ސިއްހީ ދާއިރާގެ މައުލޫމާތު ދިނުމަށް އެމްވީ މެޑިކަލްސް އިން ބާއްވާ "މޯލްޑިވްސް މެޑިކަލް އެކްސްޕޯ"ގެ ޕާޓްނަރުންނާއެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ވަނީ މެޑިކަލް އެކްސްޕޯގެ ނުވަ ސްޕޮންސަރުންނާއެކު އެއްބަސްވުން ގާއިމްކޮށްފަ އެވެ.
އެއީ ސަޕޯޓިން ސްޕޮންސަރާއި ޕާޓްނަޝިޕް އެއްބަސްވުމާއި ޓްރެވެލް ޕާޓްނަރާއި ޓެކްނޮލޮޖީ ޕާޓްނަރާއިި އޮންލައިން މީޑިއާ ޕާޓްނަރުގެ އިތުރުން ލައިޓް އެންޑް ސައުންޑާއި ހޮޓެލްގެ ސްޕޮންސަރާއި ފިޓްސް އަދި އެގްޒިބިޝަން އޯގަނައިޒާ އެވެ.
ސަޕޯޓިން ޕާޓްނާ: ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ)
އިން ޕާޓްނަޝިޕް: މެޑްލައިފް އޭޝިޔާ
ޓްރެވެލް ޕާޓްނަރު: އިންޓުއާ މޯލްޑިވްސް
ޓެކްނޮލޮޖީ ޕާޓްނަރު: އުރީދޫ
އޮންލައިން މީޑިއާ ޕާޓްނަރު: ސަން މީޑިއާ ގްރޫޕް
ލައިޓް އެންޑް ސައުންޑް: އުނިކާ
ހޮޓެލް ޕާޓްނަރު: ޗަމްޕާ ސެންޓްރަލް ހޮޓެލް
ފިޓްނެސް: ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ)
އެގްޒިބިޝަން އޯނަގައިޒާ: ޕްލެޓިނަމް
ސްޕޮންސަޝިޕް އެއްބަސްވުމުގައި އެމްވީ މެޑިކަލްސްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ އޮފް މާކެޓިން އަދި ޕަބްލިކް ރިލޭޝަންސް އަބްދުލް ޖަލީލް ހަސަނެވެ. ކުންފުނިތަކުން ސޮއިކުރެއްވީ އެ ތަންތަނުގެ އިސްވެރިންނެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަދައްކަވަމުން ޖަލީލް ވިދާޅުވީ ސިއްހީ ފަރުވާގެ ކަންކަމަށް ގިނަ އަދަދެއްގެ ބަޔަކު ރާއްޖޭން ބޭރަށް ދާ ކަން ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. ނަމަވެސް ބައެއް ފަރުވާތަކަކީ ވަރަށް އާދައިގެ އަދި ރާއްޖޭން ވެސް ވަރަށް ފުރިހަމަ އަށް ލިބެން ހުރި ހިދުމަތްތަކެއް ކަމާއި އެހެން ދިމާވަނީ، ލިބެން ހުރި ފަރުވާގެ މައުލޫމާތު އާއްމުންނަށް ނޭނގޭތީ ކަން ޖަލީލް ފާހަގަކުރެއްވި އެވެ
"..ރާއްޖޭން އެ ހިދުމަތްތައް ލިބިއްޖެނަމަ ލިބޭނެ ފަސޭހަތައް އެނގިފައި ނެތުމަކީ ވެސް ފަރުވާއަށް ދިވެހިން ބޭރަށް ދާ ސަބަބުތައް،" ޖަލީލް ވިދާޅުވި އެވެ.
ސިއްހީ ދާއިރާ އަކީ މާ ވާދަވެރި މާކެޓެއް އޮތް ދާއިރާއެއް ނޫން ކަމަށާއި ނަމަވެސް އެކްސްޕޯގެ ބޭނުމަކީ ރާއްޖެއާ ބޭރުގެ ގައުމުތަކުން ލިބެންހުރި ސިއްހީ ހިދުމަތްތަކުގެ މައުލޫމާތު ދިނުން ކަމަށް ޖަލީލް ވިދާޅުވި އެވެ.
އަންނަ މަހުގެ 9-11 ވަނަ ދުވަހާ ހަމައަށް ނޭޝަނަލް އާޓްގެލެރީގައި ބާއްވާ އެކްސްޕޯގައި ސިއްހީ ހިދުމަތް ދޭ ގިނަ ހޮސްޕިޓަލްތަކުން ބައިވެރިވާނެ ކަމަށް މިކަން އިންތިޒާމްކުރާ އެމްވީ މެޑިކަލްސް އިން ބުންޏެވެ.
މިއީ އެ ކުންފުނިން ބާއްވާ ދެ ވަނަ އެކްސްޕޯ އެވެ. ފުރަތަމަ އެކްސްޕޯ މިދިޔަ އަހަރު ބޭއްވިއިިރު އެ ހަރަކާތަށް ވެސް ގިނަ ބައެއްގެ ތަރުހީބު ލިބުނު ކަމަށް ޖަލީލް ވިދާޅުވި އެވެ.