މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އއ. ބޮޑުފޮޅުދޫ ފިރިހެންވެރިން ނުކުމެ އަންހެނުންގެ މަސައްކަތްތަކުގައި ބައިވެރިވެ ތަފާތު ގޮތަކަށް އަންހެނުންގެ ދުވަސް ފާހަގަ ކުރަމުން އެބަދެ އެވެ.
އެރަށުގެ ކައުންސިލް ރައީސް އާދަމް ޝުޖާއު ވިދާޅުވި ގޮތުގައި ރޭގެ ވަގުތެއްގައި ރަށުގެ ފިރިހެނުން ވަނީ މުޅި ރަށް އެއްކޮށް ކުނިކަހައިފަ އެވެ. އަދ މިއަދު ހެނދުނު ރަށުގެ ފިރިހެނުންގެ ފަރާތުން ރަށުގެ އަންހެނުންނަށް ތައްޔާރުކުރި ހެދުނުގެ ޚާއްސަ ސައެއް ވެސް އޮތެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި ރަށުގެ ޖަމިއްޔާތަކުގެ ފަރާތުން، މިއަދު ހެނދުނާއި މެންދުރު ފަހު ގޭގެ އަށް ޒިޔާރަތް ކޮށް ގޭގޭގެ އަންހެނުންނަށް ހަދިޔާ ދިނުން އޮންނާނެ އެވެ. މި ހަރަކާތުގެ ތެރޭގައި އެކިއެކި ކަންކަމަށް އަންހެނުން ހޭލުންތެރި ކުރުވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން މިއަދު ހަވީރު އެ ރަށުގެ އަންހެނުން އިންތިޒާމު ކޮށްގެން ފިރިހެނުންނަށް ބާއްވާ ހޭންޑް ބޯލް މެޗެއް ވެސް އޮންނާނެ ކަމަށް އޭނަ ވިދާޅުވި އެވެ. އަދި މި ރޭ އެ ރަށުގެ ފިރިހެނުންގެ މެދުގައި ބާއްވާ ކެއްކުމުގެ މުބާރާތެއް ވެސް އޮންނާނެ އެވެ. މި މުބާރާތުގައި ފަނޑިޔާރުކަން ކުރާނީ މުޅިން ވެސް އަންހެނުންނެވެ.
މާލެއެކޭ އެއްގޮތަށް އަތޮޅުތަކުގެ ގިނަ ރަށްރަށުގައި ވަރަށް ކުލަ ގަދަކޮށް މިއަދު ދަނީ އަންހެނުންގެ ދުވަސް ފާހަގަ ކުރަމުންނެވެ.
އެ ގޮތުން ތ. ތިމަރަފުށީގައި ވެސް އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ޔޫތު މިނިސްޓްރީއާ ގުޅިގެން ތަފާތު ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ރަށު އަންހެނުންގެ ކޮމިޓީގެ ރައީސް އާމިނަތު އާރިފާ ވިދާޅުވި އެވެ. މިއަދު ހަވީރު އަންހެނުންގެ ހާއްސަ ވޮލީ މުބާރާތަކާއި ފުޓްސަލް މުބާރާތެއް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ގެވެށި އަނިޔާއާ މެދު ހޭލުންތެރި ކުރުމުގެ ޕްރޮގްރާމަކާއި، ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް، އެ ރަށު ފުލުހުންނާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭގައި ވެސް މިއަދު ވަނީ ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކާއި ޖަމިއްޔާތަކުގައި ވެސް އަންހެނުންގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކޮށްފަ އެވެ.