ކޮލަމްބޯ (ނޮވެމްބަރު 11) - ސްވިޑަންގެ ފުރާވަރު އުމުރުގެ ކުއްޖަކު މަރާލިކަމުގެ ކުށް ސާބިތުވެފައިވާ ގާތިލަކަށް މައާފް ދެއްވުމުން ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އަށް ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

ވެރިކަމުން ވަކިވެވަޑައިގަތުމަށް ހަފުތާއެއްހާ ދުވަހަށްވެފައި ވަނިކޮށް ސިރިސޭނާ ދެއްވި މައާފްއާ އެކު، ލަންކާގެ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ގާތިލް ޖޫޑް ޖަޔަމަހާ ހޮނިހިރު ދުވަހު ވަނީ ވެލިކަޑަ ޖަލުން ނެރެފަ އެވެ. ޖަޔަމަހާ އަށް މައާފް ދޭން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު ވިސްނަމުން ގެންދަވާ ކަމަށް ސިރިސޭނާ މިދިޔަ މަހު ވަނީ ވިދާޅުވެފަ އެވެ.

ސްރީ ލަންކާގައި ޗުއްޓީ ހޭދަކުރަމުން ގެންދިޔަ ސްވިޑަންގެ ޔުވޯން ޖޮންސޮން، ކޮލަމްބޯގެ އެޕާޓްމަންޓެއްގައި މަރާލާފައި ވަނީ 2005 ވަނަ އަހަރު އެވެ. ބުނެވޭ ގޮތުގައި ޖޮންސޮން މަރާލީ ޖަޔަމަހާއާ ދެމެދު ހިންގި ޒުވާބަކަށް ފަހު އެވެ.

އެ ކުށަށް ޖަޔަމަހާ ފުރަތަމަ ޖަލަށްލީ 12 އަހަރަށެވެ. ނަމަވެސް ހައި ކޯޓުގައި ޖަޔަމަހާގެ ފަރާތުން މައްސަލަ އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ ޖަލު ހުކުމް މަރުގެ އަދަބަށް ބަދަލުކޮށްފަ އެވެ. ހައި ކޯޓުގެ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފައި ވަނީ 2014 ވަނަ އަހަރު އެވެ.

ޖޮންސޮންގެ ދައްތަގެ ފޭސްބުކް މެސެޖެއްގައި ވަނީ ޖަޔަމަހާ އަށް މައާފް ދިނުމާ މެދު ހުރި ކަންބޮޑުވުންތައް ހާމަކޮށްފަ އެވެ. ދައްތަ ބުނި ގޮތުގައި ޖަޔަމަހާ ކުރި ކަންތަކާ މެދު އޭނާ އެއްވެސް ވަރަކަށް ދެރަވެގެން އުޅޭތަން ނުފެންނަ ކަމަށެވެ.

"އެ މައްސަލައިގައި އިންސާފު ހޯދަން މަސައްކަތް ކުރާތާ 15 އަހަރު ވެއްޖެ. އެކަމަކު އެންމެ ގޯސް ނަތީޖާއާ މި ވަނީ ކުރިމަތިލާން ޖެހިފައި. އެއީ ކޮއްކޮގެ ގާތިލަށް މައާފް ދިނުން،" ޖޮންސޮންގެ ދައްތަގެ މެސެޖުގައި ބުނެފައިވެ އެވެ.

ޖަޔަމަހާ އަށް މައާފް ދިނުމުން ސްރީ ލަންކާގެ ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވަނީ ސިރިސޭނާ ކުށްވެރިކޮށްފަ އެވެ.

"އެއީ ފެއިލްވެފައި ހުރި ރައީސެއްގެ ފަރާތުން ފެނުނު ނުރައްކާ އަމަލެއް،" ތާސް ނަމަކަށް ކިޔާ މީހަކު ޓްވިޓާގައި ބުނެފައިވެ އެވެ.

އެހެން މީހަކު ބުނި ގޮތުގައި އެ ޚަބަރު އިވުމާ އެކު އޭނާ މުޅިން "ބަލިކޮށްލައިފި" އެވެ.

ބައެއް މީހުން ބުނި ގޮތުގައި ޖަޔަމަހާ ދޫކޮށްލީ، މަރަން ހުކުމްކޮށްފައި ހުރި އެހެން ގާތިލަކު ދޫކޮށްލުމުގެ ކުރިން، މީހުން ދެކޭ ގޮތް ޓެސްޓްކޮށްލާށެވެ. ފަހުން ދޫކޮށްލަން އުޅޭ ގާތިލްގެ އާއިލާ އިން ހިންގާ ޓީވީ އަދި ރޭޑިއޯ ސްޓޭޝަނަކުން ސިރިސޭނާ އަށް ވަރަށް ސަޕޯޓް ކުރާ ކަމަށްވެ އެވެ.

މި މަހު 16 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް ފަހު ސިރިސޭނާގެ ވެރިކަން ނިމުމަކަށް އަންނާނެ އެވެ.