އަލީ ފާސިރު (ސެންޓޭ) ހެދި ހެޓްރިކާ އެކު 7-1 އިން ށ. މިލަންދޫ ބަލިކޮށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ މަގާމަށް ނިއު ރޭޑިއަންޓް އަލުން ޖެހިލައިފި އެވެ.

ނިއު މި މެޗަށް ނުކުތްއިރު ދ. ކުޑަހުވަދޫ ބަލިކޮށް މާޒިޔާ ވަނީ އެއް ވަނަ އަށް އަރައިފަ އެވެ. ނިއު އަލުން އެއް ވަނަ އަށް ޖެހިލީ އަށް މެޗުން 21 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް މާޒިޔާ އާއި ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 19 ޕޮއިންޓެވެ.

އަނިޔާގެ ސަބަބުން ގައުމީ ފުޓްބޯޅަ ޓީމު އެންމެ ފަހުން އޮމާނާ ދެކޮޅަށް ކުޅުނު މެޗުގައި ނުފެނުނު ނިއުގެ އަލީ އަޝްފާގު (ދަގަނޑޭ) މިއަދު ފުރަތަމަ އެގާރައިގައި ނުހިމެނެ އެވެ. އަދި ލީގުގެ ފުރަތަމަ ބުރުގައި ގަވާއިދުން ޓީމުގެ ޕްރެކްޓިސްތަކުގައި ބައިވެރިނުވެވޭތީ އުނދަގޫ ހާލަތެއްގައި ގިނަ މެޗުތަކެއްގައި ކުޅެން ޖެހުނު މިލަންދޫ ޓީމުގެ އިޝާން އިބްރާހިމް (ސައްޓު) ވަނީ ފުރަތަމަ އެގާރައިގައި ހިމެނިފަ އެވެ.

މެޗު ފަށައިގެން ނިއު އިން ރަނގަޅަށް ކުޅެމުން ދަނިކޮށް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ހޯދީ މިލަންދޫ އިންނެވެ. މެޗުގެ 11 ވަނަ މިނިޓްގައި ހާފްގެ މެދުތެރެއިން ލިބުނު ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް އައި ބޯޅައެއް ލިބުނީ މިލަންދޫގެ އިބްރާހިމް ސައީދަށެވެ. އޭނާ ފޮނުވާލި ބޯޅަ ބާރެއް ނެތުމުން ނިއުގެ ކީޕަރު އިމްރާން މުހައްމަދު ވަނީ ފަސޭހަކަމާ އެކު އަތަށް ބޯޅަ ނަގައިފަ އެވެ.

އޭގެ ދެ މިނިޓް ފަހުން ނިއު އަށް ލީޑުނަގައިދޭން ސެންޓޭ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ ސެންޓޭ ފޮނުވާލި ނަމަވެސް މިލަންދޫ ކީޕަރު މުހައްމަދު އިމްރާން (ކުޑަ އިންމަ) ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 20 ވަނަ މިނިޓްގައި ނިއު އަށް ލިބުނު ކޯނަރަކުން ސްޕެއިނުގެ މިޑްފީލްޑަރު ކަންޑޭލާ ނަގައިދިން ހުރަސް ގޯލު ކުރިމަތީގައި ހުސްކޮށްހުރި އެ ޓީމުގެ ސްޕެއިނުގެ ފޯވާޑް އެޑްރިއަން ގަލާޑޯ ބޮލުން ފޮނުވާލި ނަމަވެސް ދިޔައީ މިލަންދޫ ކުޅުންތެރިއަކު ގައިގައި ޖެހިފައި ބޭރަށެވެ.

ލިބޭ ފުރުސަތުތަކުގައި މިލަންދޫ އިން ދިޔައީ ނިއު އަށް ނުރައްކާ ކުރަމުންނެނެވެ. އެގޮތުން މެޗުގެ 25 ވަނަ މިނިޓްގައި ލިބުނު ކޯނަރަކުން މިލަންދޫގެ ހުސެއިން ވިޝާލް ނަގައިދިން ބޯޅަ ގޯލަށް އަމާޒުވިއިރު، ކީޕަރު އިމްރާން ވަނީ މަތަކޮށްފަ އެވެ.

