ދުނިޔޭގައި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ގިނަ މަޝްރޫއުތަކެއް ޗައިިނާގެ "ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް" (ބީއާރްއައި)ގެ ދަށުން އަންނަނީ ހިންގަމުންނެވެ. އެ މަޝްރޫއުތައް ހިންގަނީ ލޯނު އެހީގެ ދަށުންނެވެ. އެހެންނަމަވެސް، ޗައިނާ އަށް މި ވަގުތު އޮތް އެންމެ ބޮޑު ބިރަކީ ލޯނު ދައްކަން ފަށާ މުއްދަތު ޖެހުނު އިރު، އޭގެ ތެރެއިން ގިނަ ގައުމުތަކުގެ އިގްތިސާދު އިނދަޖެހިފައި އޮތުމެވެ.
"ބެލްޓް އެންޑް ރޯޑް" ޕްރޮގްރާމަކީ މުޅި ދުނިޔޭގައި ވެސް ހިންގާ ޓްރާންސްނެޝަނަލް އުމްރާނީ ތަރައްގީގެ އެންމެ ބިޔަ ޕްރޮގްރާމެވެ. ޕްރޮޖެކްޓްތަކުގެ އަގު 838 ބިލިއަން ޑޮލަރަށް އަރަ އެވެ.
ގިނަ ގައުމުތަކެއް ބައިވެރިވާ ޖަމިއްޔާ އޯއީސީޑީގެ ދިރާސާގައިވާ ގޮތުން "ބެލްޓް އެންޑް ރޯޑް" އިނީޝިއޭޓިވްގެ ދަށުން ލޯނު ނެގި 148 ގައުމަކަށް ވަނީ އިގްތިސާދީ ނުތަނަވަސްކަން ކުރިމަތިވެފަ އެވެ. ޕާކިސްތާނާއި ލަންކާ އާއި ޔޫކްރެއިން، ނައިޖީރިއާ، އާޖެންޓީނާ، މިސްރު، ބެލަރުސް އަދި މޮންގޯލިއާ ފަދަ ގައުމުތަކުން މި ޕްރޮގްރާމުގެ ދަށުން ލޯނުތައް ނަގާފައިވެ އެވެ. މިިއީ ދުނިޔޭގެ ރޭޓިން އޭޖެންސީތައް ކަމަށްވާ، މޫޑީސް އާއި ސްޓޭންޑަޑް އެންޑް ޕުއާސްގެ ރޭޓިންތަކުން ވެސް ޑިފޯލްޓް ވުމުގެ ފުރުސަތު އޮތް ގައުމުތަކެވެ.
މި ޕްރޮގްރާމުގެ ދަށުން ނެގި ލޯނުތަކުގެ ތެރެއިން ވޭތުވެދިޔަ އަހަރު އެކަނި ވެސް 52 ބިލިއަން ޑޮލަރުގެ ލޯނު، ދެއްކުން ފަސް ކުރުމަށާއި ލޯނުގެ މުއްދަަތަށް ބަދަލު ގެނައުމަށް ނުވަތަ މާފުކޮށްދިނުމަށް އެތައް ލޯނުތަކެއް ރީނެގޯޝިއޭޓް ކުރި އެވެ. މިއީ މިދިޔަ ދެ އަހަރު ދުވަހަށް ވުރެ ތިން ގުނަ އިތުރުވުމެކެވެ. ބެލްޓް އެންޑް ރޯޑް ޕްރޮގްރާމުގެ ދަށުން ޗައިނާއިން 2001 ވަނަ އަހަރުން ފެށިގެން ނެގި ލޯނުތަކުގެ ތެރެއިން ރީނެގޯޝިއޭޓް ކުރަން ޖެހުނު ލޯނުގެ އަދަދު 118 ބިލިއަން ޑޮލަރަށް އަރަ އެވެ.
"މިއީ ބެލްޓް އެންޑް ރޯޑް ޕްރޮގްރާމް ފެށި ފަހުން ކުރިމަތިވި އެންމެ ބޮޑު ދަރަނީގެ އުނދަގޫ،" ސީނިއާ ރީސާޗު އެނަލިސްޓް، މެތިއު މިންގޭ ވިދާޅުވި އެވެ.
ބެލްޓް އެންޑް ރޯޑުން ނެގި ލޯނުތައް ނުދެއްކި އިގްތިސާދީ ކާރިސާއާ ކުރިމަތިވެފައިވާ މި ހާލަތުގައި ޗައިނާ އިން އަންނަނީ ބައެއް އިގްތިސާދުތައް ހަމައަކަށް އަޅުވައިދޭން "ރެސްކިއު" ލޯނުތައް ވެސް ދެމުންނެވެ. މިއީ ވެސް އެ ގައުމަށް ކުރިމަތިވި އިތުރު ތަކްލީފެކެވެ. އެއިޑްޑޭޓާގެ އެގްޒެކެޓިވް ޑިރެކްޓަރު ބްރޭޑްލީ ޕާކްސް ވިދާޅުވީ، ޗައިނާއިން ނެގި ލޯނުތައް ދެއްކުމުގައި ގިނަ ގައުމުތަކަކަށް އެއްފަހަރާ އުނދަގޫތައް ކުރިމަތިވެފައިވާ އިރު އެއީ ކުރިއަށް އޮތްތަނުގައި ލޯނު ދިނުމުގައި އެ ގައުމުން ވިސްނުން ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
"މިހާރު ޗައިނާ އަށް އެނގޭނެ، ބައެއް ހާލަތްތަކުގައި ކުރު މުއްދަތުގައި ދަރަނި އަދާކުރުމުގެ ގާބިލުކަން ހުރިތޯ ބެލުމުގެ އިތުރަށް ދިގު މުއްދަތެއްގައި ވެސް އެކަން ކުރެވޭނެ ކަން ޔަގީން ކުރުން ވަރަށް މުހިއްމުކަން،" އޭނާ ވިދާޅުވި އެވެ.
