ގައުމީ ފުޓްބޯޅަ ޓީމުގެ އާ ކޯޗު ޕީޓަ ސެގާޓްގެ އިރުޝާދުގެ ދަށުން ރާއްޖެ ކުޅުނު ފުރަތަމަ މެޗުން މިއަދު އެކުވެރިކަމުގެ މެޗެއްގައި ސިންގަޕޫރު އަތުން 3-2 އިން ބަލިވެއްޖެ އެވެ.

މިއީ ސެގާޓް ޓީމާ ހަވާލުވިތާ 10 ވަރަކަށް ދުވަސް ފަހުން ކުޅުނު މެޗެއް ކަމުން އޭނާ ވަނީ މެޗަށް ދިޔައިރު ވެސް ނަތީޖާއަށް ވުރެ ބޮޑަށް އޭނާ އަށް މި މެޗުގައި މުހިއްމީ ކުޅުންތެރިން ދަސްކުރުން ކަމަށް ބުނެފަ އެވެ. އަދި އޭނާގެ ފޯކަސް ބޮޑަށް ހުރީ އަންނަ އަންގާރަ ދުވަހު މާލޭގައި ބޫޓާނާ ދެކޮޅަށް ކުޅޭ އޭޝިއަން ކަޕް ކޮލިފައިން މެޗަށް ކަމަށް ވެސް ބުންޏެވެ.

މި މެޗަށް ރާއްޖޭން ނުކުތްއިރު ޓީމުގެ ފުރަތަަމަ އެގާރައިން ވަނީ ނިއު ރޭޑިއަންޓުގެ މިޑްފީލްޑަރު ރިހާމް އަބްދުލް ގަނީ (ބޮބީ) އާއި ޓީސީ ސްޕޯޓްސް ކްލަބްގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަދި މާޒިޔާގެ ވާތު ބެކް މުޖުތާޒް މުހައްމަދު (މުޖޭ) އަށް ފުރުސަތު ދީފަ އެވެ. މިއީ ސީނިއާ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި މި ކުޅުންތެރިން ހިމެނުނު ފުރަތަމަ ފަހަރެވެ.

އަލީ އަޝްފާގު (ދަގަނޑޭ) އަށް އަނިޔާގެ ސަބަބުން ނުކުޅެވޭތީ ޓީމުގެ ކެޕްޓަނަކީ އަސްހަދު އަލީ (އަޑުބަރޭ) އެވެ.

މެޗު ފަށައިގެން ސިންގަޕޫރުން މަސައްކަތް ކުރީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މެޗު ކޮންޓްރޯލް ކުރުމަށެވެ. ރާއްޖޭން ދިޔައީ ލިބޭ ފުރުސަތުތަކުގައި ސްޕީޑްބާރު ކުޅުންތެރިންނާ އެކު އެޓޭކްކުރަން މަސައްކަތް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އެންމެ ކުރިއަށް ކުޅެމުން ދިޔަ ބޮބީ އާއި އިއްބެ އަށް ލިބޭ ބޯޅަތަކުގައި ހަމްޒާ މުހައްމަދު (ހަމްޕު) އާއި އަލީ ފާސިރު (ސެންޓޭ) ދިޔައީ އެޓޭކްގައި ބައިވެރިވަމުންނެވެ.

މެޗުގެ 16 ވަނަ މިނިޓްގައި އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ސެންޓޭ ފޮނުވާލި ބޯޅަ ސިންގަޕޫރުގެ ކީޕަރު ހަސަން ސަނީ ވަނީ މަތަކޮށްފަ އެވެ.

ދެން ފެނިގެންދިޔައީ ސިންގަޕޫރުގެ ނުރައްކާތެރި ދެ ހަމަލާ އެވެ. މެޗުގެ 22 ވަނަ މިނިޓްގައި ސިންގަޕޫރުގެ ޔާސިރު ހަނަޕްލް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ ހަ މިނިޓް ފަހުން ސިންގަޕޫރުގެ މެދުތެރެއަށް ކުޅޭ ޝަވާލް އަނުއަރް ފޮނުވާލި ބޯޅަ ވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ސިންގަޕޫރުން ލީޑުނެގީ މެޗުގެ 38 ވަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން ހާރިސް ހާރޫން ކާމިޔާބުކުރި ލަނޑުންނެވެ. ސިންގަޕޫރަށް ލިބުނު ކޯނަރަކުން އޭރިއާ ތެެރެއަށް ހުރަސްވި ބޯޅަ ހާރޫނަށް ލިބުމުން އޭނާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ހާރޫން އެ ބޯޅަ ގޯލަށް ފޮނުވާލުމުގެ ކުރިން ބޯޅަ ކޮންޓްރޯލްކުރީ އަތުން ކަމަށް ބުނެ ރާއްޖޭގެ ކުޅުންތެރިން ވަނީ އެޕީލް ކޮށްފަ އެވެ.

