އޭސީސީ މެންސް ޗެލެންޖާ ކަޕް 2026 ގެ ކުއާޓާ ފައިނަލްގައި ތައިލެންޑާ ވާދަކޮށް ރާއްޖެ، ކުއާޓާ ފައިނަލާ ހަމައިން ނިންމާލައިފި އެވެ.

މިއަދު ކުޅުނު ކުއާޓާ ފައިނަލް ނިމުނީ ތައިލެންޑް 95 ލަނޑުން ރާއްޖެ ބަލި ކޮށްގެންނެވެ. ނަމަވެސް ރާއްޖޭގެ ފަރާތުން ހިތްވަރު ގަދަ ކުޅުމެއް ވަނީ ފެނިފަ އެވެ.

ރާއްޖެއަށް މިއަދުގެ މެޗުގެ ޓޮސް ދިމާވެގެން ފުރަތަމަ ނިންމީ އުކާށެވެ. މި އިނިންސްގައި ތައިލެންޑުން 45 އޯވަރު ތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން ވަނީ 296 ލަނޑު ހަދައިފަ އެވެ. މި އިނިންސްގައި ރާއްޖޭގެ އޯލްރައުންޑާ އަމަރަސިންގްހޭ ވަނީ ހަތް ވިކެޓް ނަގައިފަ އެވެ. މީގެ އިތުރުން ލީމް ޝަފީގް އާއި އަހްމަދު އަމީލް މައިރޫފް އަދި އިބްރާހިމް ރިޒާން ވެސް ވަނީ އެއް ވިކެޓް ނަގައިފަ އެވެ.

މިޔަންމާ އާއި ރާއްޖެ ގުރޫޕް ސްޓޭޖުގައި ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ކްރިކެޓް މޯލްޑިވްސް
މިޔަންމާ އާއި ރާއްޖެ ގުރޫޕް ސްޓޭޖުގައި ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ކްރިކެޓް މޯލްޑިވްސް

ޖަވާބުގައި ރާއްޖޭން ކުޅެން އަރައި ބޮޑު ސްކޯއެއް ހޯދަން ޖެހުނު އިރު، ރާއްޖެ ނިންމާލީ 39.2 އޯވަރު ތެރޭ 10 ކުޅުންތެރިން ނުބައިވެގެން 201 ލަނޑާ އެކު އެވެ. ރާއްޖޭގެ ކެޕްޓަން ހަސަން ރަޝީދު ވަނީ މި އިނިންސްގައި 48 ބޯޅައިން 46 ލަނޑު ހަދައިފަ އެވެ.

އޭސީސީ ޕްރިމިއާ ކަޕް އަދި އޭޝިއަން ކަޕް ކޮލިފައިން މުބާރާތެއްގެ ގޮތުގައި ބާއްވާ މި މުބާރާތުގައި ރާއްޖެ މީގެ ކުރިން ގުރޫޕް ސްޓޭޖް ފަހަނައަޅައި ގޮސްފައެއް ނުވެ އެވެ. ނަމަވެސް މި އަހަރު ރާއްޖެ ވަނީ މޮޅު ކުޅުމަކާ އެކު ކުއާޓާގެ ފުރުސަތު ހޯދައިފަ އެވެ.

ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ސިންގަޕޫރާ ވާދަކޮށް ހަ ވިކެޓުން ބަލިވެފަ އެވެ. މި މެޗުގައި ރާއްޖޭޣެ ލީމް ޝަފީގް ވަނީ 46 ބޯޅައިން 43 ލަނޑު ހަދައިފަ އެވެ.

ފުރަތަމަ މެޗުން ބަލިވި ނަމަވެސް ދެވަނަ މެޗުގައި ރާއްޖެ ވަނީ މިޔަންމާއާ ވާދަކޮށް 50 އޯވަރުތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން 340 ލަނޑު ހަދައި، 221 ލަނޑުން މޮޅުވެފަ އެވެ.

އިސްމާއިލް ވަނީ މިޔަންމާއާ ދެކޮލަށް 56 ބޯޅައިން 99 ލަނޑު ހަދައިފަ.-- ފޮޓޯ: ކްރިކެޓް މޯލްޑިވްސް
އިސްމާއިލް ވަނީ މިޔަންމާއާ ދެކޮލަށް 56 ބޯޅައިން 99 ލަނޑު ހަދައިފަ.-- ފޮޓޯ: ކްރިކެޓް މޯލްޑިވްސް

ރާއްޖޭގެ ތިން ކުޅުންތެރިން މި މެޗުގައި ހާފް ސެންޗުރީ ހަދާފައިވެ އެވެ. އެންމެ ރަނގަޅަށް ކުޅުނު އިސްމާއިލް އަލީ ވަނީ 15.2 އޯވަރު ތެރޭ 56 ބޯޅައިން 99 ލަނޑު ހަދައިފަ އެވެ. އޭނާ ވަނީ 11 ބޯޅަ ހަތަރަކަށް ޖަހައި ހަތް ބޯޅަ ހަޔަކަށް ޖަހައިފައިވެ އެވެ.

މީގެ އިތުރުން މުހައްމަދު ޖަޔަމާލް ޔާޕާ 91 ބޯޅައިން 69 ލަނޑު ހަދައިފައި ވާއިރު، ޔޫސުފް އަޒްޔާން 71 ބޯލައިން 57 ލަނޑު ހެދި އެވެ.

މިއާ އެކު ރާއްޖެ ކުއާޓާ ފައިނަލަށް ދަތުރު ކުރީ ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ.

މުބާރާތުގެ ފައިނަލަށް ދާ ދެ ޓީމު އޭސީސީ މެންސް ޕްރިމިއާ ކަޕަށް ކޮލިފައި ވާއިރު، އަންނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައި ވާނީ އެ މުބާރާތުންނެވެ.