ޓީމު ވަރުގަދަކުރަން ބަޖެޓް ނެތުމުން މާލޭ ލީގު ކޮލިފިކޭޝަނުގައި ބައިވެރިނުވާން ނިންމާފައިވާ ކަމަށް ދެ ވަނަ ޑިވިޝަނުގެ ރަނަރަޕް ކުޑަހެންވޭރު ޔުނައިޓެޑުން ބުނެފި އެވެ.
އަންނަ މަހު ފަށާ މާލޭ ލީގު ކޮލިފައިންގައި ވާދަކުރާނީ ކުޑަހެންވޭރުގެ އިތުރުން ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ކްލަބް ޒެފްރޯލާއި އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކުން ކެޓި ކްލަބް އީގަލްސް އާއި ވިކްޓަރީ އާއި ކްލަބް ވެލެންސިއާ އަދި ޔުނައިޓެޑް ވިކްޓަރީ އެވެ. ކޮލިފިކޭޝަނުގެ ގަދަ ހަތަރު ޓީމަށް އަންނަ އަހަރު ފުރަތަމަ ޑިވިޝަނުން ޖާގަ ލިބޭއިރު ފުލަށްދާ ދެ ޓީމު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވާނެ އެވެ.
ކުޑަހެންވޭރުގެ ސީނިއާ އޮފިޝަލަކު ބުނީ ކޮލިފިކޭޝަނުގައި ފުރަތަމަ ޑިވިޝަނުގެ ޓީމުތަކާ ވާދަކުރަން އެކަށީގެންވާ ޓީމެއް އެކުލަވާލަން ޖެހޭ ކަމަށާއި އެކަން ކުރަން ބަޖެޓެއް ނެތް ކަމަށެވެ.
"ދެ ވަނަ ޑިވިޝަނަށް ވެސް އެވަރުގެ ހަރަދެއް ކުރުމަށް ފަހު އަނެއްކާ ކޮލިފިކޭޝަނަށް އެވަރުގެ ހަރަދެއް ކުރެވެން އަޅުގަނޑުމެންނަށް ނެތް. ކޮންމެ ގޮތެއް ވިޔަސް ފުރަތަމަ ޑިވިޝަނުގެ ޓީމުތަކާ ވާދަކުރަންޏާ އެބަޖެހޭ ޓީމު ވަރުގަދަކުރަން. އެކަން ނުކޮށް ބޭކާރު ގޮތުގައި ވާދަކުރުމުގެ ބޭނުމެއް ނެތް،" އޭނާ ބުންޏެވެ.
އެ ކްލަބުގެ ނިންމުން މިއަދު އެފްއޭއެމަށް އަންގާނެ އެވެ. ކްލަބެއް މުބާރާތަކުން ވަކިވެއްޖެ ނަމަ އެ މައްސަލަ ޑިސިޕްލިނަރީ ކޮމިޓީން ބެލުމަށް ފަހު ފިޔަވަޅު އަޅާނެ އެވެ.
ކުޑަހެންވޭރަށް ދެ ވަނަ ޑިވިޝަނުގައި ކުޅުނު ގިނަ ކުޅުންތެރިންތަކެއް ވަނީ މިހާރު ހުޅުވިފައިވާ ޓްރާންސްފާގައި އެހެން ކްލަބްތަކަށް ބަދަލުވެފަ އެވެ. އޭގެ ތެރޭގައި ގްރީންސްޓްރީޓްސް އަށް ބަދަލުވެފައިވާ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު އަހުމަދު އަޝްފާން (އަޝްކޮ) އާއި ކްލަބް އީގަލްސް އަށް ބަދަލުވި ބްރެޒިލް ފޯވާޑް އެންޑަސަން ފާހަގަކޮށްލެވެ އެވެ.