ސިންގަޕޫރުން ލީޑުނެގުމާ އެކު ރާއްޖޭން އެޓޭކް ވަރުގަދަކުރި އެވެ. އޭގެ ދެ މިނިޓް ފަހުން ލިބުނު ހިލޭ ޖެހުމަކުން މުހައްމަދު އުމެއިރު ރާއްޖޭގެ ލަނޑު ކާމިޔާބުކުރި އެވެ. މި ހިލޭ ޖެހުމަކީ ސިންގަޕޫރުގެ ދެ ކުޅުންތެރިން ކައިރިން އިއްބެ ބޯޅަ ހިފައިގެންދަނިކޮށް އޭނާ އަށް އެ ޓީމުގެ ކުޅުންތެރިޔަކު ކުރި ފައުލަކަށް އޭރިއާގެ އަރިމަތިން ލިބުނު ޖެހުމެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ރާއްޖެ އަށް ލީޑުނަގައިދޭން މުހައްމަދު އިރުފާން (އިރޭ) އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ހަމްޕު ދިން ބޯޅަ އެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ އިރޭ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

ފުރަތަމަ ހާފެކޭ އެއް ގޮތަށް ދެ ވަނަ ހާފުގައި ވެސް ސިންގަޕޫރުން ފެށީ މެޗު ކޮންޓްރޯލް ކޮށްގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅޭށެވެ. އެ ޓީމުން މި ހާފުގައި ލީޑުނެގީ 66 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ޝަހްދާން ސުލައިމާން އެވެ. މި ޕެނަލްޓީ އަކީ ރާއްޖޭގެ ސަމޫހު އަލީ (ސަމުއްޓެ) އޭރިއާ ތެރެއިން ޝަވާލް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

ސިންގަޕޫރުން ދެ ވަނަ ފަހަރަށް ލީޑުނެގިތާ ދެ މިނިޓް ފަހުން ސެންޓޭ ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭރިއާ ތެރެއިން ސެންޓޭ ޖެހި ބޯޅަ ސިންގަޕޫރުގެ ކީޕަރު ސަނީ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 70 ވަނަ މިނިޓްގައި ސިންގަޕޫރުގެ ތިން ވަނަ ލަނޑު ޖެހީ ޝާކިރު ހަމްޒާ އެވެ. އޭރިއާ ތެރެއިން ޝާކިރު ފޮނުވާލި ބޯޅަ ގޯލަށް ވަނީ ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް ފައިގައި ޖެހިފަ އެވެ.

މެޗުގެ ފަހު 20 މިނިޓް ތެރޭ ދެ ޓީމުން ވެސް ވަނީ ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. މި ގޮތުން އީގަލްސް އަށް ކުޅޭ ދެބެން ކަމަށްވާ އަހުމަދު ނޫމާން (ހެލްމެޓް) އާއި އޭނާގެ ކޮއްކޮ މުހައްމަދު ނާއިމް އާއި ޓީސީގެ ފޯވާޑް އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި މާޒިޔާގެ ޔަސްފާދު ހަބީބު (މުލަކޭ) އަދި ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީން (ޔާން)ގެ އިތުރުން ވިކްޓަރީގެ ހުސެއިން ނިހާން (ނިހާޓް) ވަނީ ކުޅެން އަރުވައިފަ އެވެ.

ރާއްޖޭގެ ދެ ވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ފޭދޫ އިއްބެ އެވެ. މެޗުގެ 81 ވަނަ މިނިޓްގައި ސިންގަޕޫރުގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި ފޭދޫ އިއްބެ ވަނީ އޭރިއާ ތެރެއަށް ވަދެ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. މިއީ އޭނާ ގައުމީ ޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.

މި މެޗުން ހޯދި ކާމިޔާބީއާ އެކު ސިންގަޕޫރުން ވަނީ ރާއްޖެއާ ދެކޮޅަށް އެ ޓީމުގެ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފަ އެވެ. ރާއްޖެއާ ދެކޮޅަށް ކުޅުނު ހަ މެޗުން ވެސް ސިންގަޕޫރު ވަނީ މޮޅުވެފަ އެވެ. އަދި މި މެޗަކީީ 2016 ވަނަ އަހަރުގެ މާޗު މަހު މިޔަންމާ އަތުން ހޯދި މޮޅަށް ފަހު ސިންގަޕޫރު ބައިނަލްއަގްވާމީ މެޗެއްގައި އެއް ލަނޑަށް ވުރެ ގިނައިން ގޯލު ޖެހި ފުރަތަމަ މެޗެވެ.

މިއީ އެންމެ ފަހުން ކުޅުނު 14 މެޗުން ސިންގަޕޫރު ހޯދި ފުރަތަމަ މޮޅެވެ. ފީފާ އިން އެންމެ ފަހުން ނެރުނު ރޭންކިންގައި ސިންގަޕޫރު އޮތީ 171 ވަނައިގަ އެވެ. އަދި ރާއްޖެ އޮތީ 150 ވަނައިގަ އެވެ.