ދިވެހި ޕްރިމިއާ ލީގުގައި ތިމަރަފުށްޓާއި ޓީސީ ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: މިހާރު ފައިލް ފޮޓޯ
03 ޖުލައި 2020 - 09:49
ކުރިއަށް އޮތް ދައުރުގައި އެފްއޭއެމްގެ މިހާރުގެ ލީޑަޝިޕުން އެންމެ ބޮޑު އިސްކަމެއްދީގެން ކުރާނެ އެއް ކަމަކީ 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެ އަށް ފުޅާކޮށްލައިގެން ހޯމް އެންޑް އަވޭ ސިސްޓަމަށް ކުރިއަށް ގެންދިއުން ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
އެފްއޭއެމްގެ ރައީސް ކަމަށް 2016 ވަނަ އަހަރު ފުރަތަމަ އިންތިހާބުވިއިރު ވެސް ބައްސާމް ވަނީ އަތޮޅު ފުޓްބޯޅަ އަށް ބޮޑު ފޯކަސް އެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ބައްސާމްގެ ދައުރުގައި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކާ އެކީގައި ދިވެހި ޕްރިމިއާ ލީގުގައި ވަނީ ކުޅެފަ އެވެ. އެކަމަކު އެންމެ ބޭނުންވާ މިންވަރަށް އެކަން ކުރެވިގެންނުދާ ކަމަށާއި އެކަމަކު އެ އުއްމީދު އެބައޮތް ކަމަށް ބައްސާމް ވަނީ މީގެ ކުރިން ވެސް ވިދާޅުވެފަ އެވެ.
"އަޅުގަނޑު ބޭނުންވަނީ 2023/2024 ވަނަ އަހަރުގެ ޕްރިމިއާ ލީގަކީ މުޅި ރާއްޖެ އަށް ހުޅުވާލެވިފައިވާ ޕްރިމިއާ ލީގަކަށް ވުން. ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކާއި އަދި އަތޮޅުތަކުގައި މި އޮންނަ އަށް ޒޯނުގެ ތެރެއިން ކޮންމެ ޒޯނަކުން ތަމްސީލުކުރާ އެއް ޓީމު ޕްރިމިއާ ލީގަށް އަންނާނެ. އަދި ހަމައެއާ އެކީގައި މުޅި ރާއްޖޭގައި ދަތުރުކޮށްގެން ހޯމް އެންޑް އަވޭ މުބާރާތް ރޭވިގެންދާނީ. އެ ގޮތަށް ޕްރިމިއާ ލީގު ކުރިއަށްދާއިރު އެ ލީގުގެ ބޯޑެއް އެކުލެވިގެންދާނެ. ބޯޑު މެދުވެރިކޮށް ޕްރިމިއާ ލީގުގެ މަސައްކަތްތައް ކުރެވިގެންދާނީ،" ބައްސާމް ވިދާޅުވި އެވެ.
ހޯމް އެންޑްް އަވޭ ސިސްޓަމަށް ލީގު ބަދަލުކުރުމުގެ މަސައްކަތަށް ލިބޭ އެންމެ ބޮޑު ފަސޭހައަކީ ކޮރެއާ ކުންފުންޏެއް ކަމަށްވާ ސްކައިވިންޑް ގްލޯބަލްއާ އެކު މިދިޔަ އަހަރު ވެވުނު އެއްބަސްވުމުގެ ތެރެއިން ރާއްޖޭގައި އަޅާ 20 ޓާފް ދަނޑާއި ސަރުކާރުގެ ފަރާތުން މި ފަސް އަހަރު ތެރޭގައި މުޅި ރާއްޖޭގައި އަޅަން ނިންމާފައިވާ ޓާފްދަނޑުތަކެވެ. ސަރުކާރުގެ ޕްލޭނަކީ ފަސް އަހަރު ތެރޭ 100 ދަނޑު އެޅުމެވެ.
