ވޮލީގެ ނޯމަލައިޒިން ކޮމިޓީ އެފްއައިވީބީން ބަލައެއްނުގަތް!

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ހިންގުމުގެ ކަންތައްތަކާ ހަވާލުވެ ތިބި ނޯމަލައިޒޭޝަން ކޮމިޓީ ބަލައިނުގަންނަން ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން ކަމަށްވާ އެފްއައިވީބީން ނިންމައިފި އެވެ.


ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފްގެ ލީޑާޝިޕާ ގުޅުން ހުރި މައްސަލަތައް ތަހުގީގުކޮށް، ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް، ވީއޭއެމްގެ އޭރުގެ ހިންގާ ކޮމިޓީ އުވާލައި އެ އެސޯސިއޭޝަން ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ. އެ ކޮމިޓީގެ ޒިންމާ އަކީ އެސޯސިއޭޝަން ހިންގުމުގެ އިތުރުން ހުރި މައްސަލަތައް ތިން މަސް ދުވަހުގެ ތެރޭގައި ހައްލުކޮށް އާ އިންތިހާބަކަށް ދިއުމެވެ.

ވީއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީ ސައްހަ ކަމަށް ނިންމައި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން ވަނީ މިދިޔަ މަހު 22 ވަނަ ދުވަހު އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އާއި އެފްއައިވީބީ އަށް އެކަން އަންގައިފަ އެވެ.

އެފްއައިވީބީން މިއަދު ވީއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސް އަބްދުﷲ އާމިރު (އައްލޯ) އަށް ފޮނުއްވި ސިޓީއެއްގައިވާ ގޮތުން ރާއްޖޭގެ ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވީއޭއެމް ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކޮށްފައިވީ ނަމަވެސް އެ ކޮމިޓީ އެފްއައިވީބީން ބަލައިނުގަންނަ ކަމަށާއި އަދި އެފްއައިވީބީން ގަބޫލުކުރަނީ އިންތިހާބަކާ އެކީ އައިސްފައިވާ ވީއޭއެމްގެ ލީޑަޝިޕް ކަމަށް އެ ސިޓީގައިވެ އެވެ. އެއީ އެންމެ ފަހުން އޮތް ލަތީފްގެ ލީޑަޝިޕް އެވެ.

ކުޅިވަރާ ބެހޭ ކަންތައްތައް ނިންމާއިރު އޮލިމްޕިކް ޗާޓަރާ އެއްގޮތްވާގޮތަށް އަމަލުކުރުމަށާއި ކުޅިވަރުގެ ކަންތައްތަކަށް ސިޔާސީ ނުފޫޒު ވަނުމުގެ އެއްވެސް ފުރުސަތެއް ނުދިނުމަށް އެފްއައިވީބީގެ ސިޓީގައި ވަނީ އަންގައިފަ އެވެ. އަދި ނޯމަލައިޒޭޝަން ކޮމިޓީން ކުރަމުން އަންނަ ވީއޭއެމްގެ މަސައްކަތް އެފްއައިވީބީ ގަބޫލުކުރާ ލަތީފްގެ ކުރީގެ ލީޑަޝިޕާ ހަވާލުކުރުމަށް ވަނީ އަންގައިފަ އެވެ.

އަދި އެފްއައިވީބީން އަންގާ ގޮތަށް އަމަލު ކުރުމަށާއި އެގޮތަށް ކަންތައްތައް ފުރިހަމަނުވެއްޖެ ނަމަ ރާއްޖެ އަށް ސަސްޕެންޝަނެއް އައުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެކަމަކު އެފްއައިވީބީން ބޭނުން ވަނީ ރާއްޖެ ސަސްޕެންޑް ނުކޮށް މިކަމާ ގުޅުންހުރި ހުރިހާ ފަރާތަކާ މަޝްވަރާކުރުމަށް ފަހު އެންމެ ރަނގަޅު ހައްލެއް ހޯދުމަށް ކަމަށް އެފްއައިވީބީގެ ޖެނެރަލް ޑިރެކްޓަރު ފަބިއޯ އަޒެވޭޑޯ ފޮނުއްވި ސިޓީގައިވެ އެވެ. އަދި އެ ފެޑެރޭޝަނުން އެދެނީ ރާއްޖޭގެ ވޮލީގެ ކުރިއެރުމަށް މީގެ އެންމެ ރަނގަޅު ހައްލެއް ހޯދުމަށް ކަމަށާއި އެކަން ކުރެވޭނެ މާހައުލެއް ވީ އެންމެ އަވަހަށް ގާއިމްކުރަން ބޭނުންވާ ކަމަށް ވެސް ބުނެފައި ވެއެވެ.

