ވަޒީރުންގެ ގެ އާއި އެ ބޭފުޅުން ބޭނުންކުރައްވާ ކާރުތަކުގައި ވެސް ދިވެހި ދިދަ ހަރުކޮށްފައި ބަހައްޓަންޖެހޭ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.
ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު، ގައުމާ މުހާތަބުކުރައްވައި ދެއްވި ފުރަތަމަ ތަގްރީރުގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކޮންމެ ދުވަހެއްގެ 24 ގަޑިއިރު ދިވެހި ދިދަ ނަގާފައި ބަހައްޓަވަން ނިންމަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް އޮފީހުގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ ދިވެހި ގައުމަށް ކުރާ ގަދަރު އަލުން އިއާދަކުރެއްވުމަކީ ރައީސްގެ ތަގުރީރުގައި ވެސް އެންމެ ބޮޑަށް އަލިއަޅުއްވާލެއްވި އެއް ނުކުތާ ކަމަށެވެ.
"އެމަނިކުފާނުގެ ވިސްނުންފުޅަކީ ދިވެހި ދިދައަކީ އަޅުގަނޑުމެން ގައުމެއްގެ ގޮތުގައި އަދި ދައުލަތެއްގެ ގޮތުގައި އެންމެ ބޮޑަށް ރަމްޒުކޮށްދޭ އެންމެ މަތިވެރި ނިޝާނޭ،" އޭނާ ވިދާޅުވި އެވެ.
ފިރުޒުލް ވިދާޅުވީ ދިދައަކީ ދިވެހިވަންތަކަން އެންމެ ބޮޑަށް ރަމްޒުކޮށްދޭ އެއް ނިޝާން ކަމަށްވާތީ ވަޒީރުންގެ ގެ އާއި އެ ބޭފުޅުންގެ ކާރުގައި ވެސް ދިވެހި ދިދަ ވިހުރިވިހުރި ހުންނަން ޖެހޭ ގޮތަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.
އެ ނިންމުމުގެ މައިގަނޑު ބޭނުމަކީ ދިވެހި ދިދަ ބޭނުންކުރެވޭ މިންވަރު އިތުރުކޮށް ދިދައަށް އޮތް ޝަރަފާއި ކަރާމާތް އިތުރުކުރުން ކަމަށް ވެސް ފިރުޒުލް ވިދާޅުވި އެވެ.
"މި ހުރިހާ ނިންމުންތަކެއްގެ މަގްސަދަކީ ދިވެހި ދިދަ އަޅުގަނޑުމެންގެ މުޖުތަމައުގައި ބޭނުންކުރެވޭ މިންވަރު އިތުރުކޮށް، އެ ދިދައަށް އޮތް ޝަރަފާއި ކަރާމާތް އިތުރުކުރުން. އަދި އޭގެ ތެރެއިން އަޅުގަނޑުމެންގެ ގައުމިއްޔަތު ދިރުވާ އާލާކޮށް އަޅުގަނޑުމެންގެ ދިވެހިވަންތަ ޝަހުސިއްހަތު ކުރިއަށް ނެރެ، އަޅުގަނޑުމެންގެ އަމިއްލަވަންތަކަމަށްޓަކައި ފަހުރުވެރިވާ ޖީލެއް ބިނާކުރުން."
މީގެ އަހަރުތަކެއް ކުރިން، ސަރުކާރުގެ ހުރިހާ އޮފީސްތަކުގެ އިމާރާތުގެ ބޭރުގައި ކޮންމެ ދުވަހެއްގެ ހެނދުނު 6:00 ގައި ގައުމީ ދިދަ ނަގައި ހަމަ އެ ދުވަހުގެ ހަވީރު 6 ޖަހާއިރު ދިދަ ތިރިކުރެ އެވެ. އެކަމަކު، ސަރުކާރުގެ އޮފީސްތަކުގައި 24 ގަޑިއިރު ދިދަ ނަގާފައި ބަހައްޓަން ނިންމާފައި މިވަނީ ދިދަ ނެގުމުގެ ސަގާފަތް އުވި ސަރުކާރުގެ އޮފީސްތަކުގައި ގައުމީ ދިދަ ނެގުން އެއްކޮށް ހުއްޓާލާފައިވާތާ ދުވަސްތަކެއް ފަހުންނެވެ.