"އަޅުގަނޑުމެން ވާނީ 20 ޓާފް ދަނޑެއް އެޅުމުގެ މަސައްކަތް ސޮއިކުރެވިފައި. އިރާދަކުރެއްވިއްޔާ ދަތުރުކުރުމުގެ ހުއްދަތަށް ލިބޭހާ އަވަހަކަށް މި 20 ދަނޑުގެ ސާމާނު ކޮރެއާ އިން އަޅުގަނޑުމެންނަށް ޝިޕް ކުރާނެ. ގާތްގަނޑަކަށް އަޅުގަނޑު އަންދާޒާ މި ކުރަނީ އޮގަސްޓް މަހުގެ ނިޔަލަށް ހުރިހާ ސާމާނެއް ލިބި މަސައްކަތްތައް ފެށިގެންދާނެ ކަމަށް. އެހެންވީމަ ކޮންމެ 30 ދުވަހަކުން ދަނޑެއް ނިންމުމުގެ ވިސްނުމުގައި ކޮރެއާ ޕާޓީ ތިބީ. އެ ދަނޑުތައް މިހެދެނީ ވިނަގަނޑެއް ނޫން. ފެންސު ޖެހިފައި ހުންނާނީ ސްޕެކްޓޭޓާ ސްޓޭންޑެއް ހުންނާނެ. ލައިޓް ޖެހިފައި ރޭގަނޑު ކުޅެވޭ ހާލަތަށް،" ބައްސާމް ވިދާޅުވި އެވެ.
މުޅި ރާއްޖެ އަށް ލީގު ފުޅާކުރުމުގެ ޕްލޭން އެކުލަވާލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ އެފްއޭއެމްގެ ސީނިއާ ނައިބް ރައީސް އަލީ އުމަރާއި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން އެވެ. ބައްސާމް ވިދާޅުވީ ޕްލޭންގެ ހުރިހާ ކަމެއް ވަރަށް ކައިރި މުސްތަގުބަލެއްގައި ނިމިގެންދާނެ ކަމަށެވެ.
ކުރިއަށް އޮތް ދައުރުގައި ވެސް އިސްކަމެއްދީގެން ޑިވެލޮޕްމަންޓްގެ މަސައްކަތްތަކެއް ކުރާއިރު ކޯޗުންނާއި ރެފްރީން ތަރައްގީ ކުރުމަށް ވެސް ހާއްސަ ސަމާލުކަމެއް ދޭން ވަނީ ނިންމައިފަ އެވެ. އެގޮތުން ވޯލްޑް ކަޕް އަށް ދެވޭނެ ފެންވަރަށް ދިވެހި ރެފްރީން ތަމްރީން ކުރެވޭތޯ ބެލުމާއި ދުނިޔޭގެ ފެންވަރުގެ ކޯޗިން ލައިސަންސް ލިބިފައިވާ ދިވެހި ކޯޗުންގެ އަދަދު ދޭކުން ފަހަކަށް އިތުރު ކުރުމަކީ ޓާގެޓެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކްލަބްތަކުގެ ގްރާސްރޫޓުން ފެށިގެން ސީނިއާ ޓީމަށް ދާ ވަރަށް އެކެޑަމީ ވަރުގަދަ ކުރުން ވެސް އެއީ ވަރަށް އިސްކަން ދޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
އެފްއޭއެމްގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގެ މަސައްކަތްތައް މިހާރު ވެސް ކުރިއަށްދާއިރު، މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ ވަސީލަތްތައް ހުންނާނެ އެވެ. ބައްސާމް ވިދާޅުވީ ހުޅުމާލެ ޓްރެއިނިން ސްކޫލާއި ވިލިމާލެ ދަނޑާއި މާލޭގައި އަޅާ އެފްއޭއެމްގެ އާ އިމާރާތުގެ އިތުރުން ޓާފް ދަނޑުގެ މަސައްކަތާ އެކު ގިނަ ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.
އެފްއޭއެމްގެ އިމާރާތް 20 ބުރިއަށް ނެގުމުގެ މަސައްކަތަކީ ކްލަބްތައް ވިޔަފާރި އުސޫލުން ހިންގުމުގެ މޮޑިއުލަށް ބަދަލުކުރުމުގެ ފެށުމެއްގެ ގޮތުގައި ބައްސާމް ދެކިލައްވަ އެވެ.
"ފަސް މަސް ދުވަސް ތެރޭ މި ނިމޭ ބިލްޑިންގައި ކްލަބްތައް ވިޔަފާރި ކުރަން ޖާގަތަކެއް ލިބިގެންދާނެ. މިއީ ވިޔަފާރި އުސޫލަށް ކްލަބްތައް ބަދަލުކުރަން އެޅޭ ފުރަތަމަ ސްޓެޕަށް ވެގެންދާނެ. އެއާ އެކީގައި ކްލަބްތަކަށް އެކި ލުއިތައް ހޯދައިދިނުމުގެ ގޮތުން ވިލިމާލެ ފެސިލިޓީސްގައި ދެ ރޫމުގެ އެޕާޓްމަންޓެއް ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކްލަބަކަށް ލިބިގެންދާނެ،" ބައްސާމް ވިދާޅުވި އެވެ.
ގިނަ ގޮންޖެހުންތަކާއި އެކި ގޮތްގޮތުން މަސައްކަތްކޮށްގެން ވޭތުވެދިޔަތަނުގައި ބައްސާމް ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.
"އިރާދަކުރެއްވިއްޔާ މި ނިމިދިޔަ ތިން އަހަރާއި ހަތް މަހާއި 12 ދުވަސް ތެރޭ ވަރަށް ގިނަ މަސައްކަތްކުރެވިއްޖެ. ކާމިޔާބުތަކެއް ވެސް ހޯދިއްޖެ. އިރާދަކުރެއްވިއްޔާ އެ އަށް ވުރެން ތަފާތު އެހެން ލެވެލަކަށް ގެންދަން ކުރިއަށް އޮތް ހަތަރު އަހަރަށް މި މަގާމުތަކާ އަޅުގަނޑުމެން މި ހަވާލުވީ. އެ އުއްމީދުގައި މެމްބަރުން އަޅުގަނޑުމެންނާ މި މަގާމުތައް ހަވާލުކުރީ،" ބައްސާމް ވިދާޅުވި އެވެ.
އަންހެން ފުޓްބޯޅަ އަށް މި ވޭތުވެދިޔަ ތަނުގައި ލީގެއް ބޭއްވިފައިނުވާއިރު އަންނަ އަހަރު ތެރޭގައި ލީގެއް ބޭއްވޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ބައްސާމުގެ ދައުރުގައި ގައުމީ ފުޓްބޯޅަ ޓީމުން ވަނީ 2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބުކޮށްފަ އެވެ. އަންހެން ގައުމީ ފުޓްބޯޅަ ޓީމުން މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އިން ލޯ މެޑަލް ހޯދައި ތާރީހީ ކާމިޔާބެއް ހާސިލްކުރި އެވެ. އަދި 18 އަހަރުން ދަށުގެ ގައުމީ ފިރިހެން ޓީމުން މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުން ލޯ މެޑަލް ހޯދި އެވެ. އެހެން އުސްއަލިތަކަށް ބަލާއިރު ސަރުކާރުގެ އެހީއާ އެކު ކުންފުނިތައް މެދުވެރިކޮށް ކްލަބްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނެވެ. މީގެ އިތުރުން ޖޫނިއާ އާއި ޔޫތު ފެންވަރުގައި ގައުމީ ޓީމުތަކަށް ފުރުސަތު އިތުރުކޮށްދީ އަދި އަތޮޅު މުބާރާތުގެ ފެންވަރު ވެސް މަތިކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިރަށުއައްމަޑޭ
05 July 2020
ދިވެހި ފުޓުބޯޅަ ހަލާކުވެ ނިމިއްޖެ. (މިސްމީހުން އަމިއްލަ ޖީބު ބައްކުރަން ހަދައިގެން)
ހެހެހެ
04 July 2020
ތި ބަލާކަށް މިހާރު ބޭނުމެއް ވެސް ނޫން! ފީފާ އިން ވަކި ކުރިޔަސް ބައްސާމް އެފްއޭއެމް އިން ބޭރު ކުރުން މާ މުހިއްމު!
އާރީ
04 July 2020
ބަންސާމް ގެ 4 އަހަރު ދައުރު ދިޔައީ ހަމަ ޗޮކުން. ދަނޑް ތައްވެސް އޮތީ ފަޅަށް. މިރާއްޖޭގަ ބަޔަކު ފުޓްބޯޅަ ކުޅޭކަން ވެސް އެގެނި ނިއުރޭޑިޔަންޓް ކުޅޭދުވަހެއްގަ އެޓީމް ސަފޯޓަރުން ގެ މަސައްކަތުން ވައްދާ ސަފޯޓަރުން ކޮޅަކާ ހެދި. ނިއު ނުހަންގުން ސަސްފެންޑް ކުރިހިސާބުން އެކަށްވެސް ނަފީވެއްޖެ. ބަންސާމް ދެންވެސް ގަލޮޅު ދަނޑް ސަފޯޓަރުން ވަންދަށް ބޭނުމިންޔާ ނިއުގެ ސަސްފެންޑް އުވާލާ. އަދި ވިކުޓްރީ އަށް ވެސް ކުޅެވޭ ގޮތް ހަދައިދީ.
