ނިއު އަށް ލަނޑެއް ކާމިޔާބު ކޮށްދިނުމަށް ފަހު ބޮބީ އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
13 ފެބުރުއަރީ 2019 - 08:33
މިދިޔަ އަހަރު ނިއު ރޭޑިއަންޓަށް ކުޅުނު ގައުމީ ޓީމުގެ ޒުވާން މިޑްފީލްޑަރު ރިހާމް އަބްދުލް ގަނީ (ބޮބީ) ގްރީން ސްޓްރީޓްސް އަށް ބަދަލުވިއިރު، މިދިޔަ އަހަރު ވިކްޓަރީގެ ކެޕްޓަންކަން ކުރި އިތުބާރު ޑިފެންޑަރު އަހުމަދު ޝާފިއު (ޝާފީ) ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ސޮއިކޮށްފި އެވެ.
މި ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ގްރީން ސްޓްރީޓްސް އިން ވަނީ މިދިޔަ އަހަރު ނިއު އަށް ކުޅުނު މުހައްމަދު އުމެއިރާއި ޓީސީ ސްޕޯޓްސް ކްލަބަށް ލީގު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އަލީ އަޝްފާގު (ދަގަނޑޭ)ގެ ސޮއި ވެސް ހޯދައިފަ އެވެ.
އިހުސާން އަބްދުލް ގަނީ (ސާންތީ)ގެ އިރުޝާުދުގެ ދަށުން 2017 ވަނަ އަހަރު އީގަލްސް އިން ފެނުނު ބޮބީ ވަނީ ގައުމީ ސީނިއާ ޓީމުން ވެސް އެ އަހަރު ފުރުސަތު ހޯދައިފަ އެވެ.
ނިއުގެ ކޯޗު އޮސްކާ ބްރުޒޮންގެ އިރުޝާދުގެ ދަށުން އެ ޓީމުން އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާތަކެއް ނެރުނުއިރު، ބޮބީ ވަނީ ގިނަ މެޗުތަކެއްގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި މިދިޔަ ސީޒަނުގައި ނިއުއާ އެކު އޭނާ ވަނީ އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
އުމުރުން 21 އަހަރުގެ ބޮބީ އަކީ މިިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް ސާފް ސުޒުކީ ކަޕްގެ ތަށި އުފުލާލި ގައުމީ ޓީމުގައި ހިމެނުނު ކުޅުންތެރިޔެކެވެ. ގައުމީ ކޯޗު ޕީޓަ ސެގާޓްގެ ކޯޗުކަމުގައި ޓީމުގެ ގިނަ މެޗުތަކުން ބޮބީ އަށް ވަނީ ފުރުސަތު ދީފަ އެވެ.
ޝާފީ (ވ) ވެލެންސިއާ އަށް ކުޅުނު މެޗެއްގެ ތެރެއިން ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ގައުމީ ޓީމުގެ ޑިފެންސްލައިނުގައި ގިނަ މެޗުތަކެއް ކުޅެފައިވާ ޝާފީ ވަނީ ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް ކުޅެފަ އެވެ. މާޒިޔާ، ވެލެންސިއާ، ވިކްޓަރީ، ނިއު ރޭޑިއަންޓުގެ އިތުރުން އޭނާ ވަނީ ގްރީން ސްޓްރީޓްސް އަށް ވެސް ކުޅެފަ އެވެ. ބ. އޭދަފުށްޓައް އުފަން ޝާފީ އަށް ފަހަކަށް އައިސް ގައުމީ ފުޓްބޯޅަ ޓީމުން ފުރުސަތު ނުލިބެ އެވެ.
ޝާފީ އަކީ މި ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ޔުނައިޓެޑް ވިކްޓަރީން ގެނައި ފުރަތަމަ ކުޅުންތެރިޔާ އެވެ. ކެރިއަރުގައި ޝާފީ ކުޅުނު ގިނަ ޓީމުތަކުގައި އޭނާ ވަނީ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެ ގިނަ ކާމިޔާބީތަކެއް ވެސް ހޯދައިފަ އެވެ.
މިދިޔަ އަހަރު ރެލިގޭޝަން ޕްލޭއޮފްގައި ވެލެންސިއާ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްކޮށްލުމަށް ފަހު މި ފަހަރު ވެސް ފުރަތަަމަ ޑިވިޝަނުގައި ކުޅޭ ޔުނައިޓެޑް ވިކްޓަރީން އަންނަނީ އިތުރު ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ގްރީން ސްޓްރީޓްސް އިން ވަނީ އެ ޓީމަށް ކުރިން ކުޅުނު ތަޖުރިބާކާރު ފޯވާޑް އަހުމަދު ރަޝީދު (އައްމަޑޭ) ވެސް އަލުން ގެނެސްފަ އެވެ. އަދި މިދިޔަ ސީޒަނުގެ ފަހު ކޮޅުގައި ގްރީން ސްޓްރީޓްސްގެ ގޯލު ބެލެހެއްޓި ލަބާން ޝަރީފް ވެސް ވަނީ އެ ޓީމުގެ އެއްބަސްވުން 2022 ގެ ނިޔަލަށް އާ ކޮށްފަ އެވެ.
މި ފަހަރުގެ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ގިނަ ޓީމުތަކުން އަންނަނީ ކުޅުންތެރިންގެ ސޮއި ހޯދަމުންނެވެ. މި އަހަރުގެ ސީޒަން ފެށުމަށް އެފްއޭއެމުން ނިންމާފައިވަނީ އަންނަ ޖޫން މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެސްފީ
13 February 2019
ނިއު އާއި ވިކްޓަރީ ނެތި ދިވެހި ފުޓްބޯޅަ ބާސާ ރެއްލް ނެތި ސޮޕެނިސް ލީގް އެއީ ނެތް އެއްޗެއް
ފުންއަސަރު
13 February 2019
ބަޔަކު އަޑީގާ ތިބެގެން، ރަނގަޅު ނަންހިނގާ މޮޅު ކުލަބެއްގެ ނަމާ ޝަރަފާ އަގުވެސް ވައްޓާލީ. މިއަހަރަށް އަލުން ނޭވާއެއްލާ ހަށިފޮޅާލަންވެސް އުނދަގޫވާވަރުކޮށްލީ. ބަޔަކަށް، ކުލަބަކަށް، ސަޕޯޓަރުން ތަކަކަށް، ގެއްލުންދީ ނިކަމެތި ކޮށްލެވޭނީ ދެން މިހާކަށް ވަރަކަށް. ހިތް އެދުނަސް ހިތްނޭދުނަސް، ކަންވާންބޭނުންވި ގޮތް ނޫންކަމުގާ ވިޔަސް ދެން މިކަމަކަށް މިފަހަރަކަށް ހައްލެއްނެތް. އެނގޭހާވެސް އެއްޗަކީ ކުލަބެއް އިނދަޖައްސާލަންޖެހި މަޅީގާ ނިއުޖެހި ނިމިއްޖެކަން.
ައޮއިވަރު
13 February 2019
ﷲ ގެ އިރާދަ ފުޅާއެކު އެ ނޫ..ކުލަބް ވ ވަރުގަދަވެ އެނބުރިއަންނާނެ...ލަވް ބުލޫ..ކިންގް ބުލޫ......
ބޭބެ
13 February 2019
ނިއުގެ ޒަމާން ދިޔައީ ދޯ. އެކަމް ނިއު އާއި ނުލާ ދިވެހި ފުޓްބޯޅަ ކުރިޔަކަށް ނުދާނެ. ސަބަބުތައް ބައިވަރު