ބަލާ ބެލުމަށް ހީވަނީ މައިކްރޮއެސްޑީ ކާޑުތަކެއްހެންނެވެ. ތަންކޮޅެއް ޝައުގުވެރިކަމާ އެކު ބަލާލުމުން މައިކްރޮއެސްޑީ ކާޑުތަކެއް ނޫންކަން ކަށަވަރުވެ އެވެ. ފޮޓޯއިން އެ ފެންނަނީ "ޔޫއެފްއެސް" (ޔުނިވާސަލް ފްލޭޝް ސްޓޯރޭޖް) ކާޑުތަކެކެވެ.
ސެމްސަންގުން ނޫން ކުންފުންޏަކުން އަދި މި ޓެކްނޮލޮޖީ ތައާރުފުނުކުރެ އެވެ. އެ ކުންފުނިން ބުނާ ގޮތުގައި މައިކްރޮއެސްޑީ ކާޑުތައް ދޫކޮށް އާ ޖީލަކަށް މަރުހަބާ ކިޔަން ވަގުތު ޖެހުނީ އެވެ.
އޮޅުނަ ނުދެއްޗެވެ. ޔޫއެފްއެސް އަކީ "ޔޫއެޗްއެސް" (އަލްޓްރާ ހައި ސްޕީޑް) އެއް ނޫނެވެ. ޔޫއެޗްއެސް އަކީ "އެސްޑީ" (ސެކިޔޯ ޑިޖިޓަލް) އަށް ނިސްބަތްކުރެވޭ މިންގަނޑެކެވެ. ޔޫއެފްއެސް ކާޑާއި މައިކްރޮއެސްޑީ ކާޑުގެ ތަފާތަކީ ސްޕީޑެވެ. ފިޒިކަލް ސިފަ އާއި ބައްޓަން ވެސް ތަފާތެވެ. މައިކްރޮއެސްޑީ ކާޑަށް ސްޕީޑް ނެގޭ ވަރަށް ވުރެ ޔޫއެފްއެސް ކާޑުގެ ސްޕީޑް އެތައް ގުނައެއް އިތުރެވެ.
ސްޕީޑްގެ ތަފާތުން ޔޫއެފްއެސް ކާޑު ކުރި ހޯދި ނަމަވެސް ހިތާމަ އަކީ ޔޫއެފްއެސް ކާޑު ބޭނުންކުވޭ އާލާތެއް ދުނިޔޭގައި ވެސް އަދި ނެތުމެވެ. އޮތް އުންމީދަކީ ސެމްސަންގުން އެ ޓެކްނޮލޮޖީ ތައާރުފުކުރުމެވެ.
ސެމްސަންގް ގެލަކްސީ ނޯޓް 7 މާކެޓަށް ނެރެން ތައްޔާރުވަމުން އަންނައިރު، އެ ފޯނުގައި ޔޫއެފްއެސް ސްލޮޓެއް ހުރެދާނެ ކަމާ މެދު ޝައްކެވެ. ހުރެ ވެސް ދާނެ އެވެ. ސެމްސަންގުން ޔޫއެފްއެސް ކާޑުތައް އުފެއްދި ޚަބަރު ދިންއިރު، ޔޫއެފްއެސް ކާޑު ސްލޮޓެއްގެ ވާހަކަ ސެމްސަންގުން ނަން ވެސް ނުގަނެ އެވެ. އެހެން ނަމަވެސް ޔޫއެފްއެސް ކާޑާއި މައިކްރޮއެސްޑީ ކާޑު ޖެހޭ ސްލޮޓެއް އެ ކުންފުނިން އުފައްދައިފި އެވެ.
ޔޫއެފްއެސް ކާޑާއި މައިކްރޮއެސްޑީ ކާޑު އެއް ސްލޮޓެއްގައި ބޭނުންކުރެވޭ ނަމަ އާ ޓެކްނޮލޮޖީ ބަލައިގަތުން ބޭނުންކުރާ މީހުންނަށް ފަސޭހަވާނެ އެވެ. ސެމްސަންގް ފޯނުތައް ތައާރުފުކުރާ ނިސްބަތް އެހާ ކުރީގައި އުޅޭއިރު ޔޫއެފްއެސް ކާޑު ވައިގައި ހިފާނެ ކަމަށް ބެލެވެ އެވެ. އެ ސްލޮޓް އާންމުކުރުމަށް ސެމްސަންގުން ހާޑްވެއާ ކުންފުނިތަކާ އެކު މަޝްވަރާކުރާ ކަމަށް ވެސް ބުނެވެ އެވެ. އެންޑްރޮއިޑްގައި ޔޫއެފްއެސް ސަޕޯޓް ހިމެނުމަށް ގޫގުލްއާ ވެސް ވާހަކަދައްކާ ކަމަށް ބުނެވެ އެވެ.