ބެލްޓް އެންޑް ރޯޑުގެ އެންމެ ގޯސް ތަޖުރިބާ ލަންކާއިން
ލަންކާއަކީ ވޭތުވެދިޔަ އަހަރުތަކުގައި ޗައިނާއިން އެންމެ ގިނަ ލޯނުތައް ނެގި އެއް ގައުމެވެ. އެ ގައުމުގެ އެންމެ ބޮޑު އެއް ޕޯޓުގެ މަސައްކަތާއި އެހެން ބައެއް ތަރައްގީގެ ބިޔަ ޕްރޮޖެކްޓްތަކަށް ފަންޑު ދެމުން އައީ ޗައިނާއިންނެވެ. އެހެން ނަމަވެސް. އެ ލޯނުތައް ނުދެއްކި އެންމެ ފަހުން އެ ގައުމުން ވަނީ އިގްތިސާދު ބަގުރޫޓުވިކަން އިއުލާނުކޮށްފަ އެވެ.
ލަންކާ އިން ބޭރުގެ މާލީ އިދާރާތަކާއި އެހެން ގައުމުތަކުން ނެގި ލޯނުގެ އަދަދު 50 ބިލިއަން ޑޮލަރަށް އަރަ އެވެ. އޭގެ ތެރެއިން ޗައިނާއިން އެކަނި ފަސް ބިލިއަން ޑޮލަރުގެ ލޯނު ނަގާފައިވެ އެވެ. ޗައިނާއިން ނެގި ލޯނުތައް ނަގާފައި ވަަނީ ބޮޑު އިންޓްރެސްޓް ރޭޓުތަކެއްގަ އެވެ. އަދި ލޯނު ނަގައިގެން ހިންގި ޕްރޮޖެކްޓްތައް ކަމަށްވާ ލޮޓަސް ޓަވަރާއި ޕޯޓާއި ހަމްބަންޓޯޓާ އެއާޕޯޓާއި ކްރިކެޓް ސްޓޭޑިއަމްތަކުން އަންދާޒާކުރި ވަރާ ގާތަށް ވެސް އާމްދަނީއެއް ނެރެވޭ ގޮތެއް ލަންކާއަކަށް ނުވި އެވެ. އެއީ އެ ގައުމު ބަނގުރޫޓު ވާން ޖެހުނު އެއް ސަބަބެވެ.
ވޭތުވެދިޔަ ފަސް އަހަރު ބަނގުރޫޓު ނުވެ، ގައުމު ހިންގުމަށް ޗައިނާއިން ވަނީ ލަންކާ އަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެހެން ނަމަވެސް ޗައިނާ އަށް ވެސް އެހީތެރިވެވޭނީ ވަކި ވަރަކަށް ކަމަށް ރިސާޗު އެނަލިސްޓް ބްރޭޑްލީ ދެކެވަޑައިގަންނަވަ އެވެ. ކުރިއަށް އޮތްތަނުގައި ގައުމުތަކަށް ލޯނު ދޭ އިރު ޗައިނާއިން އެ ލިބުނު ގޯސް ތަޖުރިބާ އަށް ވިސްނައި، ގޮތްތަކެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ލަންކާގެ އިތުރުން ޗައިނާގެ ލޯނު މަޅީގައި ޖެހުނު ޒެމްބިއާ ވެސް ވަނީ 2020 ވަަނަ އަހަރު ބަނގުރޫޓު ވެފަ އެވެ. އެ ގައުމުން ބޭރުން ނެގި 17 ބިލިއަން ޑޮލަރުގެ ތެރެއިން ހަ ބިލިއަން ނެގީ ޗައިނާއިންނެވެ. ކުރިއަށް އޮތްތަނުގައި އެފްރިކާގެ ގިނަ ގައުމުތަކެއްގެ އިގްތިސާދު ވެސް ބަނގުރޫޓުވުމާ ގާތަށް ދާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. އެހެންވެ، ޗައިނާގެ އިގްތިސާދަށް އެއިން ލިބޭނެ ގެއްލުންތައް އަނެެއްކާ ވެސް އިތުރުވާނެ އެވެ.
ގައުމުތަކުން ޗައިނާ އަށް ދައްކަން ޖެހޭ ލޯނު ނުދެއްކޭ ހާލަތަށް ދިއުމުން ޗައިނާގެ އިގްތިސާދަށް ވެސް އޭގެ ނޭދެވޭ އަސަރުތައް ދަނީ ކުރަމުންނެވެ. އެ ގައުމުގެ ރިޒާވް 2014 ވަނަ އަހަރުން ފެށިގެން ހަތަރު ޓްރިލިއަން ޑޮލަރުގައި ހުރި ނަމަވެސް، ދާދިފަހުން އެ އަދަދު ވަނީ ތިން ޓްރިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. އެހެންވެ، އެ ގައުމުން ހިންގި ބެލްޓް އެންޑް ރޯޑު އިނީޝިއޭޓިވްގެ ދަށުން ގައުމުތަކަށް ލޯނު ދިނުން މިހާރު ވަނީ މަޑު ޖައްސާލައިފަ އެވެ.