26 ޖޫން 2018 - 18:39
ރެލިގޭޝަން ޕްލޭއޮފްގެ ފުރަތަމަ ލެގުގައި މިއަދު ޔުނައިޓެޑް ވިކްޓަރީ އަތުން 2-0 އިން ބަލިވެ ރާއްޖޭގެ އެންމެ މަޝްހޫރު އެއް ކްލަބް ކަމަށްވާ ވެލެންސިއާ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވުމުގެ ބިރާ ކުރިމަތިވެއްޖެ އެވެ.
މާނައަކީ އާދީއްތަ ދުވަހު ކުޅޭ ދެ ވަނަ ލެގުން ތިން ލަނޑުގެ ތަފާތަކުން މޮޅުނުވެއްޖެ ނަމަ ވެލެންސިއާ އަންނަ އަހަރު ދެ ވަނަ ޑިވިޝަނުގައި ކުޅެން ޖެހުމެވެ. މީގެ ކުރިން ރެލިގޭޝަން ޕްލޭއޮފުގައި ދެ ފަހަރު ވާދަކުރަން ޖެހުނު ނަމަވެސް ސަލާމަތްވި އެވެ. އަނެއްކޮޅުން ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިގެން 2016 ވަނަ އަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ޔުނައިޓެޑް ވިކްޓަރީން ވަނީ މިއަދުގެ މޮޅާ އެކު އަންނަ އަހަރު ފުރަތަމަ ޑިވިޝަނުގައި އޮތުމުގެ އުއްމީދު ބޮޑުކޮށްފަ އެވެ.
މި މެޗަށް ނުކުތްއިރު ޔުނައިޓެޑް ވިކްޓަރީން ވަނީ ޓްރާންސްފާ މާކެޓްގައި އެ ޓީމާ ގުޅުނު ކްރޮއޭޝިއާގެ ފޯވާޑް ކެރިޗް އަންދްރޭ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. ކެރިޗް ވަނީ 2016 ވަނަ އަހަރު ޔުނައިޓެޑް ވިކްޓަރީ އަށް ކުޅެފަ އެވެ.
މެޗު ފަށައިގެން ރަނގަޅަށް ކުޅެމުންދިޔައީ ވެލެންސިއާ އިންނެވެ. އަދި މެޗުގެ ނުވަ މިނިޓްގައި އެ ޓީމުން ލީޑުނެގުމާ ގާތަށް ޖެހިލި އެވެ. އެ ޓީމުގެ ބިދޭސީ ކުޅުންތެރިއާ ސާގޭ ޑްރީގާ އޭރިއާ ބޭރުން ޖެހި ބާރު ޝޮޓް އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.
ފުރަތަމަ ދިހަ މިނިޓަށް ފަހުން ޔުނައިޓެޑް ވިކްޓަރީން ކުޅުން ރަނގަޅުކުރި އެވެ. އަދި މެޗުގެ 14 ވަނަ މިނިޓްގައި ރަނގަޅު ފުރުސަތެއް ތަނަަވަސްކުރި އެވެ. އަރިމަތިން އަލީ ހައިޝަމް (ޗުމްޕު) ނަގައިދިން ހުރަހަކުން އެ ޓީމުގެ ސެމިއުލް ކޯޑެލް މަސައްކަތްކުރީ އެ ޓީމުގެ އެހެން ކުޅުންތެރިއަކަށް ބޯޅަ ދޭށެވެ. އެ ބޯޅަ ގޯލަށް ފޮނުވާލަން ވެސް އޭނާ އަށް ފުރުސަތު އޮތެވެ.
އޭގެ ހަތަރު މިނިޓް ފަހުން ޔުނައިޓެޑް ވިކްޓަރީ އަށް ލީޑުނަގައިދިނީ ޗުމްޕު އެެވެ. އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ޗުމްޕު ވަނީ ބޮލުން ގޯލުގެ ދުރުކަނަށް އަމާޒުކޮށްލައިފަ އެވެ.
ވެލެންސިއާ އިން ވަނީ މެޗުގެ 25 މިނިޓަށް ފަހު ހުސެއިން ސައީދުގެ ބަދަލުގައި މުހައްމަދު ކަރަމް ކުޅެން އަރުވައިފަ އެވެ.
މެޗުގެ 30 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓަރީ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން ސެމިއުލް ދިން ބޯޅައަކުން އޭރިއާތެރެއިން ކެރިޗް ފޮނުވާލި ބޯޅަ ވެލެންސިއާގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.
ވެލެންސިއާ އަށް ނަތީޖާ ހަމަހަަމަ ކޮށްދޭން މެޗުގެ 36 ވަނަ މިނިޓްގައި ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއަށް މުޅިން ހުސްކޮށްވަދެ ވެލެންސިއާގެ އަންސަރު އިބްރާހިމް (އަންކޮ) ފޮނުވާލި ބޯޅަ ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) އަތުގައި ޖެހިފައި ލިބުނީ ޑްރީގާ އަށެވެ. އޭނަ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ފަހުން ޑްރީގާ ޖެހި ބޯޅަ ވެސް ކީޕަރު ތޮލާލް ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ޔުނައިޓެޑް ވިކްޓަރީން ވަނީ އިބްރާހިމް ނޫރައްދީން (އެންޑިން)ގެ ބަދަލުގައި އަބްދުލް ވާހިދު (ވާޑު) ކުޅެން އަރުވައިފަ އެވެ. ވާޑު އަކީ މި ސީޒަނުގައި ގިނަ މެޗުތަކުގައި ފުރަތަމަ އެގާރައިގައި ކުޅުނު ކުޅުންތެރިއެކެވެ.
