ގައުމީ ފުޓްބޯޅަ ޓީމުން 2004 ވަނަ އަހަރު ގަދަފަދަ ދެކުނު ކޮރެއާއާ 0-0 އިން އެއްވަރުކުރި މެޗުގައި އިލްޔާސް އިބްރާހިމް (އިއްލެ) އަކީ ޓީމުގެ އެއް ނަމްބަރު ފޯވާޑެވެ. ޖެހިގެން އައި އަހަރުގެ އޭއެފްސީ ކަޕުގެ ތިން ވަނަ ނިއު ރޭޑިއަންޓުން ހޯދިއިރު އިރު އެ ޓީމުގައި ވެސް އޭނާ ހިމެނުނެވެ. އެކަމަކު ހަގީގަތުގައި އޭރު ވެސް އޭނާ އަކީ ބާސްކެޓްބޯޅައިގެ ތަރިއެކެވެ. ފަހުން ބާސްކެޓްބޯޅައަށް އެއްކޮށް ހުސްވެ މޮޅު ކުޅުންތެރިޔެއްގެ ގޮތުގައި ވިދާލިއިރު މިހާރު އޭނާ އަކީ ކާމިޔާބު ބާސްކެޓްބޯޅަ ކޯޗެކެވެ.

ބާސްކެޓާއި ފުޓްބޯޅައިގެ ދަތުރު ފެށީ ވެސް އެކީގައި

ނުވަ ދިހައިގެ އަހަރުތަކުގައި ރާއްޖޭގެ ފުޓްބޯޅަ އަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދިން އެއް ކޯޗަކީ ސްރީލަންކާގެ ސްމިތު ވަލަޕޯލާ އެވެ. އެ ދުވަސްވަރު އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތަށް އަހުމަދިއްޔާ ސްކޫލްގެ 14 އަހަރުން ދަށުގެ ޓީމެއް އެކުލަވާލަން އޭނާ ކުރި މަސައްކަތުގެ ތެރެއިން އިއްލަ އަށް ޓީމުން ފުރުސަތު ލިބުނެވެ.

"ސްކޫލުގައި އުޅުނުއިރުގައި ފުރަތަމަ ފުޓްބޯޅަ ކުޅެން ފެށީ 12 އަހަރު ނޫނީ 13 އަހަރުގައި. 14 އަހަރުން ދަށަށް ސްމިތު ވަލަޕޯލާގެ ދަށުން އަހުމަދިޔައްޔާ އިން ޓީމެއް ހަދާތީވެ ފުޓްބޯޅަ އަށް އަލަށް ދިޔައީ. ސްމިތު ކޯޗުގެ އިރުޝާދުގެ ދަށުން އަހުމަދިއްޔާގައި ފުރަތަމަ ފުޓްބޯޅަ ކުޅެން ފެށީ،" އިއްލެ "މިހާރަ"ށް ބުންޏެވެ.

އެ ފަހަރު 14 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް ނިމުނުތަނުން ސްކޫލްގެ އިންޓަ ހައުސް ބާސްކެޓްބޯޅަ މުބާރާތް ފެށުނެވެ. އެ މުބާރާތުގައި އިއްލެ ކުޅުނެވެ. އަދި އެ ހިސާބުން ފުޓްބޯޅަ އެކޭ އެއްގޮތަށް ބާސްކެޓުން ވެސް ކުރިއަށްދާން ނިންމި އެވެ.

އިއްލެ ސްކޫލް ނިންމާލިއިރު އޭނާ ވަނީ ގާތްގަނޑަކަށް ހުރިހާ އުމުރުފުރައެއްގައި ފުޓްބޯޅަ އާއި ބާސްކެޓް މުބާރާތްތަކުގައި އެކި ލެވެލްތަކުގައި ކުޅެފަ އެވެ. ބޮޑެތި ކާމިޔާބީތަކާ އެކު އެވެ.

