އެސްޓީއޯ މިނިވަން ފުޓްބޯޅަ މުބާރާތުގެ ތ. އަތޮޅުގެ ޗެމްޕިއަންކަން ތިމަރަފުށި ހޯދިއިރު، ލ. އަތޮޅުގެ ޗެމްޕިއަކަން ގަން ހޯދައިފި އެވެ.
ތ. އަތޮޅުގެ ޗެމްޕިއަންކަން ތިމަރަފުށިން ހޯދީ އިއްޔެ ހަވީރު ގުރައިދޫގައި ކުޅުނު ދެ ވަނަ ލެގުގެ މެޗުން 2-1 އިން ބަލިވި ނަމަވެސް އެގްރިގޭޓުން 6-3 އިން ކުރިހޯދައިގެންނެވެ. ތިމަރަފުށީ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން އެ ޓީމުން މޮޅުވީ 5-1 އިންނެވެ.
ތ. އަތޮޅުގެ ފައިނަލު ދެ ލެގަށް ކުޅުނީ އެ އަތޮޅުގެ މެޗުތައް ކުރިއަށްގެންދިޔައީ ދެ ގްރޫޕަކަށް ބަހާލައިގެން ކަމަށްވެފައި، ފައިނަލުގައި ދެ ޓީމަށް ވެސް ހަމަހަމަ ފުރުސަތެއް ދިނުމުގެ ގޮތުންނެވެ. ތ. އަތޮޅުން ޖުމްލަ ހަތް ޓީމު ވަނީ ވާދަކޮށްފަ އެވެ.
ލ އަތޮޅުގެ ޗެމްޕިއަންކަން ގަން ހޯދީ ފައިނަލުގައި މާބައިދޫ އަތުން 1-0 އިން މޮޅުވެގެންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ގަމަށް ކާމިޔާބު ކޮށްދިނީ ހުސެއިން ފައިސަލް އެވެ.
ތ. އަތޮޅާއި ލ. އަތޮޅު ހިމެނޭ ޒޯން ހައެއްގެ ފުރަތަމަ ލެގުގެ މެޗު އޮންނާނީ އަންނަ ބުދަ ދުވަހު ތިރަފުށީގަ އެވެ. އަދި ގަމުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގަ އެވެ.
ކުރިން އަތޮޅު ފުޓްބޯޅަ މުބާރާތުގެ ނަމުގައި ކުޅެމުން އައި މުބާރާތް ރި-ބްރޭންޑް ކޮށްފައިވާއިރު މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ 74 ރަށަކުން ވަނީ ބައިވެރިވެފަ އެވެ. މުބާރާތް ސްޕޮންސާކޮށްފައިވަނީ އެސްޓީއޯ އިންނެވެ. އަތޮޅު ބުރަށް ފަހު ދެން އޮންނާނީ އަތޮޅު ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ޒޯން ބުރެވެ. އަދި ފައިނަލް މުބާރާތް އޮންނާނީ ޒޯންތަކުގެ ޗެމްޕިއަނުންގެ މެދުގަ އެވެ.