އިދިކޮޅު އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް ތުޅާދޫ ދާއިރާގެ ކުރީގެ މެމްބަރު ހިސާން ހުސެއިން އައްޔަން ކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
އޭނާ އެ މަގާމަށް އައްޔަން ކުރަން ފެނިވަޑައިގަންނަވާ ކަމަށް ގައުމީ މަޖިލިހުގެ މިރޭގެ ބައްދަލުވުމަށް ވަޑައިގެންނެވި 40 މެމްބަރުން ވެސް ވޯޓު ދެއްވި އެވެ.
ގާނޫނީ ވަކީލު ހިސާން އެމްޑީޕީގެ ނައިބަކަށް އައްޔަން ކުރަން ފާސްކޮށްދިނުމަށް އެދިވަޑައިގެން ގައުމީ މަޖިލީހަށް ހުށަހެޅުއްވީ އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދެވެ.
ހިސާނަށް ގައުމީ މަޖިލީހުގެ ރުހުން ލިބިވަޑައިގެންނެވިއިރު، ޝާހިދު ވިދާޅުވީ އެމްޑީޕީގެ ލީޑަޝިޕްގައި މިވަގުތު އަންހެން ބޭފުޅުން މަދު ކަމަށާއި ހިސާނަކީ އެ މަގަމަށް އެންމެ އެކަށީގެންވާ ފަރާތް ކަމަށެވެ.
ހިސާނަކީ އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމް އަދާކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އަދި 19 ވަނަ މަޖިލީހުގައި ތުޅާދޫ ދާއިރާގެ މެންބަރު ކަމުގެ އިތުރުން މަޖިލީހުގެ ޖުޑިޝަރީ ކޮމީޓީ އާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސްކަން ވެސް ކުރެއްވި އެވެ.
އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުން ހިސާން އިސްތިއުފާ ދެއްވީ މިއަދެވެ. އެއީ އެ ޕާޓީގެ ނައިބު ރައީސްކަމަށް ވަޑައިގަތުމަށެވެ.