ކުޅިވަރު / އުރީދޫ ދިވެހި ޕްރިމިއާ ލީގު

ފޯރިގަދަ މެޗަކަށް ފަހު ކުޑަހުވަދޫ އާއި މާޅޮސް އެއްވަރު

މި ސީޒަނުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު އެންމެ ފޯރިގަދަ އަދި އެންމެ ވާދަވެރި އެއް މެޗުގައި މިރޭ ދ. ކުޑަހުވަދޫ އާއި އއ. މާޅޮސް 2-2 އިން އެއްވަރުވެއްޖެ އެވެ.

މިނިވަން ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގަށް އައި ދެ ޓީމުގެ ފަރާތުން މިރޭ ވަނީ ވަރަށް ހަލުވި އެޓޭކިން ގޭމެއް ފެނިގެން ގޮސްފަ އެވެ.

މިރޭގެ މެޗުގެ ފަސް ވަނަ މިނެޓުގައި އިބްރާހިމް އުޝާމަތު ވަނީ ކުޑަހުވަދުއަށް ލީޑު ނަގައިދީފަ އެވެ. މި ގޯލަށް ފަހު މާޅޮސް އިން އެޓޭކް ވަރުގަދަކުރިއިރު އެ ޓީމުން ނުރައްކާތެރި ދެ ހަމަލާ ފޮނުވާލި އެވެ. އެގޮތުން 23 ވަނަ މިނެޓުގައި އަލީ ހާފިޒް (ހާއްޕެ) ފޮނުވާލި ބޯޅައެއް ގޯލް ދަނޑީގައި ޖެހުނެވެ.

މާޅޮހުން އެއްވަރުކުރީ 33 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ސްޕެއިން ފޯވާޑް އެންހެލް މުނޯޒް ޖެހި ލަނޑުންނެވެ. މިއީ އޭނާ އަށް އޭރިއާ ތެރެއިން ކުޑަހުވަދޫގެ އަބްދުﷲ ޔަޒީދް ކުރި ފައުލަކަށް ރެފްރީ ޒައީމް އަލީ ދިން ޕެނަލްޓީއެކެވެ.

ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ކުޑަހުވަދޫ އަށް ވެސް ޕެނަލްޓީއެއް ލިބުނެވެ. އެކަމަކު އެ ޓީމުގެ މުހައްމަދު އިސްމާއިލް ފޮނުވާލި ޕެނަލްޓީ މާޅޮހުގެ ގޯލްކީޕަރު އިބްރާހިމް ޒަމީރު މަތަކުރި އެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅު ކުޑަހުވަދޫން އަލުން ލީޑު ނެގީ އާދަމް ޝަމީމް ޖެހި ގޯލުންނެވެ. މެޗުގެ 50 ވަނަ މިނެޓުގައި އޭނާ މި ގޯލް ޖެހީ އަރިމަތިން ލިބުނު ބޯޅައެއް ހަނި އޭންގަލުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. މި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ.

މާޅޮހަށް ދެ ވަނަ ފަހަރަށް އެއްވަރުކޮށްދިނީ 74 ވަނަ މިނެޓުގައި އެންހެލް އެވެ. މެޗުގެ ފަހުކޮޅު މާޅޮހަށް ލީޑު ނަގަން ރަނގަޅު ދެ ފުރުސަތު ލިބި ބޭކާރުވި އެވެ.

ތިން މެޗުން ދެ ޕޮއިންޓް ލިބިފައިވާ މާޅޮހުގެ ކޯޗު އަލީ ނިޝްތާރު ބުނީ އުއްމީދު ކުރީ މޮޅަކަށް ކަމަށާއި އެ ފުރުސަތު ލިބި ގެއްލިގެން ދިޔައީ ގޯސްތަކެއް ހެދިގެން ކަމަށެވެ. މީގެ އިތުރުން އޭނާ ވަނީ ކުޑަހުވަދޫ ޓީމަށް ދިން ޕެނަލްޓީއާ މެދު ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

"އަޅުގަނޑު ރެފްރީންގެ ވާހަކަ އެހާ ދައްކާ ހިތެއް ނުވޭ. އެކަމަކު ކުރީ ދުވަހު ނިއު ރޭޑިއަންޓުގެ ކޯޗު ވެސް ފާހަގަކުރި ފަދައިން، ހަގީގަތުގައި މިރޭ ވެސް ވަރަށް ސޮފްޓް ޕެނަލްޓީއެއް އެއް ދިނީ. އިދިކޮޅު ޓީމުގެ ކޯޗު ހަޅޭއްލެވިޔަސް ރެފްރީ އެ ޕްރެޝަރުގައި ޖެހިގެން ނުވާނެ،" ނިޝްތާރު ބުންޏެވެ.

ކުޑަހުވަދޫގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ގެއްލިގެން ދިޔައީ ވަރަށް މުހިއްމު މެޗެއް ކަމަށާއި ދެ ފަހަރަށް ލީޑު ލިބި މެޗު ގެއްލިގެން ދިޔައީ މޯރަލީ ދަށްވެގެން ކަމަށް ވެދާނެ ކަމަށެވެ.

"ވެދާނެ ފުރަތަމަ ދެ މެޗުގައި ބޮޑެތި ޓީމުތަކާ ކުޅެން ޖެހުނީމާ މޯރަލް މައްސަލައެއް ނުކުތީ ކަމަށް. އިތުބާރަށް ބުރޫ އަރާނެ. މިއަދު ލިބުނު މޮޅުވާން ފުރުސަތު. ކުޅުންތެރިން ހިތްވަރު ވެސް ކުރި. މޮޅުނުވުމުން ހިތްހަމަނުޖެހޭ. އެކަމަކު ބަލިވުމަށް ވުރެ އެއް ޕޮއިންޓް ލިބުމަކީ ހިތްހަމަޖެހުމެއް،" މޯހަން ބުންޏެވެ.

ތިން މެޗުން ދެ ޕޮއިންޓާ އެކު ހަ ވަނައިގައި މާޅޮސް އޮތްއިރު ކުޑަހުވަދޫ އޮތީ އެއް ޕޮއިންޓާ އެކު ފުލުގަ އެވެ. އެއް ވަނައިގައި ހަ ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އޮތީ މާޒިޔާ އެވެ. ލީގުގައި މާދަމާ ހަވީރު ގދ. ތިނަދޫ އާއި ޓީސީ ސްޕޯޓްސް ކްލަބް ކުޅޭއިރު މާދަމާރޭ ބައްދަލުކުރާނީ މާޒިޔާ އާއި ށ. މިލަންދޫ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454