ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާން ހުސައިނަށް ނިސްބަތްކޮށް، "ދަންޖައްސައި، މަރައިލިޔަސް ފާފަ ނުވާނެ" ކަމަށް ވިދާޅުވެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ވާހަކަ ދެއްކެވި މައްސަލައިގައި އޭނާ އަށް ނަސޭހަތް ދިނުމަށާއި ހިސާންގެ އަރިހުން މާފަށް އެދިވަޑައިގަތުމަށް އަންގަން މަޖިލީހުގެ އިމްތިޔާޒާއި ސުލޫކް ކޮމިޓީން ފާސްކޮށްފި އެވެ.

މިދިޔަ އާދީއްތަ ދުވަހު މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ބައްދަލުވުން ނިންމައިލި ވަގުތު، ހިސާން ދަންޖައްސަން ޖެހޭ ކަމާއި އޭނާ މަރައިލިޔަސް ފާފަ ނުވާނެ ކަމަށް ސިޔާމް ވިދާޅުވި މައްސަލައެއް ހިސާންގެ ފަރާތުން މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަމާލު ކަމަށް ވަނީ ގެނެސްފަ އެވެ.

އެ މައްސަލައިގައި ސުލޫކް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން ހުށަހެޅުއްވީ ސިޔާމަށް ނަސޭހަތްތެރިވުމަށާއި މާފަށް އެދިވަޑައިގަތުމަށް އެންގުމަށެވެ.

އެ ހުށަހެޅުމަށް ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވީ ސިޔާމް މިހާރު ވަނީ ހިސާންގެ ކިބައިން މާފަށް އެދިވަޑައިގެންފައި ކަމަށާއި އެ ދެ ބޭފުޅުން މިހާރު ސަލާންކޮށް މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެކަމާ ގުޅޭ ގޮތުން "މިހާރު" ން ސުވާލު ކުރުމުން ކޮމެންޓެއް ކުރަން ބޭނުން ނުވާ ކަމަށް ސިޔާމް ވިދާޅުވި އެވެ.

އެމްޑީއޭގެ ލީޑަރު ސިޔާމް މާފަށް އެދިވަޑައިގަތް ކަމަށް އާދަމް ޝަރީފް ވިދާޅުވުމުން އެ މައްސަލަ ބޭރުކޮށްލަން ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި އެވެ. ނަމަވެސް ފާސްވީ ސިޔާމް ހިސާންގެ އަރިހުން މާފަށް އެދިވަޑައިގަންނަވަން އެންގުމަށާއި ނަސޭހަތްތެރިވުމަށެވެ.

ސުލޫކް ކޮމިޓީން ސިޔާމަށް ފިޔަވަޅެއް ނޭޅި ނަމަވެސް މަޖިލީހުން ވަނީ އެ މައްސަލަ ފުލުސް އޮފީހަށް ވެސް ހުށަހަޅައިފަ އެވެ.