ށ. މިލަންދޫ އަތުން އުނދަގުކުން 1-0 އިން މޮޅުވެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ މަގާމަށް ނިއު ރޭޑިއަންޓް މިރޭ އަރައިފި އެވެ.

ނިއު 12 ޕޮއިންޓާ އެކު އެއް ވަނަ އަށް އެރިއިރު އެއް މެޗު މަދުން ކުޅެ 10 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް މާޒިޔާ މާދަމާ ގްރީންސްޓްރީޓްސް އަތުން މޮޅުވެއްޖެ ނަމަ އެ ޓީމު އަލުން އެއް ވަނަ އަށް އަރާނެ އެވެ. އަނެއްކޮޅުން ނުވަ ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް ގްރީންސްޓްރީޓްސް ތަފާތު ބޮޑުކޮށް މާޒިޔާ އަތުން މޮޅުވެއްޖެ ނަމަ އެ ޓީމަށް ވެސް އެއް ވަނަ އަށް އެރޭނެ އެވެ.

މިރޭގެ މެޗުގައި ވެސް މިލަންދޫ އިން ވަރުގަދަ ޑިފެންސިވް ކުޅުމެއް ދެއްކިއިރު ނިއުގެ ހަމައެކަނި ލަނޑު 66 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކާމިޔާބުކުރީ ސްޕެއިން ފޯވާޑް އެޑްރިއަން ގަލާޑޯ އެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ނިއު އަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތު ލިބުނެވެ. އެގޮތުން 10 ވަނަ މިނެޓުގައި ސްޕެއިން މިޑްފީލްޑަރު ކަންޑޭލާ ފޮނުވާލި ބާރު ބޯޅަ މިލަންދޫ ގޯލްކީޕަރު މުހައްމަދު އިމްރާން މަތަކުރިއިރު އެ ބޯޅަ ދެ ވަނަ ފަހަރަށް އަލީ އަޝްފާގް (ދަގަނޑޭ) ޖެހުމުން ބްލޮކްވީ އެވެ. އޭގެ ފަހުން 20 ވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) ނެގި ހުރަހަކުން ގަލާޑޯ އޭރިއާ ތެރެއިން ފޮނުވާލި ބާރު ބޯޅަ ވެސް އިމްރާން މަތަކުރި އެވެ.

ދެ ވަނަ ހާފު ފަށައިގެން 54 ވަނަ މިނެޓުގައި ސެންޓޭ ފޮނުވާލި ބޯޅައެއް ވެސް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އިމްރާން ސަލާމަތްކުރި އެވެ. ނިއު އަށް ޕެނަލްޓީ ލިބުނީ 65 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ނިއުގެ ހަމްޕު އަށް މިލަންދޫގެ އިބްރާހިމް ސައީދު ކުރި ފައުލަކަށެވެ. މި ޕެނަލްޓީ ގަލާޑޯ ވަނީ ފަސޭހަކަމާ އެކު ވައްދާލައިފަ އެވެ.

ނިއުގެ ލަނޑާ އެކު މިލަންދޫ އިން ވެސް އެޓޭކްތައް ކުރަން ފެށިއިރު 77 ވަނަ މިނެޓުގައި އެ ޓީމުން ލަނޑެއް ޖެހުމާ ވަރަށް ގާތަށް ދިޔަ އެވެ. އެގޮތުން އެ ޓީމުގެ އަސްރަރު އަބްދުﷲ އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅަ އަމާޒުވީ، އަނިޔާ އަށް ފަހު ފިޓްވެ މިރޭ ކުޅެން ނުކުތް ނިއުގެ ކެޕްޓަން އިމްރާން މުހައްމަދު ބަލަހައްޓަމުން ދިޔަ ގޯލުގެ ދަނޑި އަށެވެ.

މެޗުގެ ފަހުކޮޅު ނިއުގެ ދަގަނޑޭ އަށް ލީޑު ފުޅާކުރަން ރަނުގެ ދެ ފުރުސަތު ލިބި ބޭކާރުވި އެވެ.

ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނީ މިލަންދޫގެ ފަރާތުން އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި އެކަމަކު ބޮޑު ބްރޭކަކަށް ފަހު އައިސް ފުރަތަމަ މެޗުން ތިން ޕޮއިންޓް ލިބުމުން ހިތްހަމަޖެހިއްޖެ ކަމަށެވެ.

"އަނެއްކާ ވެސް ރަނގަޅަށް ތައްޔާރުވާން އިތުރު ހަފުތާއެއް މި ލިބުނީ. މި މެޗުން ހަގީގަތުގައި ނަތީޖާ އަހަރެމެންނަށް މުހިއްމުވީ. ސަބަބަކީ ގައުމީ ޓީމާ އެކު ގިނަ ކުޅުންތެރިންތަކެއް ގޮސް، އެނބުރި އައިސް އެންމެ ރަނގަޅު ފޯމަށް ނޭޅޭނެތީ،" ބްރުޒޮން ބުންޏެވެ.

މިލަންދޫގެ ކޯޗު މުހައްމަދު ނާސިރު ބުނީ ޖުމްލަކޮށް ކުޅުން ރަނގަޅު ކަމަށާއި އެކަމަކު އޭނާގެ ކުޅުންތެރިންގެ ފަރާތުންނާއި އަދި ރެފްރީގެ ފަރާތުން ވެސް ގޯސްތަކެއް ފެނުނު ކަމަށެވެ. ނާސިރު ބުނީ ފުރަތަމަ ހާފުގައި ނިއުގެ ރިލްވާން ވަހީދު (ރިލޭ) މިލަންދޫގެ ކުޅުންތެރިއާ އަށް ކުރި ފައުލަކަށް ސީދާ ރަތެއް ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމަކު ރެފްރީ ފުއްދާލީ ރީނދޫ ކާޑަކުން ކަމަށެވެ.

"ބްރޭކަށް ފަހު އައިސް ޖުމްލަކޮށް ވަރަށް ރަނގަޅު ކުޅުމެއް ދެއްކި. އެކަމަކު ކުދިކުދި ގޯސްތަކެއް ހެދިގެން ދިޔައީ،" ނިއުގެ ކުރީގެ ކުޅުންތެރިއާ ނާސިރު ބުންޏެވެ.