްޓް 2026 ގައި ހައިކޯޓުން ވެސް ނިންމީ ކުލަބުގައި މިހާރު އޮތީ ގާނޫނީ ގޮތުން ސައްހަ ހިންގާ ކޮމިޓީއެއް ނޫން ކަމަށް އެ ކޯޓުން ވެސް ނިންމާފައިވާކަމަށް އެ ދެ މެންބަރުން ހުށަހެޅި ސިޓީގައި ފާހަގަކޮށްފައިވެ އެވެ. 

ކޯޓުތަކުން މިގޮތަށް ނިންމާފައި ވަނިކޮށް، ސްޕޯޓްސް ކޮމިޝަނަރުގެ އެއްވެސް ބައިވެރިވުމެއް ނެތި، ދައުރު ހަމަވެފައިވާ ކޮމިޓީން އިސްވެ އަމިއްލައަށް މެންބަރުންގެ ލިސްޓެއް ތައްޔާރުކޮށް، މިދިޔަ ބުދަ ދުވަހުގެ ރޭ ލެގޫންސް ދަނޑުގައި އިންތިހާބެއް ބާއްވާފައިވާ ކަމަށް ވާހިދާއި އަހުމަދު އަލީގެ ސިޓީގައި ބުނެފައިވެ އެވެ.

ސިވިލް ކޯޓާއި ހައިކޯޓުގެ ނިންމުންތަކާއި، ސިވިލް ކޯޓުން އެންމެ ފަހުން ނެރުނު ވަގުތީ އަމުރާ ވެސް ހިލާފަށް، އެ ރޭ ބޭއްވި އިންތިހާބުގެ ނަތީޖާ ސްޕޯޓްސް ކޮމިޝަނަރުގެ ފަރާތުން ފަހުން އެންޑޯސްކޮށްދީ، ކުލަބުގެ ދަފްތަރު އަޕްޑޭޓްކޮށްދީފައިވާ ކަމަށް ވެސް ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް ފޮނުވި ސިޓީގައި ލެގޫންސްގެ ދެ މެންބަރުން ބުނެފައިވެ އެވެ

"ސްޕޯޓްސް ކޮމިޝަނަރުގެ މި އަމަލަކ،ީ ކޯޓު ހުކުމް ތަންފީޒުކުރުމަށް ހުރަސްއަޅައ،ި ކޯޓުގެ ހުރުމަތް ކެނޑޭގޮތަށް ކޮށްފައިވާ އަމަލެއް ކަމުގައިވާތީ، ކޮމިޝަނާ އޮފް ސްޕޯޓްސްއާ މެދު ގާނޫނުގައިވާ ގޮތުގެމަތިން އަޅަންޖެހޭ ފިޔަވަޅު އަޅުއްވައިދެއްވައި މި މައްސަލަ ތަހުގީގުކޮށްދެއްވުމަށް އެދެމެވެ،" ސިޓޯގައި އެދިފައިވެ އެވެ. 

މިކަމާ ބެހޭގޮތުން ސްޕޯޓްސް ކޮމިޝަނަރު ތޮލާލް "މިހާރު" އަށް ވިދާޅުވީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ބަލާފައި ނޫނީ އެކަމާ ބެހޭގޮތުން އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.