އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުން މިއަދު ތ. ހިރިލަންދޫ އަތުން 1-0 އިން ތ. ތިމަރަފުށި މޮޅުވެއްޖެ އެވެ.
އަތޮޅުތަކަށް ހާއްސަކޮށްގެން ބާއްވާ ފުޓްބޯޅަ މުބާރާތުގެ މި އަހަރުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ތިމަރަފުށީ ޓީމުގެ އާދަމް ނާސިހެވެ. ތިމަރަފުށީ ދަނޑުގައި ކުޅުނު މި މެޗުގެ 15 ވަނަ މިނެޓުގައި އޭނާ ލަނޑު ޖެހީ ހިލޭ ޖެހުމަކުންނެވެ.
ތިމަރަފުށީ ދަނޑުގައި ބޭއްވި ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) އެވެ. މި ރަސްމިއްޔާތުގައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލާއި އެ އެސޯސިއޭޝަނުގެ އެކްސްކޯ މެމްބަރު އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލްގަނީ ބައިވެރިވި އެވެ.
ކުރިން އަތޮޅު ފުޓްބޯޅަ މުބާރާތުގެ ނަމުގައި ކުޅެމުން އައި މުބާރާތް ރި-ބްރޭންޑް ކޮށްފައިވާއިރު މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ 74 ރަށަކުން ވަނީ ބައިވެރިވެފަ އެވެ. މުބާރާތް ސްޕޮންސާކޮށްފައިވަނީ އެސްޓީއޯ އިންނެވެ.
ތ. އަތޮޅަކީ މި ފަހަރުގެ މުބާރާތުގައި އެންމެ ގިނަ ރަށް ބައިވެރިވި އަތޮޅެވެ. އެ އަތޮޅުން ޖުމްލަ ހަތް ޓީމު ބައިވެރިވިއިރު، ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލައިފަ އެވެ. ގްރޫޕް އޭގައި ހިމެނެނީ ތިމަރަފުއްޓާއި ހިރިލަންދޫ އާއި ވަންދޫ އަދި ކިނބިދޫ އެވެ. މި ގްރޫޕްގެ މެޗުތައް ކުޅޭނީ ތިމަރަފުށީގަ އެވެ. އަނެއް ގްރޫޕްގައި ތިން ޓީމު ހިމެނޭއިރު މެޗުތައް ކުޅޭނީ ގުރައިދޫގަ އެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ވިލުފުއްޓާއި ވޭމަންޑޫ އެވެ.
މި ފަހަރުގެ މުބާރާތުގައި އެންމެ މަދުން ބައިވެރިވެފައިވަނީ ޏ އަތޮޅާއި ވ އަތޮޅުންނެވެ. މި ދެ އަތޮޅުން ވެސް ބައިވެރިވީ އެންމެ ޓީމެކެވެ. އަދި ނ. އަތޮޅާއި ބ. އަތޮޅުގެ ތެރެއިން ކޮންމެ އަތޮޅަކުން ވެސް ބައިވެރިވީ ދެ ޓީމެވެ. އެއްވެސް ޓީމަކުން ބައިވެރިނުވަނީ އއ އަތޮޅުންނެވެ. އެފްއޭއެމުން ބުނީ އެންމެ ޓީމަކުން ބައިވެރިވި ދެ އަތޮޅުގައި އަތޮޅު މުބާރާތް ނޯންނާނެ ކަމަށާއި އެ ދެ ޓީމު އޮޓަމެޓިކުން ޒޯން މުބާރާތަށް ކޮލިފައިވާނެ ކަމަށެވެ. އަދި ދެ ޓީމު ބައިވެރިވި އަތޮޅު ތަކުގައި ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުން ފައިނަލެއް ކަމަށެވެ.
މިފަހަރުގެ މުބާރާތަށް ގެނެވުނު ބަދަލަށް ބަލާއިރު އަތޮޅު ތަކުގެ މެދުގައި ކުޅެވޭ ބުރު އޮންނާނީ ކޮންމެ އަތޮޅަކުން ހޯސްޓްކުރާ އެއް ރަށުގަ އެވެ. އަދި ޒޯން ބުރު ހޯމް އެންޑް އަވޭ އުސޫލުން ކުޅުމަށް ފަހު ފައިނަލް ބުރު އޮންނާނެ ރަށެއް ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. މިދިޔަ އަހަރުގެ މިނިވަން 50 ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދީ ސ.ފޭދޫ އިންނެވެ.