ކުޅިވަރު / އުރީދޫ ދިވެހި ޕްރިމިއާ ލީގު

ވެލެންސިއާ އަތުން ނިއު އަށް މުހިއްމު މޮޅެއް

ވެލެންސިއާގެ މުހައްމަދު ޝިފާން (ކުޑައްޓޭ) ކައިރިން ނިއުގެ ހަމްޕު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވެލެންސިއާ އަތުން 2-0 އިން ނިއު ރޭޑިއަންޓް މުހިއްމު މޮޅެއް ހޯދައިފި އެވެ.

މި މެޗަށް ނުކުތްއިރު ނިއު އަށް ވަނީ ގިނަ މައްސަލަތަކެއް ދިމާވެފަ އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. އަދި އެންމެ ފަހުން ކުޅުނު މެޗުން ރެލިގޭޝަން ޒޯނުގައި އޮތް ބީޖީ އަތުން ބަލިވުމުން ނިއުގެ ކޯޗުކަމުގެ މަގާމުން ބަލްގޭރިއާގެ ޔޮރްދާން ސްޓޮއިކޯފް ވަނީ ވަކިކޮށްފަ އެވެ. މިރޭގެ މެޗުގައި ނިއު އަށް އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު) އެވެ. ލީގުގެ ފަހު ބުރަށް ދިއުމުގެ ކުރިން ނިއު އަށް އޮތީ މޮޅެއް ހޯދުން މުހިއްމުވެފަ އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ނިއު ވަނީ ތާވަލުގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް 14 މެޗުން ވަނީ 16 ޕޮއިންޓް ލިބިފަ އެވެ. މާދަމާ ޓީސީއާ އަތުން ޔުނައިޓެޑް ވިކްޓަރީ މޮޅުވެއްޖެނަމަ ނިއު ހަ ވަނަ އަށް ވެއްޓޭނެ އެވެ. ޔުނައިޓެޑް ވިކްޓަރީ މި ވަގުތު ހަ ވަނައިގައި އޮތީ 13 މެޗުން ލިބުނު 15 ޕޮއިންޓާ އެކު އެވެ.

މިރޭ ބަލިވުމުން ވެލެންސިއާ އަށް ވަނީ ލީގުގެ ތިން ވަނައިގައި އޮތް ޓީސީއާ ޕޮއިންޓުގެ ގޮތުން ކައިރި ކުރަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. ޓީސީ ތިން ވަނައިގައި އޮތީ 13 މެޗުން 24 ޕޮއިންޓް ހޯދައިގެންނެވެ. ވެލެންސިއާ ހަތަރު ވަނައިގައި އޮތީ 14 މެޗުން ލިބުނު 19 ޕޮއިންޓާ އެކު އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވެލެންސިއާގެ މުނޯޒް (ކ) ނިއުގެ ޝާމިއު ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗު ފެށިގެން ދެ ވަނަ މިނިޓްގައި ނިއުގެ އަބްދުﷲ ހަނީފް (ބެންޖޯ) އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލާ ސީދާވާގޮތެއްނުވި އެވެ. އޭގެ ދެ މިނިޓް ފަހުން ވެލެންސިއާ އަށް ލީޑުނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. ނިއު އޭރިއާ ތެރެއިން ހަންސްލޭ އަވިލޯ ދިން ބޯޅަ ލިބުނީ އަހުމަދު ރިލުވާން (ރިލޭ) އަށް ލިބުމުން އޭނާ ފޮނުވާލި ނަމަވެސް ބޯޅަ އަމާޒުވީ އަރިމަތީ ދާގަނޑަށެވެ.

މި ހާފްގައި ރަނގަޅަށް ކުޅުނީ ނިއު އިންނެވެ. ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްގެން އެ ޓީމުން ވަނީ ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެ ޓީމުގެ ހަމްޒާ މުހައްމަދު (ހަމްޕު) އާއި މުހައްމަދު ސާމިރް އަދި އަހުމަދު ނިޔާޒަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ.

ހަމްޕު އާއި ސާމިރް ފޮނުވާލި ދެ ހަމަލާ ދަނޑިކައިރިން ބޭރުން ދިޔައިރު، އޭރިއާ ބޭރުން ނިޔާ ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ދެ ވަނަ ހާފް ފަށައިގެން ވެލެންސިއާ އިން ކުޅުން ރަނގަޅުކޮށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލި އެވެ. މެޗުގެ 53 ވަނަ މިނިޓްގައި ރިލޭ ނަގައިިދިން ހުރަހަކުން އެންޖެލް މުނޯޒް ނިއު އޭރިއާ ތެރެއިން ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ. އޭގެ ދިހަ މިނިޓް ފަހުން އޭރިއާ ތެރެއިން ހުސްކޮށް އަވިލޯ އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ނިއުގެ ޖަޕާން ކީޕަރު ޖުން ކޯޗީ ވަނީ މަތަކޮށްފަ އެވެ.

މެޗު ބަދަލުވީ ފަހު 25 މިނިޓަށް ނިއުގެ ފޯވާޑް މުހައްމަދު މުސްލިހު (މުއްޓި) ކުޅެން އެރި ފަހުންނެވެ. ނިއުގެ ފުރަތަމަ ލަނޑު މުއްޓި ކާމިޔާބުކުރީ މެޗުގެ 71 ވަނަ މިނިޓްގަ އެވެ. ވެލެންސިއާ އޭރިއާ ތެރެއިން މުއްޓި އަށް ލިބުނު ބޯޅަ އޭނާ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތިރީ ކަނަށް ފޮނުވާލައިފަ އެވެ.

އޭގެ ހަ މިނިޓް ފަހުން ވެލެންސިއާ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ތެރެއިން ތިރިތިރިން މުއްޓި ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ވެލެންސިއާ އިން އެއްވަރުކުރަން ކުރިއަށް ޖެހިލި ވަގުތު ކައުންޓަ އެޓޭކެއްގައި ނިއުގެ ދެ ވަނަ ލަނޑު ކާމިޔާބުކުރީ ހަމްޕު އެވެ. މެޗު ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް ވެލެންސިއާގެ ހާފްގެ ތެރެއިން ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށް ފަހު މުއްޓި ހުސްކޮށްލާފައި އޭރިއާ ތެރެއިން ހަމްޕު އަށް ދިން ބޯޅަ އޭނާ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭނީ ޔުނައިޓެޑް ވިކްޓަރީ އާއި ޓީސީ އެވެ. މާދަމާރޭ ދެ ވަނަ ބުރުގެ ފަހު މެޗުގައި ކުޅޭނީ މާޒިޔާ އާއި އީގަލްސް އެވެ.

0 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 68%
icon sad icon sad 16%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454