އެފްއޭ ކަޕުގެ ތަށި ދިފާއުކުރުމަށް އަމާޒުކޮށް ވެެލެންސިއާ އިން ކްލަބް އީގަލްސްގެ ތިން ކުޅުންތެރިން ކަމަށްވާ އަހުމަދު ނާޝިދު (ނައްޓޭ) އާއި މުޖުތާޒް މުހައްމަދު (މުޖޭ) އަދި ސްރީލަންކާ ގައުމީ ޓީމުގެ ކީޕަރު ސުޖަން ޕެރޭރާ ގެނެސްފި އެވެ.

އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކުން ކެޓުމުން ވެލެންސިއާ އަށް ވަނީ ދިވެހި ޕްރިމިއާ ލީގުގެ ޖާގަ ގެއްލިފަ އެވެ. އަދި ޒެފްރޯލާއި ކުޑަހެންވޭރު ޔުނައިޓެޑް ނުކުޅޭތީ މާލޭ ލީގު ކޮލިފިކޭޝަން ކެންސަލް ކޮށްފައިވުމުން ވެލެންސިއާ އަށް އޮތް ހަމައެކަނި މުބާރާތަކީ އެފްއޭ ކަޕެވެ. އެ ޓީމަކީ އެ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނެވެ.

މާލޭ ލީގުގެ ގަދަ ހަތަރަކުން ކެޓި ޔުނައިޓެޑް ވިކްޓަރީ އާއި އީގަލްސް އަދި ވިކްޓަރީން ވަނީ ސީޒަން ނިންމައިލައިފަ އެވެ.

ވެލެންސިއާއާ ގުޅުނު މުޖޭ އާއި ނައްޓޭ އަކީ ކުރިން އެ ޓީމަށް ކުޅުނު ދެ ކުޅުންތެރިންނެވެ. ސ. ހިތަދޫ އަށް އުފަން ނައްޓޭ ވިދާލީ 2007 ވަނަ އަހަރު ޒޯން މުބާރާތުންނެވެ. އޭގެ ފަހުން އޭނާ ވަނީ ކްލަބް ވެލެންސިއާގައި ކާމިޔާބު އަހަރުތަކެއް ހޭދަކޮށް އޭގެ ފަހުން ވީބީ އައްޑޫ އެފްސީ އަށް ކުޅެފަ އެވެ. މީގެ ދެ އަހަރު ކުރިން މާޒިޔާ އަށް ބަދަލުވެ މޮޅު ކުޅުމެއް ދެއްކުމަށް ފަހު މި އަހަރު އޭނާ އީގަލްސްއާ ގުޅުނު ފަހުން އަނިޔާގެ ސަބަބުން އެންމެ ރަނގަޅަށް ނުކުޅެވެ އެވެ.

ވާތު ބެކަށް ކުޅޭ ތ. ތިމަރަފުއްޓަށް އުފަން މުޖޭ އަކީ އިސްމާއިލް އާސިފް (ކުޑަހީނާ)ގެ ކޯޗުކަމުގައި ވެލެންސިއާ އިން ފުރަތަމަ ޑިވިޝަނަށް ނުކުތް ކުޅުންތެރިއެކެވެ. އޭނާ އީގަލްސް އަށް ބަދަލުވީ މީގެ ދެ އަހަރު ކުރިންނެވެ.

ފާއިތުވި ދެ ސީޒަނުގައި އީގަލްސް އަށް ތަފާތު މޮޅު ކުޅުމެއް ދެއްކި ސުޖަން އަކީ މި ދިޔަ ފަހަރު ދިވެހި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކީޕަރެވެ. ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް ނިއު ރޭޑިއަންޓަށް ދޫކޮށްލުމަށް ފަހު އެ ޓީމުން ސުޖަން ގެނައީ އެވެ.

ވެލެންސިއާ އިން ބުނީ ފައިސަލް ދޫކޮށްލީ ދިވެހި ފުޓްބޯޅަ އަށް ރަނގަޅަށް ވިސްނާފައި ކަމަށާއި ރާއްޖޭގެ އެންމެ ބޮޑު ލީގުގައި ގައުމީ ފުޓްބޯޅަ ޓީމުގެ އެއް ނަންބަރު ކީޕަރު ކުޅެން ޖެހޭނެ ކަމަށް ދެކޭތީ ކަމަށެވެ.

ވެލެންސިއާ އިން ވަނީ ކުރު މުއްދަތުގެ އެއްބަސްވުމެއްގެ ދަށުން އެ ޓީމުގެ ކެޕްޓަން އަހުމަދު ޝާފިއު (ޝާފީ) ކްލަބް ގްރީން ސްޓްރީޓްސް އަށް ދޫކޮށްލައިފަ އެވެ.