ކުޅިވަރު / އުރީދޫ ދިވެހި ޕްރިމިއާ ލީގު

ނިއު އަތުން ބަލިވިޔަސް ޔުނައިޓެޑް ވިކްޓަރީ ގަދަ ހަތަރަކަށް

ޔުނައިޓެޑް ވިކްޓަރީގެ ކެރިކް (ކ) ހުއްޓުވަން ނިއުގެ ބެންޖޯ މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

22 އޮކްޓޯބަރ 2016 - 00:57

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް އަތުން 3-2 އިން ބަލިވިޔަސް ލީގުގެ ގަދަ ހަތަރަކުން ޔުނައިޓެޑް ވިކްޓަރީ ޖާގަ ހޯދައިފި އެވެ.

މިއަދު ހަވީރު ބީޖީ ސްޕޯޓްސް އަތުން ވިކްޓަރީ ބަލިވުމުން މިރޭގެ މެޗަށް ނުކުތްއިރު ވެސް ނިއު އޮތީ ގަދަ ހަޔަކުން ޖާގަ ކަށަވަރުކޮށްފަ އެވެ. ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންގެ ގޮތުގައި މި ފަހަރު ފުރަތަމަ ޑިވިޝަންގައި ވާދަކުރި ޔުނައިޓެޑް ވިކްޓަރީ ލީގުގެ ހަތަރު ވަނަ ކަށަވަރުކުރީ ފަސް ވަނައިގައި އޮތް ނިއުއާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް ލަނޑުގެ ތަފާތުން ކުރި ހޯދައިގެންނެވެ. ދެ ޓީމަށް ވެސް ލިބިފައިވަނީ 21 މެޗުން 23 ޕޮއިންޓެވެ. މި ވަގުތު ހަ ވަނައިގައި އޮތީ 20 ޕޮއިންޓާ އެކު ވެލެންސިއާ އެވެ. މާދަމާ ހަވީރު ޓީސީ ސްޕޯޓްސް ކްލްބަ އަތުން ވެލެންސިއާ މޮޅުނުވެއްޖެ ނަމަ ލީގު ނިމިގެންދާނީ ނިއު ފަސް ވަނައިގައި އަދި ވެލެންސިއާ ހަ ވަނައިގައި އޮވެ އެވެ. ވެލެންސިއާ މޮޅުވެއްޖެ ނަމަ އެ ޓީމަށް ފަސް ވަނަ ލިބި ނިއު ހަ ވަނަ އަށް ވެއްޓޭނެ އެވެ،

މިރޭގެ މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓަރީ އަށް ލީޑު ނަގައިދިނީ އެޓީމަށް މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސީރިއާގެ ފޯވާޑް ކެރިކް އަންދްރެޖް އެވެ. ނިއު އޭރިއާ ތެރެއިން ލިބުނު ބޯޅަ ކެރިކް ވަނީ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

ނިއު އަށް އެއްވަރުކޮށްދިނީ މެޗުގެ 13 ވަނަ މިނިޓްގައި މުހައްމަދު ސާމިރު އެވެ. ހާފްގެ އަރިމަތިން ސާމިރު މަތިން ޖެހި ބޯޅަ ގޯލަށް ވަނީ ޔުނައިޓެޑް ވިކްޓަރީ ކީޕަރު އިބްރާހިމް ރަޝީދު ބޯމަތިން އޮއްސިގެންނެވެ. މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން ޔުނައިޓެޑް ވިކްޓަރީ އަށް ކުޅޭ ސީރިއާ ގައުމީ ޓީމުގެ ކީޕަރު މުހައްމަދު އަލް ޔޫސުފް ނުކުޅެ އެވެ.

ނިއު އިން އެއްވަރުކުރިތާ މިނިޓެއް ފަހުން ޔުނައިޓެޑް ވިކްޓަރީ އަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދިނީ ކެރިކް އެވެ. ނިއު އޭރިއާ ބޭރު ރޮނގުކައިރިން ކެރިކް ފޮނުވާލި ބޯޅަ ވަނީ ގޯލުގެ މަތީ ކަނަށެވެ.

ޔުނައިޓެޑް ވިކްޓަރީ ކޮޅަށް ލަނޑު ޖެހުމަށް ފަހު ނިއު ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއު އަށް ދެ ވަނަ ފަހަރަށް އެއްވަރުކޮށްދިނީ މެޗުގެ 26 ވަނަ މިނިޓްގައި ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) އެވެ. އޭރިއާ ތެރެއިން ހަމްޒާ މުހައްމަދު (ހަމްޕު) ދިން ބޯޅަ ހޮކޭ ވަނީ ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ނިއު އަށް ލީޑު ނަގައިދެން އަހުމަދު ނިޔާޒް (ނިޔާ) އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ނިއުގެ ކޯސޯވޯ ފޯވާޑް އަޑިސް ސަހީލީ ފޮނުވާލި ބޯޅަ ޔުނައިޓެޑް ވިކްޓަރީ ކީޕަރު އިބްރާހިމް އަތުގައި ޖެހިފައި ލިބުނީ ނިޔާ އަށެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ.

ދެ ވަނަ ހާފްގައި ނިއުގެ ހަމްޕު ވަނީ ރަނގަޅު ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. ދެ ހަމަލާ ވެސް ޔުނައިޓެޑް ވިކްޓަރީ ކީޕަރު އިބްރާހިމް ވަނީ މަތަކޮށްފަ އެވެ. ނިއު މޮޅުކޮށްދިން ލަނޑު މެޗު ނިމެން ދެ މިނިޓަށް ވެފައި ހުއްޓައި ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އަހުމަދު ސުހައިލް (ބަމްޕުޗު) އެވެ. ބަމްޕުޗު މި ލަނޑު ޖެހީ ހަމްޕު ދިން ބޯޅަ އަކުންނެވެ.

ނަތީޖާ ހަމަހަމަކުރަން މެޗުގެ އިތުރުވަގުތުގައި ޔުނައިޓެޑް ވިކްޓަރީގެ ބަދަލު ކުޅުންތެރިއާ އިބްރާހިމް ޝަފްރާޒް (ޝަފްލޭ) އަށް ހުސް ފުރުސަތެއް ލިބުނެވެ. ނިއު އޭރިއާ ތެރެއިން ޝަފްލޭ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

މިއީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ނިއު އެންމެ ދަށްކޮށް ލީގު ނިންމާލި އަހަރެވެ. އެ ޓީމަށް ގިނަ މައްސަލަަތަކެއް ދިމާވިއިރު ނަތީޖާ ދަށްވުމުގެ ސަބަބުން ޓީމުގެ ކޯޗު ޔޮރްދާން ސްޓޮއިކޮފް ވެސް ސީޒަނުގެ މެދުތެރެއިން މަގާމުން ވަކިކުރި އެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭނީ ޓީސީ އާއި ވެލެންސިއާ އެވެ. މާދަމާރޭ މާޒިޔާ ބައްދަލުކުރާނީ އީގަލްސްއާ އެވެ.

0 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 14%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454