ވީއޭއެމް ހިންގުން ނޯމަލައިޒިން ކޮމިޓީއާ ހަވާލުކުރުމަށް ކޮމިޝަނާ އޮފް ސްޕޯޓްސް އިން ނިންމި ނިންމުން ބަދަލުކުރަން ވީއޭއެމްގެ ކުރީގެ ރައީސް ލަތީފް ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. ޖުލައި މަހު 27 ވަނަ ދުވަހު ސިވިލް ކޯޓުގައި ލަތީފް އެދިފައިވަނީ ސްޕޯޓްސް ކޮމިޝަނަރު، ވީއޭއެމް ހިންގުން ނޯމަލައިޒިން ކޮމިޓީ އަކާ ހަވާލުކުރަން ނިންމާފައިވާ ނިންމުމަކީ ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނާއި ކުޅިވަރު ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވައިދާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށާއި އެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ނިންމީ ލަތީފްގެ ފަރާތުން އެދިފައިވާގޮތަށް މި ވަގުތު ވަގުތީ އަމުރެއް ނެރެދީފިނަމަ މި ދައުވާގެ މައުލޫގައި ދުރާލާ ވަގުތީ އަމުރުގައި ގޮތެއް ކަނޑައެޅިގެން ދާނެ ކަމަށް ޝަރީއަތަށް ބުރަވެވޭތީ މި ވަގުތު ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

ވީއޭއެމްގެ ނޯމަލައިޒިން ކޮމިޓީގައި ހިމެނެނީ ކޮމިޓީގެ ރައީސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ ކުރީގެ ނައިބު ރައީސް އައްލޯ، ނޯމަލައިޒިން ކޮމިޓީގެ ނައިބު ރައީސަކަށް ހަމަޖައްސާފައި ވަނީ އޮލިމްޕިކް ކޮމިޓީގެ އެކްސްކޯ މެމްބަރު އަދި ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް އަހުމަދު އިސްމާއީލް އެވެ. ދެން ހިމެނޭ ތިން މެމްބަރުންނަކީ ވީއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި ސްޕޯޓްސް ކޯޕަރޭޝަންގެ މިހާރުގެ ޗެއާމަން ހުސެއިން މުހައްމަދުގެ އިތުރުން ޔޫތު މިނިސްޓްރީގެ މަރިޔަމް ޖުމާނާ އާއި ޑެޕިއުޓީ މިނިސްޓަރު އަހުމަދު އިބްރާހިމް އެވެ. މީގެ ތެރެއިން އަހުމަދު ވަނީ ދާދި ފަހުން ނޭޕާލުގައި އޭވީސީގެ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންފަ އެވެ.

ވީއޭއެމްގެ ރައީސްގެ މަގާމަށް މާޗު 2016 ގައި އޮތް އިންތިހާބު ކާމިޔާބުކުރައްވައި މުހައްމަދު ރިޔާޒު ތިން ވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންވެފައި ވަނިކޮށް، އެ އިންތިހާބުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ، އޭރުގެ ސްޕޯޓްސް ކޮމިޝަނާއި ހޯމް މިނިސްޓްރީން ކެންސަލްކުރި އެވެ. މިހާާރުގެ ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފަށް އެ މަގާމު ލިބުނީ ދެން ބޭއްވި އިންތިހާބަށް ފަހު އެވެ.

ލަތީފްގެ ލީޑަޝިޕަށް އެންމެ ބޮޑު ފާޑުކިއުންތަކެއް އަމާޒުވީ މިދިޔަ އަހަރު ވޮލީގެ އަހަރީ އާންމު ޖަލްސާ، ފުރިހަމަ އެއް މެމްބަރު ކްލަބްގެ ހާޒިރުގައި ކުރިއަށް ގެންގޮސް އަސާސީ ގަވާއިދު ބަދަލު ކުރުމުގެ އިތުރުން ވޮލީގެ ލޯގޯ އަށް ވެސް ބަދަލު ގެނައުމުންނެވެ. އަދި އެ ލޯގޯ ކޮމިޝަނާ އޮފް ސްޕޯޓްސް އިން ރަޖިސްޓްރީ ނުކޮށްދެނީސް ވީއޭއެމުން ބޭނުންކުރުމުން ވެސް ފާޑުކިޔުން އަމާޒުވިއިރު، މިދިޔަ އަހަރުގެ އާންމު ޖަލްސާގައި ކަންތައްތައް ހިނގާދިޔައީ ގަވައިދާ އެއްގޮތަކަށް ނޫން ކަމަށް އެ ޖަލްސާގައި ބައިވެރިވި އޮބްޒާވަރުގެ ރިޕޯޓުގައި ހިމެނި އެވެ.