ބެސްޓް
04 July 2020
ނުޖެހޭ ނިއުރޭޑިއަންޓް ބައިވެރިކުރާކަށް. އެހެން ވެއްޖިއްޔާ ޑިޢއެންސީއާއި އޭދަފުށި އަދި ހުއްރީއްޔާ އާއި މަގުލަސް ވެސް ބައިވެރިކުރާންވާނެ. މުބާރާތުން ކެޓީމަ ބޭރުގަ ކުޅިބަލަން އޮވޭ.
ވެލެންސިއާ
05 July 2020
ބަލަ މުބާރާތަކުން ކަޓައިގެނެއްނޫންދޯ މިއުޅެނީކީއެއް، ބައްސާމާއި، ސަވީދު ވެގެން ނިއުރޭޑިއަންޓް ނެދިކޮށްލަންވެގެން ކުރާކަމެއްވީ...
އޮނަރަބްލް އަފީފު ދީދީ
04 July 2020
ފޫޓްބޯޅައަކީވެސް މާލޭގެބިންވެރިންގެއެއްޗަކަށް މިމީހުންހަދައިފި. # ރާއްޖެ 8 ޒޯންކަށް ބަހާލުމުގެ ބަދަލުގައި ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެހިމެނޭގޮތަށް) ދާލަށް ސެންޓްރަލްޒޯން އަދި ކޮޅުމަޑުލުން އައްޑުއަށް ސަދަރން ޒޯން ކަޑައަޅާ ޕްޓްބޯޅަ ޑިސެންޓްރަލައިޒުކޮށް "ސަރަހައްދީ އެސޯސިއޭޝަންތައް ޤާއިމްކުރާންޖެހޭ" އަދި ސަރަހައްދީ 3 އެސޯސިއޭޝަންގެ މެންބަރުން ވޯޓްދީގެން އިންތިޙާބު ކުރާ ނެޝަނަލް ފެޑަރޭޝަންއަކީ ޤައުމީ ފްޓްބޯޅަ މައި އިދާރާ ކަމުގައިކަޑައަޅާންޖެހޭ.
ދަނޑު ކޮބާ
03 July 2020
ކޮންމެ އަތޮޅެއްގަ ސްޓޭޑިއަމެއް އަޅަން ފީފާ އަދި އެފްއޭއެމްގެ އެހީ ބޭނުން.
ށ.އަތޮޅު މީހާ
03 July 2020
މިދަނޑިވަޅު ތިކަހަލަ އެތައް ތަރިއެއް ބާލާނެ!
ތިރަށުއައްމަޑޭ
03 July 2020
ހޮޅި ވާހަކަ.
ދާގީނާ
03 July 2020
ހޯމް އެންޑް އަވޭ ލީގަށް ވ ތާއީދު. އެކަމް ދެން ތިބުނަނީ 1ވަނަ ޑިވިޝަންގެ ކޮންމެ ޓީމަކަށް އެފްއޭއެމް އިމާރާތުންނާއި ވިލިގިލިން އެޕާޓްމެންޓް ދޭން އެމީހުންނަށް ފައިސާ ހޯދަދޭން؟ މިހެން ހެދީމަ ކޮން ހޯމް އެންޑް އަވޭ ލީގެއް ކުޅެވޭނީ؟ މާލޭ ޓީމުތަކަށް މިލިޔަނުން، ރާއްޖެތެރޭ ޓީމުތަކަށް 0. ކިހިނެއް ވާދަވެރިވާނީ؟ ކޮންމެ ރަށަކަށް ޓީމެއް ފުދޭ އުސޫލުން މާލެއަށް ވެސް އެބައޮތް މާޒިޔާ. އެހެން ނޫނަސް މާލޭ އެހެން ޓީމުތަކަށް ވެސް ފައިސާ ހޯދެންވާނެ އަމިއްލަޔަށް.