ޓީރެކްސް މެޗެއްގެ ތެރެއިން އިއްލެ (މ) ޓީމުގެ ކުޅުންތެރިންނަށް ކިޔައިދެނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޓީރެކްސް މެޗެއްގެ ތެރެއިން އިއްލެ (މ) ޓީމުގެ ކުޅުންތެރިންނަށް ކިޔައިދެނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އެންމެ ފަހު މުބާރާތް ހަނދާންވާ ގޮތުގައި އެއީ 21 އަހަރުން ދަށަށް އޮތީ އެ ފަހަރު. އެ އަށް ވުރެ ޔަންގްކޮށް ހުރެ އެ މުބާރާތުގައި ކުޅުނީ. އެ މުބާރާތުގެ ފައިނަލަށް އަހުމަދިއްޔާއެއް ނުދޭ. އެކަމަކު އަޅުގަނޑަށް ލިބުނު އެންމެ މޮޅު ފޯވާޑާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ދެން އެންމެ މޮޅު ކުޅުންތެރިޔާ ވެސް. ހަގީގަތުގައި އެންމެ ޓޮޕްގައި ނިންމާލެވުނީމަ އެއީ ކުރިއަށްދާން ލިބުނު ހިތްވަރެއް،" އުމުރުން 38 އަހަރުގެ އިއްލެ ބުންޏެވެ.

ކުރިއަށް ދިއުމުގައި ސްޓެލްކޯގެ ދައުރު ބޮޑު

ރާއްްޖޭގެ ކުޅިވަރުގައި މީގެ ކުރިން ސްޓެލްކޯގެ ކްލަބުން ވަނީ އެންމެ މަތީ ލެވެލްތަކުގައި ވާދަކޮށްފަ އެވެ. އިއްލެގެ ކެރިއަރުގައި، އޭނާ ވަޒީފާ އަދާ ކުރަމުން އަންނަ ސްޓެލްކޯގެ ކްލަބުގެ ހިއްސާ ބޮޑެވެ.

ސްކޫލް ނިންމާލި ގޮތަށް އިއްލެ ސްޓެލްކޯ އަށް ވަންއިރު އޭރު ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ސްޓެލްކޯގެ ކްލަބް ވާދަކުރި އެވެ. އެ ޓީމަށް އިއްލެ މޮޅު ކުޅުމެއް ދެއްކި އެވެ. އަދި އޭރު އޭނާ ދިޔައީ ބާސްކެޓްގެ ޒުވާން ގައުމީ ޓީމު ޖަޕާނުގައި އޮންނަ މުބާރާތަކަށް ދާތީ އެ ޓީމާ އެކު ވެސް ޕްރެކްޓިސް ކުރަމުންނެވެ.

އިއްލެ އަށް ފުޓްބޯޅައިގައި ގިނަ ބަޔެއްގެ ލޯ އެންމެ ބޮޑަށް އަމާޒުވީ އެ 2002 ވަނަ އަހަރު ސްޓެލްކޯ ފުރަތަމަ ޑިިވިޝަނަށް ޕްރޮމޯޓްވުމުގައި އޭނާގެ ދައުރު ބޮޑުވުމެވެ.

"ސްޓެލްކޯ ޓީމާ އެކު ރަނގަޅަށް ކުޅެ އެ ޓީމު ފުރަތަމަ ޑިވިޝަނަށް އައިސް ލީގު ކުޅެފައި. ދެން ވިކްޓަރީން ހުށަހެޅުން ލިބުނީމަ މާއްޓޭ އާއި ސުޒޭންގެ އިރުޝާދުގެ ދަށުން ވިކްޓަރީ އަށް ދިޔައީ. ގައުމީ މުބާރާތް ކުޅެން. ދެން އައި ދެ ފަހަރު އައިއެފްސީ އަށް ކުޅުނީ،" އިއްލެ ބުންޏެވެ.

އެ ދުވަސްކޮޅަކީ އޭނާ އަށް ބާސްކެޓް ސީނިއާ ޓީމުން ވެސް ފުރުސަތު ލިބުނު ދުވަސް ވަރު ކަމަށްވާތީ އެ ލެވެލެއްގައި ދެ ކުޅިވަރުން ކުރިއަށް ދިއުމަށް އޭނާ ހުރީ ވަރަށް ބޮޑަށް ސަމާލުވެގެންނެވެ. އެހެން ހުއްޓައި އޭނާ އަށް ގައުމީ ސީނިއާ ފުޓްބޯޅަ ޓީމުން ފުރުސަތު ލިބުނެވެ.

