ކުރިއަށް އޮތް ދެ ތިން ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.
މެޓުން ވަނީ ހަވީރު 4:20 އާ ހަމައަށް ށ. އަތޮޅުން ފެށިގެން ގދ. އަތޮޅާ އަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު އެލާޓް ނެރެފަ އެވެ. ބޯކޮށްވާރޭވެހުމާ އެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މެޓްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ކުރިއަށް އޮތް "ދެތިން ހަތަރު ދުވަހެއް" ގައި ވެސް މޫސުން އޮންނާނީ މިކަހަލަ ގޮތަކަށް ކަމަށެވެ.
އެ ދުވަސްތަކުގައި މުޅި ރާއްޖޭގެ މޫސުން އޮންނާނީ ވިއްސާރަކޮށް ކަމަށާއި ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"މުޅި ރާއްޖެއަށް ވެސް ވިއްސާރަކޮށް ދައްކަނީ،" އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާން ފަށާ ދުވަސްވަރެވެ.