ކުޅިވަރު / ގައުމީ ވޮލީބޯޅަ ޓީމް

ސާބިއާގެ ކޯޗު ގައުމީ އަންހެން ވޮލީ ޓީމަށް އެހީވަނީ

ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ މިއަދުގެ ފަރިތަކުރުންތަކުގެ ތެރެއިން ކޯޗު މިލޮރަޑް (މ) ކުޅުންތެރިންނަށް ބުނެދެނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަންނަ ހޮނިހިރު ދުވަހު ބަންގްލަދޭޝްގައި ފަށާ އޭވީސީ ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ވާދަަކުރާ ރާއްޖޭގެ ގައުމީ އަންހެން ޓީމަށް، ދާދި ފަހުން ސީނިއާ ފިރިހެން ޓީމުގެ ކޯޗަކަށް ހަމަޖެއްސި ތަޖުރިބާކާރި ކޯޗު ސާބިއާގެ މިލޮރަޑް ކިޔާޗް އެހީތެރިވާން ފަށައިފި އެވެ.

ކުރިން އީރާނާއި ބަލްގޭރިއާ ގައުމީ ޓީމަށް އިރުޝާދު ދިން މިލޮރަޑްގެ އިތުރުން ޓްރެއިނަރު ސާބިއާގެ ވޮލީބޯޅައިގެ އެކި ޑިވިޝަނުގައި މަސައްކަތްކޮށްފައިވާ ކިޔަޗް ރަޑޯވަން ވެސް އަންނަނީ އަންހެން ވޮލީ ޓީމަށް އެހީތެރިވެދެމުންނެވެ.

ގައުމީ އަންހެން ޓީމުގެ ކޯޗު އަހުމަދު އަދީލް (ބޭބެ) "މިހާރަ"ށް ބުނީ ޓީމުގެ ކުޅުންތެރިން ޕްރެކްޓިހުގައި ވަރަށް ބުރަކޮށް މަސައްކަތްކުރަމުން އަންނައިރު، ފެންވަރު ރަނގަޅު ކޯޗެއްގެ އެހީތެރިކަން ލިބިގެންދިއުމަކީ މުބާރާތަށް ތައްޔާރުވާއިރު ލިބިގެންދާނެ އިތުރު ފުރިހަމަކަމެއް ކަމަށެވެ.

"ޓެކްނިކަލީ އަދި ޓެކްޓިކަލީ ވެސް ވަރަށް ރަނގަޅު އެއްޗެހި ކުޅުންތެރިންނަށް ބުނެދެމުން އަންނަނީ. ޓީމާ އެކު ނުދިޔަ ކަމުގައި ވިޔަސް މި ޓްރެއިނިންތަކުގައި އެ ކިޔައިދޭ އެއްޗެހި ވަރަށް ރަނގަޅު. ކުޅުންތެރިންނަށް ވަރަށް ބޮޑަށް އޭގެ ބޭނުން ހިފޭނެ،" ބޭބެ ބުންޏެވެ.

ޔޫގޯސްލާވިއާ އާއި ސާބިއާ ޓީމުގެ ސެޓަރަކަށް މީގެ ކުރިން ކުޅުނު މިލޮރަޑް އޭނާގެ ކޯޗިން ކެރިއަރު ފަށާފައިވަނީ 1989 ވަނަ އަހަރު އެވެ. ސާބިއާގެ އެކި ޓީމުތަކަށް ކޯޗުކޮށްއިރު އަށް ފަހަރު އެ ގައުމުގެ ޗެމްޕިއަންކަން ހޯދައިދިނުމަށް ފަހު އޭނާގެ ފުރަތަމަ ބޮޑު މަސައްކަތަކީ ޔޫގޯސްލާވިއާ ޖޫނިއާ ޓީމުތަކުގެ ކޯޗުކަމެވެ. އޭގެ ފަހުން ޔޫގޯސްލާވިއާ ޓީމު ގޮވައިގެން 1996 ވަނަ އަހަރު ވޯލްޑް ކަޕްގެ ތިން ވަނަ ހޯދި އެވެ. ފަހުން ބަލްގޭރިއާގެ ކްލަބްތަކަށް ކޯޗުކޮށްދީ އެ ގައުމުގެ ޗެމްޕިއަންކަން ވެސް ހޯދައި ބަލްގޭރިއާ ގައުމީ ޓީމާ ހަވާލުވީ 2002 ވަނަ އަހަރު އެވެ. އަދި އެ ޓީމު ގޮވައިގެން ވޯލްޑް ލީގުގެ ފަސް ވަނަ ހޯދި އެެވެ. އޭނާ އީރާން ޓީމާ ހަވާލުވީ 2006 ވަނަ އަހަރު އެވެ. އޭގެ ފަހުން ޔޫއޭއީގެ ކްލަބްތަކުގައި ވެސް ވަނީ މަސައްކަތްތަކެއް ކޮށްފަ އެވެ.