"ޕޯޗުގަލްގެ ކޯޗެއް (މެނުއަލް ގޯމޭސް) ފުޓްބޯޅަ ޓީމާ ހަވާލުވެ 23 އަހަރުން ދަށުގެ ޓީމާ ސީނިއާ ޓީމާ މެޗެއް ކުޅުނީ. އެ ފަހަރު 23 އަހަރުން ދަށުގެ ޓީމަށް އަޅުގަނޑު ކުޅުނީ. ކޯޗަށް އެ ދުވަހު ކަމު ގޮސްގެން ސީނިއާ ޓީމަށް ނެގީ. ނަގައިގެން ސީނިއާ ޓީމާ އެކު ޕްރެކްޓިސްކޮށް ވޯލްޑް ކަޕް ކޮލިފައިން ޓީމަށް ވެސް އެރި. ދެކުނު ކޮރެއާ އެއްވަރުވި މެޗުގައި ވެސް ފުރަތަމަ އެގާރައިގައި ކުޅުނިން،" ގައުމީ ޓީމުން ޖާގަ ހޯދި ގޮތް އިއްލެ ކިޔައިދިނެވެ.

ޓީރެކްސް މެޗެއްގެ ތެރެއިން އިއްލެ ބެންޗުގައި (ކ). -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޓީރެކްސް މެޗެއްގެ ތެރެއިން އިއްލެ ބެންޗުގައި (ކ). -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ ފުޓްބޯޅަ ޓީމަށް ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުމަށް ފަހު އިއްލެ އަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ 2005 ވަނަ އަހަރު ނިއު ރޭޑިއަންޓާއި ވެލެންސިއާ ކުޅުނު މެޗެއްގައި އޭނާގެ ކަކުލަށް ލިބުނު އަނިޔާއަކަށް ސާޖަރީއެއް ހަދަން ޖެހުމުންނެވެ. ސާޖަރީ އަށް ފަހު އެނބުރި އައިސް ނިއު އަށް އިއްލެ ދެ ސީޒަނުގައި ކުޅުނެވެ. އަދި އެ އަށް ފަހު 2007 ވަނަ އަހަރު ޓޮޕް ލެވެލްގައި ފުޓްބޯޅަ ކުޅުން ހުއްޓާލި އެވެ.

ބާސްކެޓަށް އެއްކޮށް ހުސް ވުމަށް ފަހު އޭނާ އެ ކުޅިވަރުން ރިޓަޔަކުރީ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ތިން އަހަރު ވަންދެން ކުރުމަށް ފަހު އެވެ.

ފުޓްބޯޅަ އެކޭ އެތްގޮތަށް އިއްލެ ބާސްކެޓް ކްލަބް ކެރިއަރު ފެށީ ވެސް ސްޓެލްކޯ ކްލަބުންނެވެ. އޭރު ސްޓެލްކޯ ކްލަބަކީ ވެސް ބާސްކެޓްގައި ވަރުގަދަ ޓީމެކެވެ. އޭރު ދިމާވި ކޮންމެވެސް ސަބަބަކާ ހުރެ ސްޓެލްކޯ ޓީމު ބާސްކެޓްގައި ނުނެރެން ނިންމުމުން ދެން އިއްލެ ބަދަލުވީ ވިކްޓަރީ އަށެވެ. ސްޓެލްކޯ އެކޭ އެއްގޮތަށް ވިކްޓަރީ ވެސް ބާސްކެޓްގައި ވާދަނުކުރަން ނިންމުމުން އިއްލެއާ ގިނަ ބަޔަކު ހިމެނޭ ގޮތަށް 2009 ވަނަ އަހަރު ޓީރެކްސް ބާސްކެޓްބޯލް ކްލަބް ވުޖޫދަށް ގެނަ އެވެ.

