ވޮޝިންޓަން (އޮގަސްޓް 18) - ޑޮނަލްޑް ޓްރަމްޕަކީ އެމެރިކާ އަށް ލިބުނު ރަނގަޅު ރައީސެއް ނޫން ކަމަށް ކުރީގެ ފަސްޓް ލޭޑީ މިޝޭލް އޮބާމާ ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓިކް ޕާޓީގެ ނޭޝަނަލް ކޮންވެންޝަންގައި، ކުރިން ރެކޯޑްކޮށްފައިވާ މެސެޖެއްގައި މިޝޭލް ވަނީ އެމެރިކާގެ އެއްބައިވަންތަކަށާއި ބައިބައިވެފައިވާ މުޖްތަމައު އެކަތިގަނޑަކަށް ހެދުމަށް ގޮވާލައްވައިފަ އެވެ. އަދި އެކަން ކުރެވޭނީ ޓްރަމްޕުގެ ބަދަލުގައި ވެރިކަމަށް ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ގެނެސްގެން ކަމަށް އެކަމަނާ ވިދާޅުވި އެވެ.

"ޓްރަމްޕުގެ ސިޔާސަތުތައް ފެއިލްވުމުން މުޅި އެމެރިކާ ވަނީ ބޮއްސުންލާފައި. ހިތްތިރި ބައިޑަންގެ ލީޑަޝިޕުގެ ސަބަބުން އެ ހުރިހާ ކަމެއް ރަނގަޅުވެ، އެމެރިކާގެ ރައްޔިތުންނަށް ފާހަގަތިކަން ގެނެސްދޭނެ،" މިޝޭލް ވިދާޅުވި އެވެ.

ޑިމޮކްރެޓިކް ޕާޓީން ރަސްމީކޮށް ބައިޑަން ނޮމިނޭޓްކުރާނީ ބުރާސްފަތި ދުވަހު އެވެ. ޑެލިގޭޓުން މި ފަހަރު ވޯޓު ދިނުމަށް ހަމަޖެހިފައި ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

ޓްރަމްޕަށް ބަހުގެ ހަމަލާތައް ދެއްވައި 2009 އިން 2016 އަށް ފަސްޓް ލޭޑީގެ މަގާމުގައި ހުންނެވި މިޝޭލް ވިދާޅުވީ ޓްރަމްޕަކީ އެމެރިކާ އަށް މިއަދު ދިމާވެފައިވާ ގޮންޖެހުންތައް ހައްލު ކުރުމުގެ ގާބިލްކަން ހުރި މީހެއް ނޫން ކަމަށެވެ.

މިޝޭލްގެ ރެކޯޑްކޮށްފައިވާ މެސެޖަށް ޖޯކް ޖައްސަވައި ޓްރަމްޕް ވިދާޅުވެފައި ވަނީ އެމެރިކާގެ ގިނަ މީހުން ޓީވީ ދޮށަށް އެއްވެ އެ ވާހަކަތައް އަޑުއަހާނެ ކަމަށް ގަބޫލް ނުކުރެވޭ ކަމަށެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު އޮންނާނީ ނޮވެމްބަރު 3 ވަނަ ދުވަހު އެވެ.