ކުޅިވަރު / ދިވެހި ޕްރިމިއަ ލީގު 2023-2024 ގެ ކޮލިފިކޭޝަން

އުތުރު ލީގު ދެވަނަ ޑިވިޝަންގެ ފުރަތަމަ މޮޅު ކުޅުދުއްފުށީ ޒިގްޒެގަށް

ދިވެހި ޕްރިމިއަ ލީގުގެ ކޮލިފިކޭޝަންގައި އުތުރު ޒޯންގެ ދެވަނަ ޑިވިޝަންގައި އިއްޔެ ހަނިމާދޫގައި ކުޅުނު މެޗެއްގެ ތެރެއިން: އުތުރު ލީގުގެ ފުރަތަމަ މޮޅު ހަނިމާދޫ ބަލިކޮށް ހޯދީ ކުޅުދުއްފުށީގެ ޒިގްޒެގް --- ފޮޓޯ: އެފްއޭއެމް

ރާއްޖޭގެ ފުޓުބޯޅަ ލީގު އަތޮޅުތެރެއަށް ފުޅާކުރުމުގެ ގޮތުން ބަދަލުތަކާ އެކު ދިވެހި ޕްރިމިއާ ލީގު 2023/24 ސީޒަނަށް ކޮލިފިކޭޝަންގެ އުތުރު ލީގުގެ ދެވަނަ ޑިވިޝަންގައި ހަނިމާދޫގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އެ ޑިވިޝަންގެ ފުރަތަމަ މޮޅު ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކްއޭޖުން ހޯދައިފި އެވެ.

އޯޕަން ޑިވިޝަނުގެ މެޗުތަކަށް ފަހު އުތުރަށް ނިސްބަތްވާ އަތޮޅުތައް ވާދަކުރާ ނޯތު ލީގުގެ ފެށީ ދެވަނަ ޑިވިޝަނުންނެވެ. އެމްޓީސީސީގެ ޓައިޓަލް ސްޕޮންސާޝިޕާ އެކު 'އެމްޓީސީސީ އުތުރު ލީގު" ދެވަނަ މެޗުގައި، އިހަވަންދޫ ކްލަބް ޕޯލްސްޓާ އާއި ދިއްދޫ ބްލެކް ޒީނޯ ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

ހަނިމާދޫ ދަނޑުގައި އިއްޔެ ޓީމް ހަނިމާދޫއާ ދެކޮޅަށް ޒިގްޒެގުން ވަނީ މެޗުގެ ނުވަވަނަ މިނިޓުގައި ލީޑު ނަގައިފަ އެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އުސެއިދު އަލީ އެވެ. އެހެން ނަމަވެސް ޓީމް ހަނިމާދޫގެ އާސިފް ސަލީމް ވަނީ މި ހާފު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.

ފޯރި ގަދަ ކުޅުމަކަށް ފަހު ޒިގްޒެގުން ދެވަނަ ފަހަރަށް ލީޑު ނެގީ 78 ވަނަ މިނިޓުގައި، ޒައިދު މުހައްމަދު ޖަހައިދިން ލަނޑުންނެވެ. އަދި އެޓީމުގެ ތިންވަނަ ލަނޑު 86 ވަނަ މިނިޓުގައި ޖަހައިދީ، ތިން ޕޮއިންޓް ޔަގީން ކޮށްދިނީ މުހައްމަދު ނަޝީދެވެ.

ދިއްދޫ ފުޓުބޯޅަ ދަނޑުގައި ބްލެކް ޒީނޯ އާއި ޕޯލްސްޓާ ބައްދަލު ކުރި މެޗުގައި ފުރަތަމަ ލީޑު ނެގީ ޕޯލްސްޓާ އިންނެވެ. މެޗުގެ 17 ވަނަ މިނިޓުގައި މުހައްމަދު ސާޖިދު ޖަހައިދިން ލަނޑުން އެޓީމު މޮޅުވާން ދަނިކޮށް، ބްލެކް ޒީނޯ އަށް ޕޮއިންޓެއް ލިބުނީ 88 ވަނަ މިނިޓުގައި ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އާދަމް ނަސީމެވެ.

އުތުރު ލީގުގައި ޖުމްލަ 16 ރަށަކުން ބައިވެރި ވެފައި ވެއެވެ. ޓީމުތައް ހަތަރު ގުރޫޕަކަށް ބަހާލައިފައި ވާއިރު، ފުރަތަމަ ކުޅެނީ ހއ. އަދި ހދ. އަތޮޅުގެ ޓީމުތައް ހިމެނޭ ގުރޫޕް އޭގެ މެޗުތަކެވެ. މި ގުރޫޕުގެ މެޗުތައް ހޯސްޓު ކުރަނީ ހއ. ދިއްދޫ އާއި ހދ. ހަނިމާދޫގަ އެވެ. ކުޅުދުއްފުށީ ޒިގްޒެގާއި ޓީމް ހަނިމާދޫ އަދި އިހަވަންދޫ ކްލަބް ޕޯލްސްޓާ އާއި ދިއްދޫ ބްލެކް ޒީނޯގެ އިތުރުން މި ގުރޫޕުގައި ދެން ހިމެނެނީ ޓީމް ނެއްލައިދޫ އެވެ.