"ވިކްޓަރީ ނުނުކުންނަން ފެށީމަ އަމިއްލަ ޓީމެއް ހެދީ ޓީރެކްސްގެ ނަމުގައި. ހަސަން އިސްމާއިލާއި ނާހިދު މެން ވެގެން. ކުޅުންތެރިން ވެސް ބައިވެރިވެގެން ނަމަކާ އެއްޗެހި ފައިނަލް ކުރީ ވެސް. އޭރުން ފެށިގެން މިއަދާ ހަމައަށް ޓީރެކްސް ބޮޑު ނަމެއްގެ ގޮތުގައި މި ބާއްވަނީ،" އިއްލެ ބުންޏެވެ.

"އަބަދުވެސް ވިސްނުން ހުރީ ބާސްކެޓް ކޯޗަކަށްވާން"

ބާސްކެޓް ކޯޗަކަށް ވުމަށް އިއްލެގެ ޝައުގު އެ ކުޅިވަރު ކުޅެން ފެށި ދުވަހުން ފެށިގެން ވެސް ހުރެ އެވެ. އޭނާ ކޯޗިންގެ ބިންގާ ވަރަށް ކުރިން އަޅައިފި އެވެ.

"ބާސްކެޓް ކޯޗިން އަށް ވަރަށް ކުރިން ވެސް ދެވިފައިހުރީ. އެއީ ކުޅެން ފެށި އިރުން ފެށިގެން. ސްކޫލު ނިންމާލާފައި ދެން ހުރިއިރު ކުޅެން އެނގޭތީ ބައެއް ކޯޗުން އެސިސްޓަންޓުންގެ ގޮތުގައި ކުޑަކުދިންނަށް ކިޔައިދޭއިރު ބޭނުންކުރޭ. ބާސްކެޓް ކޯޗިން އަކީ ކުޅެމުން އައިއިރު ވެސް ހުރިކަމެއް،" އިއްލެ ބުންޏެވެ.

ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ހަތް އަހަރުވީއިރު ވެސް އިއްލެގެ ވިސްނުން ބާސްކެޓުގައި ހަރުލާފައިހުރީ އެ ކުޅިވަރުގައި އޭނާ ހޯދަން ބޭނުންވި ކާމިޔާބީ ގިނަ ވުމުން ކަމަށް އޭނަ ކުރިން ވެސް ގަބޫލުކުރެ އެވެ.

"އަސްލު އެންމެ ބޮޑު އެއް ސަބަބު ކަންނޭނގެ އެހާ ވަރަށް ފުޓްބޯޅަ ކުޅުނުއިރު ވެސް ފުޓްބޯޅަ ކޯޗިން ހެދުމުގެ އެއްވެސް ހިޔާލެއް ނާދޭ. އަދިވެސް ފުޓްބޯޅަ ލައިސަންސެއް ނީންނާނެ މިހާތަނަށް ވެސް. އެކަމަކު ރާއްޖޭގެ ބާސްކެޓް ކޯޗެއް ކިޔަވަންޖެހޭ ހުރިހާ އެއްޗެއް ކަހަލަ ގޮތަކަށް ކިޔެވިފައި މިހުރީ،" ގައުމީ ޔުނިވާސިޓީގައި ފިޒިކަލް އެޑިއުކޭޝަނުން ޑިގްރީ އަށް ކިޔަވަމުން އަންނަ އިއްލެ ބުންޏެވެ.

ބާސްކެޓްގައި އިއްލެގެ ކާމިޔާބީ އޮތީ ހަަމައެކަނި ޓީރެކްސްއާ އެކުގައެއް ނޫނެވެ. އޭނާގެ ކާމިޔާބީގެ ވާހަކަ އެ އަށް ވުރެން ބޮޑަށް ދައްކަން ޖެހެ އެވެ.

"ބާސްކެޓްގައި ރާއްޖޭގައި އާދެވޭނެ އެންމެ ޓޮޕް ލެވެލަށް އާދެވިފައި މިހުރީ. ދެން ހަމަ ޖެހޭނީ ކާމިޔާބުތައް އިތުރުކުރަން. އަނެއްހެން ބުނަންޏާ ބާސްކެޓްގައި ނުހޯދާ ކާމިޔާބެއް ނުހުންނާނެ. ކޯޗެއް ގޮތަށް ކުޅުންތެރިޔެއް ގޮތަށް ވެސް. ކޯޗެއްގެ ގޮތުގައި ރާއްޖޭގެ ކޮންމެ ބޮޑު މުބާރާތެއްގެ ނަން ކިޔައިފިންޏާ އެ ޓޯނަމެންޓެއް އަޅުގަނޑު އިންނާނެ ހޯދާފައި. ކާމިޔާބީތައް އިތުރުކުރަން ދެން ޖެހޭނީ ފެންވަރު ރަނގަޅުކޮށްފައި،" އިއްލަ ބުންޏެެވެ.

