ރާއްޖޭގެ ރަސްމީ ފުޓްބޯޅަ މުބާރާތެއްގައި ފަހަކަށް އައިސް ފެނިގެން ދިޔަ އެންމެ ތަފާތު ބޮޑު ނަތީޖާއާ އެކު، ހދ. ކުޅުދުއްފުށި 9-0 ބަލިކޮށް އެސްޓީއޯ މިނިވަން ފުޓްބޯޅަ މުބާރާތުގެ ހދ. އަތޮޅު ޗެމްޕިއަންކަން ހދ. ހަނިމާދޫ ހޯދައިފި އެވެ.
ކުޅުދުއްފުށި ޒޯން ސްޓޭޑިއަމުގައި އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ހަނިމާދޫ އިން ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. ކުޅުދުއްފުށީގެ ހަތަރު ހާހެއްހާ ސަޕޯޓަރުންގެ ކުރިމަތީ ކުޅުނު މެޗުގައި ހަނިމާދޫ އިން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
އެ ޓީމުގެ ނުވަ ލަނޑުގެ ތެރެއިން ފަސް ވަނަ ލަނޑު ޖެހީ އުއްމީދީ ފޯވާޑް ނޫރުﷲ ތޯހާ އެވެ. އަނެއް ހަތަރު ލަނޑު ޖެހީ އާދަމް އިބްރާހީމާއި އާސިފް ސަލީމާއި ތޯހާ ޚާލިދުގެ އިތުރުން އަހުމަދު ޚަލީލެވެ.
މުބާރާތުގައި ފުރަތަމަ ފަހަރަށް ބައިވެރިވި ހަނިމާދޫ އިން ތަށި ހޯދިއިރު ދެން އެ ޓީމަށް ޖެހޭނީ ހއ. ޗެމްޕިއަން ކެލާއާ ދެކޮޅަށް ޒޯން މުބާރާތުގައި ވާދަކުރާށެވެ. ދެ ލެގު ކުޅޭ ކާމިޔާބު ހޯދާ ޓީމެއް މިނިވަން ފުޓްބޯޅަ މުބާރާތަށް ހޮވޭނެ އެވެ.
ހއ. އަތޮޅު ޗެމްޕިއަންކަން ކެލާ ހޯދީ ޕެނަލްޓީ ޖަހައިގެން ހއ. ދިއްދޫ އަތުން 4-3 އިން މޮޅުވެގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ.
ހަނިމާދޫގެ ކޯޗު އަދި ގައުމީ ޓީމާއި ނިއު ރޭޑިއަންޓުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ނާސިރު ބުނީ، ތަފާތަކީ ނިންމާލުން ރަނގަޅުވުން ކަމަށާއި ކުޅުންތެރިންގެ ފަރާތުން ފެނުނީ ހިތްވަރު ގަދަ ކުޅުމެއް ކަމަށެވެ.
"ފިނިޝިން ވަރަށް ރަނގަޅަށް ދިޔައީ. ފަސް ލަނޑު ޖެހި ތޯހާ އަކީ ވަރަށް އުއްމީދީ ކުޅުންތެރިއެއް،" ނާސިރު ބުންޏެވެ. "މެޗުގެ ކުރިން ވެސް ބުނިން ނަތީޖާ ނެރޭނީ ދަނޑަށް އަރާ 11 ކުޅުންތެރިންނޭ. ދަނޑު ބޭރުން އެ އަންނަ އަޑުތައް ކެނޑޭނެ، ގޯލެއް ޖަހާއިރަށް. އިދިކޮޅު ޓީމުގެ ސަޕޯޓް ބޮޑުވި ނަމަވެސް، ދަނޑުމަތީގައި ހަނިމާދޫ ޓީމު ކުރި މަސައްކަތުން މޮޅުވީ."
ޒޯން މުބާރާތުގައި ވާދަކުރި ހަނިމާދޫ ޓީމުން 2003 ވަނަ އަހަރު ވިދާލި ނާސިރު ބުނީ، އަމާޒަކީ މިނިވަން ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރުން ކަމަށާއި އެ މުބާރާތަށް ކޮލިފައިވެއްޖެ ނަމަ އިތުރު ކުޅުންތެރިން ގެންނާނެ ކަމަށެވެ.
"ތަށި ހޯދައިދޭން ވަރަށް ބޮޑަށް ބޭނުންވޭ. ރަށަށް މިގޮތަށް ހިދުމަތްކޮށްދެވޭތީ ވަރަށް އުފާވޭ. ކުރިން ރަށު ޓީމަށް ކުޅުމަށް ފަހު މިހާރު ބޭނުންވަނީ ކޯޗެއްގެ ގޮތުގައި ކާމިޔާބު ހޯދައިދޭން،" ނާސިރު ބުންޏެވެ.
ބޮޑު ތަފާތަކުން ބަލިވި ނަމަވެސް، ކުޅުދުއްފުށި ޓީމުގެ ސަޕޯޓަރުން އިއްޔެ ޓީމަށް ދިން ތަރުހީބު ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ. އިއްޔެ މުޅި ރަށުގެ ރައްޔިތުން ރަތްހެދުމުގައި ތިބިއިރު މުޅި ދަނޑު އޮތީ ރަތްކޮށްލައިފަ އެވެ. ޓީމުގެ ޖާޒީގައި ސަޕޯޓަރުން ތިބިއިރު އަތުގައި އޮތީ ޓީމުގެ ބެނާއެއް ނުވަތަ ދިދަ އެކެވެ. ތަފާތު ގޮތަކަށް ދަނޑުގައި ތަރުހީބު ދިންއިރު، މެޗުން ބަލިވި ނަމަވެސް ސަޕޯޓަރުންގެ ރޫހަށް ބަދަލެއް ނާދެ އެވެ.
"ބަލިވިޔަސް އަހަރެމެން ތިބޭނީ ޓީމުގެ ފަހަތުގައި. ކުރިއަށް އޮތްތަނުގައި މިއަށް ވުރެ ފުރިހަމަ ތަރުހީބެއް ދޭނަން،" ކުޅުދުއްފުށި ޓީމުގެ ސަޕޯޓަރަކު ބުންޏެވެ.
ކުރިން އަތޮޅު ފުޓްބޯޅަ މުބާރާތުގެ ނަމުގައި ކުޅެމުން އައި މުބާރާތް ރި-ބްރޭންޑް ކޮށްފައިވާއިރު މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ 74 ރަށަކުން ވަނީ ބައިވެރިވެފަ އެވެ. މުބާރާތް ސްޕޮންސާކޮށްފައިވަނީ އެސްޓީއޯ އިންނެވެ. އަތޮޅު ބުރަށް ފަހު ދެން އޮންނާނީ އަތޮޅު ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ޒޯން ބުރެވެ. އަދި ފައިނަލް މުބާރާތް އޮންނާނީ ޒޯންތަކުގެ ޗެމްޕިއަނުންގެ މެދުގަ އެވެ.