އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ގދ. ތިނަދޫ އާއި އއ. މާޅޮސް ކުޅުނު ފުރަތަމަ މިރޭ 1-0 އިން ތިނަދޫ ކާމިޔާބުކޮށްފި އެވެ.

ލީގުގެ ފުރަތަމަ ހަފުތާގެ ކުޅުން ނިމުނުއިރު މާޒިޔާ އާއި ނިއު ރޭޑިއަންޓާއި ގްރީން ސްޓްރީޓްސް އަދި ތިނަދޫ ވަނީ ތިން ޕޮއިންޓް ހޯދައިފަ އެވެ. މާޅޮހާއި ށ. މިލަންދޫ އާއި ޓީސީ ސްޕޯޓްސް ކްލަބާއި ދ. ކުޑަހުވަދޫ ފުރަތަމަ މެޗުން ބަލިވީ އެވެ.

ލީގުން ފުރުސަތު ނުލިބި ކެޓި ކްލަބް އީގަލްސް އާއި ވިކްޓަރީގެ މުހިއްމު ކުޅުންތެރިންތަކެއް ހިމަނައިގެން އެކުލަވާލާފައި އޮތް ތިނަދޫ ޓީމުން ވަނީ މިރޭގެ މެޗު ކޮންޓްރޯލްކޮށްގެން ކުޅެ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދައިފަ އެވެ. މެޗުގެ ކުރީކޮޅު އެ ޓީމުން އުފެއްދި ގިނަ ހަމަލާތަކެއް މާޅޮހުގެ ގޯލްކީޕަރު އިބްރާހިމް ޒަމީރު މަތަކުރި އެވެ.

މެޗުގެ 32 ވަނަ މިނެޓުގައި މާޅޮހުގެ އަލީ ވަސީމް ނުރައްކާތެރި ބޯޅައެއް ފޮނުވާލި އެވެ. އެކަމަކު އޭރިއާ ތެރެއިން ބޮލުން ޖެހި ބޯޅަ ތިނަދޫގެ ގޯލްކީޕަރު ރުސްލާން ސަލާމަތްކުރި އެވެ.

ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ތިނަދޫގެ ޕެކަރޮމަން އަށް ރަނގަޅު ބޯޅައެއް ލިބުނު ނަމަވެސް އޭނާ މާ މަޑުން ފޮނުވާލުމުން ކީޕަރު ފަސޭހަކަމާ އެކު ބޯޅަ ހޯދި އެވެ.

ދެ ވަނަ ހާފު ފަށައިގެން މާޅޮހުގެ ސްޕެނިޝް ފޯވާޑް އެންހެލް މުނޯޒަށް އޭރިއާ ތެރެއިން ލިބުނު ބޯޅަ ބޮލުން ޖެހުމުން ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

ތިނަދޫން ލީޑު ނެގީ 72 ވަނަ މިނެޓުގަ އެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ކޮލަމްބިއާ މިޑްފީލްޑަރު ހޯސޭ އަވީލާ އެވެ. އޭގެ ކުރިން އެ ޓީމުން އުފެއްދި ނުރައްކާތެރި ދެ ހަމަލާގައި ގޯލަށް ބޯޅަ ވައްދާލި ނަމަވެސް ދެ ފަހަރު ވެސް ލައިންސްމަން ހުރީ އޮފްސައިޑް ދިދަ ނަގައިގެންނެވެ.

މެޗުގެ ފަހު ސިކުންތުގައި ނަތީޖާ ހަމަހަމަކުރަން ތިނަދޫގެ މުނޯޒަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާ ބޭރުން ލިބުނު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ބޭނުން ގޮތަކަށް ޖަހަން ލިބުނު ނަމަވެސް ލަސްކުރުމުގެ ސަބަބުން އޭންގަލް ހަނިވީ އެވެ. އެވަރުން އޭނާ ފޮނުވާލި ބޯޅަ ޖެހުނީ ހުރަސް ދަނޑީގަ އެވެ.

ތިނަދޫގެ ކޯޗު ސްޕެއިނުގެ މާޓިނޭޒް ހުއާން މެނުއަލް ބުނީ މި މޮޅާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި އެކަމަކު އަދިވެސް ވަރަށް ގިނަ ކަންކަން ރަނގަޅުކުރަން ޖެހޭ ކަމަށެވެ.

"ވަރަށް އާ ޓީމެއް މިއޮތީ. އެހެންކަމުން އެބަޖެހޭ އިތުރު މަސައްކަތްތަކެއް ކުރަން. ރަނގަޅުކުރަން ޖެހޭ ކަންކަން އެބަހުރި،" މި މުބާރާތަށް ޓީމާ ހަވާލުވި ކޯޗު ބުންޏެވެ.

މާޅޮހުގެ ކޯޗު އަލީ ނިޝްތާރު ބުނީ އޭނާގެ ޓީމުގެ ތައްޔާރީތަކާއި އަދި އިދިކޮޅުގައި އޮތް ޓީމުގެ ފެންވަރާ ބަލާއިރު ޓީމުން ދެއްކި ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

ތިނަދޫ ޓީމުގައި ގިނައީ ފުރަތަމަ ޑިވިޝަނުގައި މީގެ ކުރިން ކުޅެފައިވާ ކުޅުންތެރިންނެވެ. އެގޮތުން އީގަލްސް އިން ކުޅުނު އަހުމަދު ރިޒްވާން (ރިޒޭ) އާއި އިމްރާން ނަޝީދާއި އަންސަރު އިބްރާހިމާއި ވިކްޓަރީން ގުޅުނު އަހުމަދު ނިއާޒާއި އާދިލް އަބްދުއްރަހްމާން މިރޭ ފުރަތަމަ އެގާރައިގައި ކުޅުނެވެ.

މާޅޮހަށް ބަލާއިރު ކުރިން ވެލެންސިއާ އާއި އީގަލްސް އަށް ކުޅުނު މުނޯޒުގެ އިތުރުން ވެލެންސިއާ އިން ގުޅުނު އަބްދުލްވާހިދު އިބްރާހިމް (ވާޑު) އާއި ނިއުގެ ކުރީގެ ކެޕްޓަން އަހުމަދު މުހައްމަދު (އައްމަޑޭ) ގެ އިތުރުން ވިޔަންސާ އިން ވިދާލި އަބްދުﷲ އިބްރާހިމް (ކްރެސްޕޯ) ކުޅުނެވެ.