ރާއްޖެ އާއި މުބާރާތް ބާއްވާ ބަންގްލަދޭޝްގެ އިތުރުން ދެން މި މުބާރާތުގައި ވާދަކުރަނީ ކިރްގިސްތާނާއި ނޭޕާލް އަދި އަފްގާނިސްތާން އެވެ. ރާއްޖެ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހު ކުޅޭނީ ކިރްގިސްތާނާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި އާދިއްތަ ދުވަހު ނޭޕާލާއި ބައްދަލުކުރުމަށް ފަހު ހޯމަ ދުވަހު ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި އަފްގާނިސްތާނާ ކުޅޭނީ އަންގާރަ ދުވަހު އެވެ.

ބޭބެ ބުނީ މުބާރާތުގެ ޝެޑިއުލް ރޭވިފައި އޮތްގޮތުން ރާއްޖެ އަށް ރަނގަޅު ގޮތްތަކެއް އެބަހުރި ކަމަށާއި އުއްމީދަކީ މި މުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ނެރެ މެޑަލެއް ހޯދުން ކަމަށެވެ.

ވީއޭއެމުން މި މަހު ތިން ވަނަ ދުވަހު އިއުލާނުކޮށްފައިވަނީ ގައުމީ ސީނިއާ ފިރިހެން ޓީމުގެ ސިލެކްޝަން ޓްރައިލްގައި ބައިވެރިވާން ބޭނުންވާ ކުޅުންތެރިން ފޯމު ފުރުމަށް ފަހު ހުށަހެޅުމަށެވެ. ސިލެކްޝަން ޓްރަޔަލް ބާއްވަން ނިންމާފައިވަނީ މި މަހު 7-10 އަށެވެ.

ވީއޭއެމް ހިންގުން މި ވަގުތު ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އޮތްއިރު، އޭވީސީ އަންހެން މުބާރާތަށް ދާން ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ލަތީފް ވަނީ ޓީމެއް އެކުލަވާލައި އެ ލިސްޓު މުބާރާތް ބާއްވާ ފަރާތްތަކަށް ހުށަހަޅައިފަ އެވެ. ލަތީފް ކޯޗަކަށް ހުށަހެޅީ އަހުމަދު ސުނާން އެވެ. އެކަމަކު އޭގެ ފަހުން ކްލަބްތައް އިސްނަގައިގެން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސެއްގައިވަނީ ލަތީފްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފަ އެވެ.

އެކަމަކު މިދިޔަ ޖޫން މަހު ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވަނީ ލަތީފްގެ ހިންގާ ކޮމިޓީ އުވާލައި ނޯމަލައިޒިން ކޮމިޓީއަކާ ވީއޭއެމް ހިންގުން ހަވާލުކޮށްފަ އެވެ. އެ ނޯމަލައިޒިން ކޮމިޓީގެ ދައުރު މިހާރު ހަމަވެފައިވާއިރު، ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ އެފްއައިވީބީން އެ ކޮމިޓީ ބަަލައިނުގަނެ އެވެ. ކްލަބްތަކުން އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި ވީއޭއެމްގެ އިންތިހާބު 30 ދުވަސް ތެރޭ ބާއްވަން ފާސްކޮށްފައިވާއިރު، އެ ކަމަށް ތިން މެމްބަރުންގެ ނަން ހުށަހެޅި އެވެ. އެއީ އެސޯސިއޭޝަނުގެ ނައިބު ރައީސް އަލީ ފަޒާދާއި ކޯޗާސް ކޮމިޝަންގެ ޗެއާމަން މުހައްމަދު ސާޖިދު (ބޮޑު ކާއްޓެ) އަދި ބީޗް ވޮލީބޯލް ޗެއާމަން އަބްދުﷲ ނަޝީދު (އަބުޅޯ) އެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢެދުެބެ

05 November 2019

ތިޔަ ގޮތައްވެއްޖެ އެންނު ސުޕުން ، ނޫން އެހެން ކޯޗެއް ގެންނަން ބާސްކެޓައް ވެސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454