ނިއު އަށް ލީޑުނަގައިދިނީ މެޗުގެ 27 ވަނަ މިނިޓްގައި ސެންޓޭ އެވެ. ލިބުނު ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ ސެންޓޭ ވަނީ ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. އޭގެ އަށް މިނިޓް ފަހުން ނިއު އަށް ލީޑުފުޅާކޮށްދޭން ގަލާޑޯ އަށް ލިބުނު ރަނުގެ ފުރުސަތު އޭނާ އަތުންވީ ބޭކާރެވެ.

މިލަންދޫގެ ތިން ކުޅުންތެރިން ކައިރިން ސެންޓޭ ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މިލަންދޫގެ ތިން ކުޅުންތެރިން ކައިރިން ސެންޓޭ ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މެދުތެރެއިން ހުސްކޮށްލާފައި ނިއުގެ އިބްރާހިމް ފަޒީލް (އޮއްޕޮ) އަށް ދިން ބޯޅަ އޭނާ ޖައްސާލީ މުޅިން ހުސްކޮށްހުރި ގަލާޑޯ އަށެވެ. ހުސްކޮށް އޮތް ގޯލަށް ގަލާޑޯ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

ނިއު އަށް ލިބުނު ފުރުސަތުގެ ބޭނުން އެ ޓީމުން ނުހިފުމުގެ ނަތީޖާ އަކަށްވީ މިލަންދޫ އިން ނަތީޖާ ހަމަހަމަ ކުރުމެވެ. މެޗުގެ 37 ވަނަ މިނިޓްގައި ނިއުގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި މިލަންދޫ އަށް މި ލަނޑު ޖަހައިދިނީ އާދަމް އިމްރާން އެވެ.

މިލަންދޫ އިން ނަތީޖާ ހަމަހަމަ ކުރުމުން ނިއު އިން ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ސެންޓޭ އެ ޓީމަށް އަލުން ލީޑުނަގައިދިނެވެ. މިލަންދޫގެ ޑިފެންޑަރުންގެ އޮފްސައިޑް މަޅިން ސަލާމަތްވެ އޭރިއާ ތެރެއިން ސެންޓޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަަނަށެވެ.

މެޗުގެ ދެ ވަނަ ހާފް ފަށައިގެން 52 ވަނަ މިިނިޓްގައި ނިއު އިން ވަނީ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް)ގެ ބަދަލުގައި ދަގަނޑޭ ކުޅެން އަރުވައިފަ އެވެ. އޭނާ ހަ މިނިޓް ފަހުން ދަގަނޑޭ ތަނަވަސްކޮށްދިން ބޯޅަ އަކުން ނިއުގެ ތިން ވަނަ ލަނޑު ޖެހީ ގަލާޑޯ އެވެ.

ދަގަނޑޭ ނިއުގެ ހަތަރު ވަނަ ލަނޑު ޖެހީ މެޗުގެ 61 ވަނަ މިނިޓްގަ އެވެ. މިލަންދޫ ކުޅުންތެރިއަކު ކައިރިން ނައްޓާފައި އޭރިއާ ތެރެއަށް ވަދެ ސެންޓޭ ދިން ބޯޅަ ދަގަނޑޭ ވަނީ ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިފަ އެވެ.

މިލަންދޫގެ ކުރިއަށް ކުޅޭ ބޯޅަތަކުގައި އެ ޓީމުގެ ސައްޓު އަށް ލިބުމުން ނިއުގެ ޑިފެންޑަރުންނަށް ނުރައްކާ ބޮޑުވި އެވެ. އެހެން ނަމަވެސް ސައްޓު އަށް އެޓޭކުގައި އެހީތެރިވާނެ ކުޅުންތެރިއަކު ނެތުމުން ލިބޭ ބޯޅަތަކުގެ ބޭނުމެއް ނުހިފެ އެވެ.

ނިއުގެ ފަސް ވަނަ ލަނޑު މެޗުގެ 73 ވަނަ މިނިޓްގައި ޖެހީ ގަލާޑޯ އެވެ. ރިލްވާން ވަހީދު (ރިލޭ) ހުސްކޮށްލާފައި އޭރިއާ ތެރެއަށް މަތިން ފޮނުވާލި ބޯޅަ ގަލާޑޯ ވަނީ މިލަންދޫ ކުޅުންތެރިއާ ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ.

އޭގެ ހަތަރު މިނިޓް ފަހުން ދަގަނޑޭ ވަނީ ނިއު އަށް ހަ ވަނަ ލަނޑެއް ކާމިޔާބު ކޮށްދީފަ އެވެ. އަރިމަތިން ސެންޓޭ ނަގައިދިން ހުރަހަކުން ދަގަނޑޭ މި މެޗުގައި ޖެހި ދެ ވަނަ ލަނޑު ކާމިޔާބުކުރީ ސައިޑްކިކަކުންނެވެ.

ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރައި މިލަންދޫގެ އިބްރާހިމް ޝިޔާމް (ބިއްލެ) ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެހެން ނަމަވެސް ލިބޭ ރަނގަޅު ބޯޅަ ނިންމައެއް ނުލެވުނެވެ.

ލަނޑު ޖެހުމަށް ފަހު ނިއުގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ލަނޑު ޖެހުމަށް ފަހު ނިއުގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއުގެ ހަތް ވަނަ ލަނޑު ޖަހައި ސެންޓޭ އޭނާގެ ހެޓްރިކު ފުރިހަމަކުރީ މެޗުގެ 86 ވަނަ މިނިޓްގަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ސެންޓޭ މި ލަނޑު ޖެހީ މިލަންދޫ ކީޕަރު ކުޑަ އިންމަ ކައިރިން ނައްޓާލުމަށް ފަހު އެވެ. އިތުރު ވަގުތުގެ ތެރޭގައި ކޯނަރަކުން ލިބުނު ބޯޅަ ކަންޑޭލާ ބޮލުން ފޮނުވާލި ނަމަވެސް އަމާޒުވީ ހުރަސް ދަނޑިއަށެވެ.

މެޗަށް ފަހު މިލަންދޫގެ ކޯޗު މުހައްމަދު ނާސިރު ބުނީ މިއީ އުއްމީދުކުރި ނަތީޖާއެއް ނޫން ކަމަށާއި މިހާ ތަފާތު ބޮޑުވުމުން އުނދަގޫތަކެއް ކުރިމަތިވެއްޖެ ކަމަށެވެ.

"އަޅުގަނޑުމެން ހީިކުރި ނަތީޖާއެއް ނޫން މިއީ. ފުރަތަމަ ބުރގައި ރަނގަޅަށް ގޮސްފައި މި ބުރު ކުޅުނު ފުރަތަމަ މެޗުން މި ގޮތަށް ބަލިވީމަ ކުރި ހުރިހާ މަސައްކަތެއް ދިޔުން ކަހަލަ. އެކަމަކު މި ހެދުނު ގޯސްތައް ރަނގަޅުކޮށްގެން ދެން ހުރި މެޗުތަކަށް ނުކުންނާނީ،" ނާސިރު ބުންޏެވެ.

އޭނާ ވަނީ މެޗުގެ ތަފާތު ބޮޑުވުމުގައި ދެ ޓީމުގެ ކުޅުންތެރިންގެ އިންޑިޖުއަލް ތަފާތު ވަރަށް ބޮޑަށް ފެނިގެންދިޔަ ކަމަށެވެ.

ނިއުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނީ މިލަންދޫ އިން ކުޅުނު ކުޅުމަށް ތައުރީފްކުރާ ކަމަށެވެ.

"އަހަރެމެންނާ އެކު އެހެން ޓީމުތަކުން ވަރަށް ޑިފެންސިވްކޮށް ކުޅެނީ އެކަމަކު މިލަންދޫ އިން ވަރަށް ހައިލައިންގައި ޑިފެންސްކޮށްގެން މި މެޗުގައި ކުޅެފި. އެ ކަމަށް އަހަރެން އެ ޓީމަށް މަރުހަބާ ކިޔަން،" އޮސްކާ ބުންޏެވެ.

އޭނާ ބުނީ މި މެޗަށް ނުކުތްއިރު އެއް ވަނަ ގެއްލިފައި އޮތުމަކީ ޕްރެޝަރެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.

"އަހަރެމެންނަށް އެނގޭ ލީގެއް ވެއްޖިއްޔާ އެކި ހާލަތްތައް ކުރިމަތިވާނެކަން އެކަން ކަމަށް ތައްޔާރުވެ މިތިބީ. ފޯކަސް ހުރީ މި މެޗު ކާމިޔާބު ކޮށްފައި ދެން ކުޅޭ ހަ މެޗުން ވެސް މޮޅުވަން. އެއީ ލީގެއް ނުލިބޭނެ އެއްވެސް މެޗެއް ދަށްކޮށް ކުޅެގެން،" އޮސްކާ ބުންޏެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރާނީ އއ. މާޅޮހާ އެވެ. މެޗު ފަށާނީ 9 ޖަހާއިރު އެވެ.