ވެެލެންސިއާ އިން ވަނީ ދެ ވަނަ ހާފަށް ތަޖުރިބާކާރު ޑިފެންޑަރު މުހައްމަދު ޝިފާން (ކުޑައްޓޭ) ކުޅެން އަރުވައިފަ އެވެ. އަދި ޔުނައިޓެޑް ވިކްޓަރީން ވަނީ އިސްމާއިލް ޝަފީއުގެ ބަދަލުގައި ބްރެޒިލްގެ ރަފީނިއާ ކުޅެން އަރުވައިފަ އެވެ.
މެޗުގެ 58 މިނިޓްގައި ކުޑައްޓޭ ފަހަތަށް ޖައްސާލި ބޯޅަ ކެރިޗަށް ލިބުނު ނަމަވެސް އޭނާ އަށް ބޭނުން ނުހިފުނެވެ. އޭގެ ދެ މިނިޓް ފަހުން ވެލެންސިއާގެ ވަލޭރީ ރިޝިން ޖެހި ބޯޅަ ކީޕަރު ތޮލާލް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް އަހުމަދު ނައުފަލް (ނާއްޕެ) ޖެހި ބޯޅައިގެ ހުރަހަކަށްވީ ވެސް ކީޕަރު ތޮލާލް އެވެ.
ޔުނައިޓެޑް ވިކްޓަރީން ދިޔައީ ކައުންޓަ އެޓޭކުގައި ލިބޭ ފުރުސަތުތަކުގައި ވެލެންސިއާ އަށް ނުރައްކާކުރަމުންނެވެ. މެޗުގެ 75 ވަނަ މިނިޓްގައި ސެމިއުލް ފޮނުވާލި ބޯޅަ ވެލެންސިއާ ކީޕަރު ޖުން ކޮޗީ ބޯމަތިން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.
މެޗުގެ 81 ވަނަ މިނިޓްގައި ވެލެންސިއާގެ ކިރްގިސްތާން ކުޅުންތެރިއާ އައިދަރު ވަނީ ލަނޑެއް ޖަހައިފަ އެވެ. އެކަމަކު އޭނާ ފުއްމައިގެން އަރައި އެ ލަނޑު ޖެހިއިރު ފައުލުކޮށްފައިވުމުން ރެފްރީ އެ ލަނޑު ގަބޫލެއް ނުކުރި އެވެ. އެއާ އެކު ވެލެންސިއާ ބެންޗުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
ޔުނައިޓެޑް ވިކްޓަރީން ދެ ވަނަ ލަނޑު ޖެހީ މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށެވެ. ސެމިއުލް ނަގައިދިން ބޯޅަ އޭރިއާތެރެއިން ޗުމްޕު އަށް ލިބުމުން އޭނާ ދިނީ ހުސްކޮށްހުރި ރަފީނިއާ އަށެވެ. އޭނާ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
މެޗަށް ފަހު ޔުނައިޓެޑް ވިކްޓަރީގެ ކުޅުންތެރިން ދަނޑުމަތީގައި އުފާފާޅުކުރި މަންޒަރު ފެނިގެންދިޔަ އެވެެ. އެކަމަކު މެޗަށް ފަހު އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނީ އަދި ކުރަން ހުރި މަސައްކަތް އެއްކޮށް ނުނިމޭ ކަމަށާއި ދެ ވަނަ ލެގަށް ވެސް ނުކުންނާނީ މޮޅުވާން ކަމަށެވެ.
"މި ނިމުނީކީ ނޫން އަދި 90 މިނިޓް އެބައޮތް ބާކީ. ވަރަށް މުހިއްމު މޮޅެއް. އަޅުގަނޑުމެންގެ ކޮލިޓީ އެބަހުރި ކޮންމެ ވަގުތަކު ވެސް ނިންމާލުމުގެ. މި މެޗުގައި ވެސް ޗާންސަށް ކިރާއިރު މާ ގިނަ ފުރުސަތު އަޅުގަނޑުމެންނަށް ލިބުނު. ހުރިހާ ކޮޅަކުން ލިބުނު އެއްޗެހި ޖެހިނަމަ އުޅޭނީ 13-5 ނޫނީ 13-6 އެ ހިސާބުގައި. މި މެޗު ނިމުނީ ދެން މި އަންނަ މެޗަށް ތައްޔާރުވުން ފެށުނީ،" ދެ ވަނަ ޑިވިޝަންގެ ޗެމްޕްޕިއަންކަން 2015 ވަނަ އަހަރު ޔުނައިޓެޑް ވިކްޓަރީ އަށް ހޯދައިދީ އެ ޓީމު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދިން ނަޒީހު ބުންޏެވެ.
ވެލެންސިއާގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) ބުނީ އެ ޓީމުން އެންމެ ފަހު ސިކުންތާ ޖެހެންދެން ހިތްވަރު ކުރާނެ ކަމަށާއި އުއްމީދު ދޫކޮށްނުލާ ކަމަށެވެ.
"ކުޅުމާ ދޭތެރޭ ވަރަށް ހިތްހަމަ ޖެހޭ. ދެން މި ކަހަލަ ކްރޫޝުއަލް (މުހިއްމު) މެޗަކަށްދާއިރު އެހާ އަވަހަށް ގޯލެއް ވަދެއްޖެކަމަށްވާނަމަ މި ޖެހެނީ ފަހަތުން އަރާ ހަމަކުރަން. ފެނިގެންދިޔަ ޔޫވީ އަށް ވުރެ މާ ގިނަ ޗާންސް (ފުރުސަތު) ވެލެންސިއާ އަށް ލިބިގެންދިޔަތަން. އެކަމަކު އެ ލިބޭ ފުރުސަތު ތިން ދަނޑިން އެތެރެއަށް ޖަހާނުލެވިގެން މިދިޔައީ. ބުނެވިދާނެ މިއަދު ނަސީބު ވެސް ދެރައީއޭ. އެކަމަކު ކޮންމެ ދުވަހަކު އެހެނެއް ނުވާނެ. އެންމެ ފަހު ސިކުންތާ ހަމައަށް އުއްމީދު ދޫކޮށެއް ނުލާނަން،" މީގެ ކުރިން ރެލިގޭޝަނުގައި ކުޅެ ވިކްޓަރީ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ސޮބާ ބުންޏެވެ.
މި ފަހަރުގެ ރެލިގޭޝަން ޕްލޭއޮފްގައި ޔުނަައިޓެޑް ވިކްޓަރީ އާއި ވެލެންސިއާ އެކަނި ވާދަކުރަން ޖެހުނީ ދެ ވަނަ ޑިވިޝަނުގެ ރަނަރަޕަށްދިޔަ ޖޭޖޭ ސްޕޯޓްސް ކްލަބް ބައިވެރިނުވާތީ އެެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައްފޯލީ
27 June 2018
ދަގޭ ގެން ގޮސް ގެންވެސް ވެލެންސިޔާއަށް މޮޅެއް ނުވެވުނި ދޯ. ނިއުގަ ހުރިނަމަ ބޮޑް ލަދެއްގަ ބެދޭކަން ނުޖެހުނީސް އެއްނު.
އެނަލިސްޓް
27 June 2018
މިމީހުން އަދި އަހަރަމެންނަށް ވޯލްޑްކަފް ކިޔާދޭން ޓީވީއަށް އެބައަރައެއްނު. ކޯޗެއް އެގޭތީތަ. ދުވަހަކު ދައްކާވާހަކަ އެއް ދިމާނުވާނެ.
މަހަށްދޭބަ
27 June 2018
ބަންސާމް ބުނާނެ އައްނައަހަރު ފަސްޓްގަ 10 ޓީމް އޮންނާނެ. އެވަރު މީހެެއްތީ. ކުރިން އޮތްގަތަކަށް ނޫން މިހާރު ތި ކުޅެނީއަކީވެސް. ސޮބާ ކަލޭ ދޭބަލަ ޓީމް ގޮވާގެން މަހަށް.
ގަދަބެ
27 June 2018
ފްރެމިޔާ ލީގް 28 ފަށާއިރު އެފްއޭއެމް އޮތީ ގަދަނިދީގަ.
ނިޒާރު
26 June 2018
2ވަނަ ޑިވިސަނަން ރެޑީ ވޭ ދެން..
ދޫނި
26 June 2018
ވެލެންސިޔާ ރެލިގޭޓްވެއްފަ އޮންވަ އެކަން ބަދަލްކުރީ ފަހުވަގުތު އެފްއޭއެމުން
ބޯޅަ
26 June 2018
ވެލެންސިޔާ ރެލިގޭޓް ވާ ތަނުން ބަންސާމް އެކަން ބަދަލް ކުރާނެ. ސަންތާރާ ސަންޖަވެސް އެފްއޭއެމް ބޭރުކުރީ ބަންސާމް ކޯފާވެގެން.
ޕެނިކު ފަރީދާ
26 June 2018
އެފްއޭއެމްއިން ވަރަށް ކުއްލި ބަޔާނެ ނެރޭނެހެން ހީވަނީ. އެއީ ވެލެންސިއާ ކޮޅަށް ލަނޑުޖެހި މީހުން ޝަރުތު ހަމަވޭތޯބަލަން. މާލޭގަ 10 އަހަރު އުޅެފަވޭތޯ..
ހެލޯ ހެލޯ
26 June 2018
ސޮބާ ވެލެންސިއާ ދަމާފަ ތިގެންދަނީ ދެވަނަ ޑިވިޝަނުގެ ހިތިދައްކަން. ބަލަންތިބޭ.
ާޢާދިލް
26 June 2018
ދެރަ