ފުރަތަމަ ޑިވިޝަން އަންހެން ސިންގަލްސް ތަށި މައިސާ (ކ)އާ ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުއް ރައްޒާގު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
02 ޑިސެމްބަރ 2016 - 12:15
ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ އަންހެން ސިންގަލްސް ޗެމްޕިއަން ހޯދުމަކީ ވަރަށް ދުވަހުގެ މަސައްކަތް ކަމަށާއި ފައިނަލަށް ނުކުތްއިރު ވެސް ޗެމްޕިއަންކަން ހޯދޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ޒުވާން ކުޅުންތެރިޔާ މައިސާ ފަތުހުﷲ އިސްމާއިލް ބުނެފި އެވެ.
ފައިނަލުން މައިސާ މޮޅުވީ ތަޖުރިބާކާރު ކުޅުންތެރިޔާ ނީލާ އަހުމަދު ނަޖީބު ބަލިކުރުމަށް ފަހު އެވެ. މި ކާމިޔާބީއާ އެކު އުމުރުން 17 އަހަރުގެ މައިސާ ވެފައިވަނީ ބެޑްމިންޓަން އަންހެން ސިންގަލްސް ގައުމީ ތަށި އުފުލާލި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21-19، 15-21 އަދި 21-16 އިންނެވެ.
"ވަރަށް އުއްމީދުކުރި ކާމިޔާބެއް މިއީ. މިހާ މަސައްކަތުން ކުރި މަސައްކަތެއްގެ ކާމިޔާބީ ލިބުމުން ވަރަށް އުފާވޭ. ޕްރެޝާއާ ނުލާ ކުޅެވޭތޯ ބެލީ އެކަމު ދެ ވަނަ ސެޓު ގެއްލުމުން ޕްރެޝަރު އަންނަން ފެށި. އެކަމަކު ކުރި ހިތްވަރުން އެ ޕްރެޝަރާ ކުރިމަތިލައިގެން ފަހު ސެޓުން މޮޅުވެވުނީ،" ކުރީގެ އެއް ވަނަ ވޮލީބޯޅަ ކުޅުންތެރިޔާ ފަތުހުﷲ ވަހީދު (ފައްލޯ) ގެ ދަރިފުޅު މައިސާ ބުންޏެވެ.
މައިސާ ވަނީ ފުރަތަމަ ޑިވިޝަންގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. އެ އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ޒަޔާން ޒަކީއާ އެކު ކުޅެގެންނެވެ. މައިސާ ބުނީ މި މުބާރާތަކީ އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު މުބާރާތް ކަމަށެވެ.
މިކްސް ޑަބަލްސް ފައިނަލު މެޗުގެ ތެރެއިން މައިސާ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"މިއީ ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީ. އުމުރުން 12 އަހަރުގައި ނެޝަނަލް ޓީމާ ގުޅެން ފުރުސަތު ލިބުނީ. އޭރު ހުރި އިންޑޮނީޝިއާ ކޯޗެއް ދިން ފުރުސަތެއް މިއީ. އެ ކޯޗު ދިން އިތުބާރުން ފެށުނީ. ވަރަށް ބޮޑަށް އެ ކޯޗަށް ޝުކުރު އަދާކުރަން. ފުރަތަމަ ދުވަހުން ފެށިގެން ވެސް ޓާގެޓްކުރި އެންމެ ފުރަތަމަ ޓައިޓަލް އަކީ މިއީ،" މައިސާ ބުންޏެވެ.
މައިސާ އަކީ މިދިޔަ އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ލޯ މެޑަލް ހޯދި އަންހެން ބެޑްމިންޓަން ޓީމުގެ ކުޅުންތެރިޔެކެވެ. މައިސާ ބުނީ ދެން އޮތް ޓާގެޓަކީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރަނގަޅު ވަނައެއް ހޯދުން ކަމަށެވެ.
"ދެން ބޮޑަށް ޓާގެޓްކުރަނީ ގައުމީ ލެވެލަށް ވުރެން ބޮޑަށް ބައިނަލްއަގްވާމީ މުބާރާތްތަކަށް. އިންޓަނޭޝަނަލް ރޭންކިން މަތިކޮށް ގިނަ މުބާރާތް ކުޅެ، އަމިއްލަ ކުރިއެރުމަށް ވަރަށް ބޮޑަށް އިސްކަން ދޭނަން. ގައުމީ ބެޑްމިންޓަން ޓީމުން އަޒުމް ކަނޑައަޅައިގެން މިތިބީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރަން މެޑަލް ހޯދުމަށް. އެކަން ކުރުމަށް މިހާރު ވެސް މަސައްކަތް ފަށައިފިން،" މައިސާ ބުންޏެވެ.
މޮޅު ކުޅުންތެރިޔަކަށް ވުމަށް އާއިލާ އާއި ކޯޗުންގެ ފަރާތުން މައިސާ އަށް ލިބޭ އެހީތެރިކަމަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy