ކުރިން އެއް މިނިސްޓްރީއެއްގެ ގޮތުގައި ހިންގި ޔޫތާއި ސްޕޯޓްސް މިނިސްޓްރީ މި ސަރުކާރުން ބައިކޮށް، ދެ މިނިސްޓްރީ އަށް ބަދަލުކޮށް، ސާމާނުތައް ބަހާލި ވަގުތު ބައެއް ތަކެތި ގެއްލިއްޖެ އެވެ.
މިދިޔަ މަހުގެ ފަހުކޮޅު ގެއްލުނު ސާމާނުތަކުގެ ތެރޭގައި ހަ މޮނިޓަރާއި ދެ ސީޕީޔޫ އަދި 65 އިންޗީގެ ޓީވީއެއް ވެސް ހިމެނެ އެވެ.
އެނގިފައިވާ ގޮތުގައި އެ ތަކެތި ގެއްލުނުކަން ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން މިހާރު ވަނީ ތަހުގީގު ފަށައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޔޫތު މިނިސްޓްރީ ބަދަލުކުރީ ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރގެ ނަމަށެވެ. ސްޕޯޓްސް މިނިސްޓްރީ ބަދަލުކުރީ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ނަމަށެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ސްޕޯޓްސް މިނިސްޓްރީން މައްސަލަ ފުލުހުންގެ އިދާރާ އަށް ހުށަހެޅީ އެއް މިނިސްޓްރީން އަނެއް މިނިސްޓްރީ އަށް ސާމާނު ބަދަލުކުރި ގަޑީގައި ގެއްލުނު ތަކެތީގެ ލިސްޓަކާ އެވެ.
އެނގިފައިވާ ގޮތުގައި އެ ތަކެތި ގެއްލުނު މުއްދަތުގެ ވީޑިއޯ ފުޓޭޖެއް ވެސް ފެންނާކަށް ނެތެވެ.
ސްޕޯޓްސް މިނިސްޓްރީ ހިންގަނީ ކުރިއެކޭ އެއްގޮތަށް ވެލާނާގޭ ބިލްޑިންގްގެ ތިންވަނަ ފްލޯގަ އެވެ. ޔޫތު މިނިސްޓްރީ ބަދަލުކުރީ އެ އިމާރާތުގެ ހަތަރުވަނަ ފްލޯގަ އެވެ.