ނޯތު ލީގުގެ ގުރޫޕް ބީ ގައި ހިމެނެނީ ށ. އަތޮޅުގެ ޓީމުތަކެވެ. މި ގުރޫޕުގެ މެޗުތައް ފަށަން ތާވަލު ކޮށްފައި ވަނީ ޖުލައި މަހުގެ 17 އަށެވެ. އެއަށް ފަހު ނ. އަތޮޅުގެ ޓީމުތަކާ އެކު ގުރޫޕް ސީގެ މެޗްތައް އޮގަސްޓް އެއްވަނަ ދުވަހު ފަށައި، ގުރޫޕް ޑީގެ ކުޅުން ފަށަން އޮތީ އޮގަސްޓް 24 ގަ އެވެ. ގުރޫޕް ޑީ ގައި ހިމެނެނީ ރ. އަތޮޅުގެ ޓީމުތަކެވެ.

ހަނިމާދޫ އާއި ޒިގްޒެގް ކުޅުނު މެޗަށް ނުކުތުމުގެ ކުރިން ދެ ޓީމުގެ ދެމެދުގައި ގުރުލަނީ: އޯޕަން ޑިވިޝަނަށް ފަހު އުތުރު ލީގު ފެށީ ދެވަނަ ޑިވިޝަނުން --- ފޮޓޯ: އެފްއޭއެމް

ޕްރިމިއާ ލީގަށް ކޮލިފައި ވަނީ ކިހިނެއް؟

އެފްއޭއެމުން 2023/24 ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކުރަން ނިންމާފައި ވާއިރު، މުބާރާތްތައް ކުރިއަށް ދާނީ ހަތަރު ޒޯނަކަށް ބަހާލައިގެންނެވެ. ނޯތު ލީގާއި، ސައުތު ލީގުގެ ދެވަނަ ޑިވިޝަނުގެ ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ދެ ޓީމަށް އެއްވަނަ ޑިވިޝަނުން ޖާގަ ލިބޭނެ އެވެ.

ސެންޓްރަލް ލީގުގެ ދެވަނަ ޑިވިޝަނުގެ ކޮންމެ ގުރޫޕަކުން އެއްވަނަ ހޯދާ ޓީމަކަށް އެއްވަނަ ޑިވިޝަން ޔަގީން ވާއިރު، ދެވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ތިން ޓީމަކަށް ވެސް އެއްވަނަ ޑިވިޝަނުން ފުރުސަތު ލިބޭނެ އެވެ. އަދި ކޮންމެ ޒޯނަކުން އެއްވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް 2023/24 ސީޒަނުގެ ޕްރިމިއާ ލީގުން ޖާގަ ލިބޭނެ އެވެ.

ދެން އޮތީ މާލެ ސަރަހައްދު ހިމެނޭ ޒޯނެވެ. މި ޒޯނުން ޕްރިމިއާ ލީގުގެ ޖާގަ ލިބޭނީ މި އަހަރުގެ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަނުންނަށެވެ. އެއީ ދެވަނަ ޑިވިޝަނުގައި މިހާރު ވެސް ކުޅެވެނީ ހަމައެކަނި މާލެ ސަރަހައްދަށް ރަޖިސްޓާ ކޮށްފައިވާ ޓީމުތައް ކަމަށް ވާތީ އެވެ.

މިހާރު ވެސް ދިވެހި ޕްރިމިއާ ލީގުގައި ހިމެނޭ އަށް ޓީމު؛ މާޒިޔާ، ވެލެންސިއާ، އީގަލްސް، ޓީސީ ސްޕޯޓްސް، ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ، ޔުނައިޓެޑް ވިކްޓަރީ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، އަދި ރާއްޖޭގެ ހަތަރު ޒޯނުގެ ޗެމްޕިއަނުންނާ އެކު، އަންނަ އަހަރު ފަށާ ދިވެހި ޕްރިމިއާ ލީގު ކުރިއަށް ގެންދާނީ ޖުމްލަ 12 ޓީމާ އެކު ހޯމް އެންޑް އަވޭ އުސޫލުންނެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮޑު ތިލަދުންމަތީ މީހާ

18 June 2022

މިހާރު ޒިގުސެގު ކިއައިގެން ޓީމު ހެދިއަސް ފުޓުބޯޅައެއް ވަޔަކު ނުހިފާނެ. އަރެމެން ކުޑައިރު ދެރަށު ޓީމު ކުޅޭއިރު ބެންޗުގަ ފެންބޯން ބަނޑިޔަލުގަ ފެންބަހައްޓާ ކުޅުންތެރިންނާ އޮފިސަލުން ބަނޑިއަލައް ކޯލާހުސް ދަޅު ގަންބައިގެން ދަޅުގަ ފެންބުޔަސް، ރަށުފޯރީގަ ދެރަށުގެ ރައްތުން ތީބޭނެބަލަން އަދި ނުލާހިކު އިސްތަށިގަނޑު ރީތި އަންހެން ކުދިން ފުމިފުމިފަ ތަރުހީބު ދޭތި ކުޅުންތެރިން ހޭބަލި ވެފަކުޅޭނެ! މިހާރު އޮންނީ ބޯޅާޔާ ކުޅުން ތެރިން ބަލާމީހަކު ނުދޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454