ދެ ވަނަ ސާބާ ޗެމްޕިއަންޝިޕްގައި ވާދަކުރި ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިންނާ އެކު އިއްލެ (ވ.2)
ދެ ވަނަ ސާބާ ޗެމްޕިއަންޝިޕްގައި ވާދަކުރި ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިންނާ އެކު އިއްލެ (ވ.2)

ފާއިތުވި އަހަރުތަކުގައި އެކި ސަބަބުތަކާ ހުރެ ބާސްކެޓްގެ ހަރަކާތްތައް ރާއްޖޭގައި މަދުވި އެވެ. އޭގެ ސަބަބުން ގިނަ ކުޅުންތެރިންތަކަކަށް ގެއްލުންތަކެއް ކުރިމަތިވި އެވެ. އިއްލެ ބުނީ އޭގެ އިން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވީ އަރަން ތިބި ކުޅުންތެރިންނަށެވެ.

"ބާސްކެޓް މިދޭތެރެއިން ދިޔަ ޖޫނިއާ ލެވެލްގައި ފޯކަސް ނުކުރި ދުވަސްތަކެއް. އެއީ އަސްލު ގެޕެއް އައި ސަބަބަކީ ވަރަށް ރަނގަޅަށް ފޯރި ހިފާލާފަ އޮވެފައި. މިދޭތެރެއިން ހަތަރު ވަރަކަށް އަހަރު ގޮސްފި. ތަންކޮޅެއް ވަނދުކޮށް. ދެން އެކަމަކު މިހާރު އެ ލެވެލަށް އައިސްފި ކޮންމެވެސް ވަރަކަށް. މިހާރު ޖޫނިއާ ކުޅުންތެރިން ގިނަ ވެއްޖެ. އެކަމަކު މިހާރު ވެސް ސީނިއާ އާއި ޖޫނިއާ ކުޅުންތެރިންގެ ގެޕެއް އެބައުޅޭ. މީގެ މާނަ އަކީ ޖޫނިއާ ކުޅުންތެރިން އެބަޖެހޭ މަސައްކަތް ކޮށްލަން،" ޒުވާން އަންހެން ޓީމުގެ ހެޑް ކޯޗުގެ މަގާމު ފުރަމުން އަންނަ އިއްލެ ބުންޏެވެ.

އޭނާ ދެކޭގޮތުގައި އެއްވެސް އިރެއްގައި ބާސްކެޓަށް އޮތް ޑިމާންޑް ރާއްޖޭގައި ކުޑައެއް ނުވެ އެވެ. މައްސަލަ އުޅެނީ އެހެން ދިމަ ދިމާލުގަ އެވެ. އެ ހުރިހާ ކަމަކަށް ނަޒަރު ހިންގާލައިގެން ކުޑަ ކުޑަ ހިތްވަރެއްލައިގެން ވެސް ރާއްޖޭގެ ބާސްކެޓް ސަރަހައްދީ ފެންވަރުގައި ކުރިއަށް ޖައްސާލެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަަމަށް އިއްލެ ގަބޫލުކުރެ އެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި ޓެލެންޓް އެބައޮތް ރާއްޖޭގައި. މިހާރު މި އޮތް ބާސްކެޓް ޓީމުތަކުގައި ވެސް. މި ކުޅުންތެރިންނަށް ކޮށްދޭން ޖެހޭ ކަންތައްތަކެއް ބޫސްޓެއް މަދުވަނީ. އެ ބައި ރަނގަޅުކޮށް ކުޑަ ހިތްވަރެއް ކޮށްލައިގެން ވެސް ސަރަހައްދީ ފެންވަރުގައި ރާއްޖޭގެ ބާސްކެޓް ޓީމުތައް ކުރިއަށް ޖެހިލާނެ." އިއްލެ ބުންޏެވެ.