މިހާރުގެ ވޮލީބޯޅަ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ނަންތައް އިއުލާންކޮށްފި

މިހާރު" ނޫހުން މުޅިން އަލަށް ތައާރަފްކުރާ މިހާރު އެވޯޑްސްގައި ހޮވާ މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން އަދި އަންހެން ވޮލީބޯޅަ ކުޅުންތެރިޔާ އާއި ދެ ޖިންސުން އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމަށް މިދިޔަ ސީޒަނުން ވާދަކުރާ ކުޅުންތެރިންގެ ނަންތައް އިއުލާންކޮށްފި އެވެ.


އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ ހުސެއިން ވިސާމް (ބުޅިކެ)، ހަސަން ނިލާމް، އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)، އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އަދި އަލީ ހުޒާމް (ހުޒާންޓެ) އެވެ.

އެވޯޑްސްގެ މީޑިއާ ޕާޓްނަރު ވީމީޑިއާގެ ވީޓީވީން ރޭ ގެނެސްދިން އެވޯޑްސްގެ ކައުންޓްޑައުން ޝޯގައި ގަދަ ފަސް ކުޅުންތެރިންގެ ނަންތައް އިއުލާންކޮށްދެއްވީ ވޮލީބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އަދި ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަހުމަދު އަދީލް (ބޭބެ) އެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ޒުވާން ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ނޮމިނޭޓްވެފައިވަނީ ހުސެއިން ރައްޒާން، މުހައްމަދު މިމްރާހް ހަސަން (މިންމި) އަދި މުހައްމަދު އަލީ އެވެ.

އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ކުޅުންތެރިން (ކ-ވ) އަޒީފާ، އަރީޝާ، ޖޫޒަން، ހައްވަ އަދި ސިލްމާ.

އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ފަސް ކުޅުންތެރިންނަކީ ހައްވާ ރާޝިދާ، އައިމިނަތު އަރީޝާ، ފާތިމަތު އަޒީފާ، ފާތިމަތު ޖޫޒަން އަދި ސިލްމާ ޒާހިރެވެ.

މި މަގާމަށް ވާދަކުރާ ކުޅުންތެރިންގެ ނަންތައް އިއުލާންކޮށްދެއްވީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް އަންހެން ވޮލީބޯޅަ ކުޅުންތެރިޔާ އަދި ފުޓްބޯޅަ އެސޯސިއޭޝަނުގެ ނައިބް ރައީސާ އައިޝަތު ނާޒިމާ އެވެ.

އެންމެ މޮޅު ޒުވާން އަންހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމަށް ނޮމިނޭޓްވެފައިވަނީ ސީނިއާ އެވޯޑަށް ވެސް ޝޯޓްލިސްޓްވެފައިވާ އަރީޝާގެ އިތުރުން އައިމިނަތު ރިޔާޝާ އަދި ހަމްނާ ހުސެއިން އަލިދީދީ އެވެ.

ވޮލީބޯޅައިގެ މި ހަތަރު އެވޯޑުގެ އިތުރުން ފުޓްބޯޅައިން އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ އުއްމީދީ ކުޅުންތެރިޔަ ހޮވާނެ އެވެ. އަދި ޓޭބަލް ޓެނިސް، އެތުލެޓިކްސް، ބެޑްމިންޓަން އަދި ސްވިމިން އެއްކޮށްލައިގެން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އަށް އެވޯޑް ދިނުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ކާމިޔާބީ ހޯދާ ދިވެހި ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ އެވޯޑަކާއި ކުޅިވަރަށް ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ވެސް ހާއްސަ އެވޯޑެއް ދޭނެ އެވެ. އެ އިނާމް ޚާއްސަކުރަނީ ދިވެހި ކުޅިވަރަށް ބައި ގަރުނެއްހާ ދުވަހު ޚިދުމަތްކުރެއްވި މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ހަނދާނާއި ޝަރަފަށެވެ.

މިދިޔަ އަހަރު ކުޅުންތެރިން ކުރި މަސައްކަތް ފަނޑިޔާރުން މިހާރު ވަނީ ވަޒަންކޮށް ނިންމައިފަ އެވެ. ދެން އޮތީ އެވޯޑުގެ ހައްގުވެރިންނާ އިނާމްތައް ހަވާލުކުރުމެވެ. އެކަން ވަރަށް ކުލަގަދަގޮތެއްގައި ބޭއްވުމަށް މިހާރު ނޫހުން އަންނަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

އެވޯޑްސްގެ މެއިން ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސް އެވެ. މީޑިއާ ޕާޓްނަރަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މީޑިއާ ކަމަށްވާ ވީމީޑިއާ އެވެ. އެވޯޑް ފަރުމާކޮށްދީ އަދި ބްރޭންޑްކޮށްދީ މީގެ އިތުރުން ވެސް އެވޯޑާ ގުޅޭ މާކެޓިންގެ ގިނަ މަސައްކަތްތަކެއްކޮށްދެނީ އެޑްވަޓައިޒިން ޕާޓްނަރު ތިންކް އެޑްވަޓައިޒިން އިންނެވެ. އަދި އެސޯސިއޭޓް ޕާޓްނަރުންނަކީ ސޮނީ ސްޕޯޓްސް، ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)، ވެލިގާ ހާޑްވެއާ، ބީއެޗްއެމް އަދި ޕްރިންޓް ލެބް އެވެ.